ނިއު ރޭޑިއަންޓް އަލުން ފުރަތަމަ ޑިވިޝަނަށް؟

Aug 19, 2025, 2:40 AM
ނިއު ރޭޑިއަންޓް އަލުން ފުރަތަމަ ޑިވިޝަނަށް؟

މީގެ ދެ ދުވަސް ކުރިން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ޗެއާމަން، އަހުމަދު މުބީން، އޭނާގެ ރަސްމީ ފޭސްބުކް އެކައުންޓުގައި ލިޔުއްވާފައިވަނީ، ކުރިއަށް އޮތް ސީޒަނަށް ނިއުގެ ބޮޑެތި ކަންތައްތަކެއް އެބަ އަންނަ ކަމަށާއި އެކަންކަން އިއުލާނުކުރުމަށް ބޮޑު އިވެންޓެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަ ވާހަކަ އެވެ. އަދި، ބޮޑެތި ބަދަލުތަކެއް އަންނާނެ ކަމުގެ މޭރުމުން ލިޔުއްވާފައިވާ އެ ޕޯސްޓުގައި ވަނީ، ނިއުގެ ސަޕޯޓަރުންނަށް "އުފާވެރި" ހަބަރެއް އެބައޮތް ކަމަށް ވެސް ވިދާޅުވެފަ އެވެ.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ނިއު އިން އިއުލާނުކުރަން މަސައްކަތް ކުރަމުން އަންނަ އުފާވެރި ހަބަރަކީ، އެ ކްލަބް، އެނބުރި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ކުޅޭ ވާހަކަ ކަމަށެވެ.

ނިއުގެ ޗެއާމަން މުބީން، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓް.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2022 ވަނަ އަހަރުގެ ޖުލައި އެއް ވަނަ ދުވަހާ ހަމައަށް، ނިއު އޮތީ ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެެވެ. ކުޅުންތެރިންނަށް ނުދީ ހުރި މުސާރަ މައްސަލައިގައި އެފްއޭއެމް އިން ނިއު ސަސްޕެންޑްކުރި ކުރުމަކީ، އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަދީލް ޖަލީލާއި ލީޑަޝިޕްގެ ކޮރަޕްޝަނާ ދެކޮޅަށް ތެދުވުމުން ދިން، އަދަބެއް ކަމަށް ނިއު އިން އަބަދުވެސް އަންނަނީ ބުނަމުންނެވެ.

އަލުން ފުރަތަމަ ޑިވިޝަނަށް އަންނަން ކުރާ މަސައްކަތުގައި ދެ ފަހަރެއްގެ މަތިން ދެ ވަނަ ޑިވިޝަނުގައި ކުޅެ ނިއު އަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެވޭ ގޮތެއްނުވި އެވެ. އެކަމަކު، މިދިޔަ ނޮވެމްބަރު މަހު، ނިއުގެ ޗެއާމަންކަމަށް އިންތިހާބުވި މުބީން އެކި ޕޯޑިއަމްތަކުގައި ވިދާޅުވަމުން އައި އެއް ވާހަަކަ އަކީ، ނިއު ހައްގު މަގާމަށް ގެންނާނެ ކަމަށާއި އަދި، ދުރުނޫން މުސްތަގުބަލެއްގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުން ނިއު ފެންނާނެ ކަމަށެވެ.

ނިއު ފުރަތަމަ ޑިވިޝަނަށް އަންނަނީ ކިހިނެއް؟

އެފްއޭއެމް އިން ކުރިއަށް އޮތް ސީޒަނަށް އިއުލާނުކުރި ކަލަންޑަރުގައިވާ ގޮތުން، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް އޮތީ އަންނަ އަހަރުގެ މާޗް މަހުގެ 28 ވަނަ ދުވަހު އެވެ. ނިއު އިން ދެ ވަނަ ޑިވިޝަނުގައި ކުޅޭ ގޮތަށް އޮއްވައި، އެހާ ކުރިން ބޮޑު އިވެންޓެއް ބޭއްވުމުގެ ފަހަތުގައި އޮތީ ކޮން ކަމެއްތޯ ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ވަނީ ސުވާލުތަކެއް ކޮށްފަ އެވެ.

އެ ގޮތުން، ޔުނައިޓެޑް ވިކްޓަރީގެ ރައީސް، އިސްމާއިލް ޝަފީއު (އިއްސެ)، ސޯޝަލް މީޑިއާގައިވަނީ ރާއްޖޭގެ ފުރަތަމަ ޑިވިޝަނަށް ނިއު އެނބުރި އައުމުގެ މަރުހަބާ އެ ޓީމަށް ކިޔައިފަ އެެވެ. ރައީސުލްޖުމްހޫރިއްޔާ، ޑރ. މުހައްމަދު މުއިއްޒުގެ ކްލަބެއްގެ ގޮތުގައި، ނިއު ސިފަކޮށް، އިއްސެ ލިޔުއްވާފައިވަނީ، ރައީސްގެ ކްލަބް، (ނިއު) ކުރިއަރަމުން އަންނައިރު، ރާއްޖޭގެ ރަށްތަކަށް ނިސްބަތްވާ ޓީމުތައް "ބިކަވެފައި" ވާ ކަަމަށެވެ.

ޔުނައިޓެޑް ވިކްޓަރީގެ ރައީސް އިސްމާއިލް ޝަފީއު (އިއްސެ) ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓް.

"އަދަދު ސްޕޯޓްސް" އަށް މައުލޫމާތު ދިން ފަރާތަކުން ބުނެފައިވަނީ، ނިއު، ފުރަތަމަ ޑިވިޝަނަށް އައުމަށް މަސައްކަތް ކުރަނީ، ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)ގެ ޖާގަ އަށް ކަމަށެވެ.

އެ ގޮތުން، މައުލޫމާުތު ދިން ފަރާތުން ބުނެފައިވަނީ، އެފްއޭއެމުން ދާދި ފަހުން، ރާއްޖޭގެ ދިވެހި ޕްރިމިއާ ލީގު (ފުރަތަމަ ޑިވިޝަން)ގައި ވާދަކުރަނީ، 10 ޓީމު ކަމަށް ފާސްކޮށްފައިވާއިރު، އެ މުބާރާތުގައި ސަސް އިން ވާދަނުކުރާނަމަ، ދެން ދެ ވަަނަ ޑިވިޝަނުން ޓީމަކަށް ލިބޭ ޖާގަ އަށް ނިއު ގެނައުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން، ބޭއްވި ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަން އާއި ރަނަރަޕްގެ ހައިސިއްޔަތުން، އޮޑި ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބް ވަނީ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ.

ދެ ވަނަ ޑިވިޝަނުން އަންނަ ޓީމަކަށް ސަސްގެ ޖާގައިގައި ފުރަތަމަ ޑިވިޝަނަށް އައުމުގެ ދޮރު ހުޅުވޭ ގޮތަށް މަސައްކަތް ކުރަމުން އަންނައިރު، އެ ފުރުސަތު ނިއު އަށް ދޭން ވަަރަށް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މައުލޫމާތު ދިން ފަރާތުން ބުނެފައިވެ އެވެ. ދެ ވަނަ ޑިވިޝަނުން އަންނަން ޖެހޭ ޓީމެއްގެ ގޮތުގައި، ތިން ވަނަ ޓީމެއް ކަނޑައަޅަން ޖެހޭނީ، ސެމީ ފައިނަލަށް ދިޔަ ޓެންޓް ސްޕޯޓްސް ކްލަބާއި ނިއުގެ ތެރެއިންނެވެ. އަދި، މީގެ ތެރެއިން، ނިއު އަށް ފުރަތަމަ ޑިވިޝަނުން ސީދާ ޖާގައެއް ލިބެން އޮތީ ޓެންޓް އެ ފުރުސަތު ދޫކޮށްލައިފިނަމަ އެވެ.

ނިއުގެ ވައިސް ޗެއާމަނަކަށް އެމްއޭސީއެލްގެ ޑީއެމްޑީ ލަމްއާން އައްޔަންކުރަން ބޭއްވި ބައްދަލުވުމުގެ ތެރެއިން.---

ސަރުކާރުގެ ނުފޫޒު ގަދަ މަގާމުތަކުގައި ތިބި ފަރާތްތައް ނިއު އާއި އެފްއޭއެމް ހިންގުމުގައި

މިދިޔަ ނޮވެމްބަރު މަހު ނިއު ރޭޑިއަންޓުގެ އާ ބޯޑެއް ވަނީ އިންތިހާބުކޮށްފަ އެވެ.

ނިއުގެ ޗެއާމަނަކަށް އިންތިހާބުވިއިރު، މުބީން ހުންނެވީ، ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގަ އެވެ. މިހާރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.

މުބީން އަކީ، އެފްއޭއެމް އިން އިއުލާނުކުރި ރާއްޖޭގެ ފުޓްބޯޅައިގެ އަލިމަސް ޔޫބީލް (75 އަހަރު ފުރުން) ކުލަގަދަކޮށް ފާހަގަ ކުރުމަށް އެކުލަވާލި، "ޑައިމަންޑް ޖޫބިލީ ކޮމިޓީ"ގެ ވައިސް ޗެއާމަން ވެސް މެ އެވެ.

ނިއުގެ ބޯޑުގައި ދެން ތިބި އިސް މަގާުމުތަކަށް ބަލާއިރު، ސީނިއާ ވައިސް ޗެއާމަނަކަށް ހުންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާގެ ޕީއެންސީގެ މެންބަރު އަދި އެފްއޭއެމްގެ ހިންގާ ކޮމިޓީގެ ނައިބު ރައީސް، މުހައްމަދު އިބްރާހިމް (ކައްޕި) އާއި ވެމްކޯގެ މެނޭޖިން ޑިރެކްޓަރު އަދި އެފްއޭއެމްގެ ނައިބު ރައީސް، މުޖުތަބާ ޖަލީލް (މުޖޭ) އެވެ.

އަދި ބޯޑު މެމްބަރުންގެ ތެރޭގައި، ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ހިމެނޭއިރު، ދާދި ފަހުން ވަނީ، ކްލަބްގެ ވައިސް ޗެއާމަނަކަށް، އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި މުހައްމަދު ލަމްއާން އައްޔަނުކޮށްފަ އެވެ.

މީގެ އަށް ވަރަކަށް އަހަރު ކުރިއަށް ބަލާއިރު، ރާއްޖޭގެ ފުޓްބޯޅައިގައި ދިމާވި އެއް މައްސަލައެއްގެ ގޮތުގައި، ގިނަ ބަޔަކު ގަބޫލުކުރި އެއް ކަމަކީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުން ފުރަތަމަ ޑިވިޝަންގެ ކޮންމެ ކްލަބަކަށް ސީޒަނަކަށް ތިން މިލިއަން ރުފިޔާ ދިނުމެވެ. އޭގެ ސަބަބުން، އެހެން ކުޅިވަރުތަކަށް އޭގެ ގެއްލުން އޮތްއިރު، ފުޓްބޯޅަ ކްލަބްތައް ހިންގުމުގައި ލިބޭ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ މައްސަލަތައް ފެންމަތިވި އެވެ. މިހާރުގެ ހާލަތަށް ބަލާއިރު، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކެއްގެ ނުފޫޒު ފޯރުވޭ އިސް މަގާމުތަކެއްގައި ތިބި ގިނަ ބަޔަކު ތިބީ އެއް ކުޅިވަރެއްގައި އަދި އެއް ކްލަބެއްގައި ކަމަށް ކުޅިވަރުގެ އެކި ފަރާތްތަކުން އަންނަނީ ފާހަގަކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox