މަގުބޫލު ނޫނަސް މަޝްހޫރު ކޮންމެ މީހެއްގެ ހުރިހައި ހަރަކާތްތަކަށް މީހުން ބަލަ އެވެ. ހެދުން އެޅުމުގައި ގެންގުޅޭ ގޮތްތަކާއި ބަސްމަގު ހުންނަ ގޮތާއި އަތުގެ އިޝާރަތްތަކަށް ވެސް ސަމާލުކަން ދެ އެވެ. މިގޮތަށް ސަމާލުކަން ދޭއިރު ފާހަގަކުރެވޭ ވަކި އިޝާރާތެއް ނުވަތަ ކަމެއް އޮތްނަމަ އެކަމެއް އެމީހަކަށް ނިސްބަތްކޮށް ނަންދެވުމާއި އެއީ އެމީހެއްގެ ޝަހުސިއްޔަތުގެ ބައެއް ކަމުގައި ވެގެން ދިއުމަކީ އާންމުކޮށް ކަން ހިނގާ މަގެވެ. އަދި އެފަދަ އިޝާރާތްތައް ވަކި މީހަކަށް ނިސްބަތްކުރެވި، އެއީ އެމީހެއްގެ ބްރޭންޑަށް ވުމުން މަޝްހޫރު އެހެން މީހުން ހަމަ އެ ނިޝާން ނަކަލުކޮށެއް ނޫޅޭނެ އެވެ.
މާކެލް-ރައުޓެ ނުވަތަ މާކެލް ރޮމްބަސްއަކީ މިގޮތުން މަޝްހޫރުވެފައިވާ އިޝާރާތެކެވެ. މާކެލް ރޮމްބަސް ނުވަތަ މާކެލް ހޭންޑްސްއަކީ ޖަރުމަނުވިލާތުގެ ކުރީގެ ޗާންސެލަރ އޭންޖެލާ މާކެލްގެ ސިގްނޭޗަރ އިޝާރާތެކެވެ. ހުއްޓި ހުންނަ އިރު ދެއަތް ބަނޑާ ދިމާލުން ކައިރިން ކުރިމައްޗަށް ގެނެސް އަތުގެ އިނގިލިތަކުގެ ކޮޅުތައް ގުޅުވާލައި އެ އުފައްދާ ތިނެސްކަން ނުވަތަ ޖަވާހިރުގެ ބައްޓަމަކީ މާކެލް ރައުޓެ އެވެ.
މާކެލް-ރައުޓެ ނިޝާން އުފެދުނީ 2002 ވަނަ އަހަރު އެވެ. މި ނިޝާން ބްރޭންޑްވުމަށްފަހު މިކަމާ ގުޅޭގޮތުން ފަހުން މީޑިއާތަކަށް ދިން އިންޓަވިއުތަކުގައި މާކެލް ބުނެފައިވަނީ މިއީ ޖަރުމަނުގެ ސްޓަރން މެގަޒިންއިން މާކެލްގެ ފޮޓޯތަކެއް ނެގިއިރު އަތް ބަހައްޓާނޭ ގޮތަކާމެދު ވިސްނުމަށްފަހު ހަމަ އެވަގުތު ނިންމި ނިންމުމެއް ކަމަށެވެ. އެ ނިންމުން ނިންމީ އެއްވެސް މީހެއްގެ ލަފައަކަށް ވެސް ނޫނެވެ. އެ ފޮޓޯއަކީ މަގުބޫލު ފޮޓޯއަކަށްވެ، އަތް އެގޮތަށް ބެހެއްޓުން ވެސް ފަސޭހަވުމުން އެއީ ސްޓައިލެއްގެ ގޮތުގައި ފަހުން ބަލައިގަތީކަމަށް މާކެލް ބުނެފައި ވެއެވެ.
ސިޔާސީ ޝަހުސިއްޔަތުތައް ދިރާސާކުރާ މީހުންނާއި ބޮޑީލެންގްވިޖް އެކްސްޕާޓުންގެ ބަހުންނަމަ މާކެލް-ރައުޓެ ރަމްޒުކޮށްދޭ އެތައް މާނައެއް އެބަހުއްޓެވެ. އާރުލާ ޝަހުސިއްޔަތެއްގެ ވެރިއެއްކަން ދެއްކުމަކީ މީގެ ތެރެއިން އެއް މާނަ އެވެ. ޑައިމަންޑް ޝޭޕަކީ ވަރުގަދަ، ސްޓޭބަލް ޝޭޕެކެވެ. މިއިން ދައްކުވައިދެނީ މާކަލްގެ ލީޑަރޝިޕްގެ ސްޓެބިލިޓީ އާއި ކަންކަން ނިންމެވުމުގައި ގެންގުޅުއްވާ ހަމަހަމަ އުސޫލެވެ. މީގެ އިތުރުން މަޑުމައިތިރިކަމާއި، ސެލްފް-ކޮންޓްރޯލް އާއި، ފިކުރީ ސާފުކަމަކީ މި ނިޝާނުގެ މާނަ އެކެވެ. އެ މާނަ ގުޅުވާފައި އޮތީ މާކަލްގެ ކްރައިސިސް މެނޭޖްމަންޓް ހުނަރާ އެވެ. މީގެ އިތުރުން އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރަމްޒެއްގެ ގޮތުގައި ވެސް މި ނިޝާން މާނަކުރެވެ އެވެ. ދެ އަތް ގުޅުވާލުމަކީ އެކުވެރިކަމާއި ގުޅުމުގެ ނިޝާނެކެވެ. ޔޫރަޕިއަން ޔޫނިއަންގެ އެކުވެރިކަން ދެމެހެއްޓުމަށް މާކަލް ކުރި މަސައްކަތްތަކާ މި ނިޝާން ގުޅުވަ އެވެ.
ޖަރުމަނުގައި މި އިޝާރާތް ދެއްކުމުން އެ ނިސްބަތްކުރެވެނީ ޗާންސެލަރއަށް ކަން އެންމެންނަށް އެނގޭނެ އެވެ. އޭނާއަށް މަލާމާތުގެ ގޮތުން އެއްބަޔަކު އެ ނިޝާން ބޭނުންކުރަމުން ދިޔައިރު، އޭނާއަށް ތާއީދުކުރާ މީހުން އޭނާގެ ޝަހުސިއްޔަތަށް ތައުރީފު ކުރުމުގެ ގޮތުން ވެސް ދައްކަމުން ދިޔައީ ހަމަ އެ ނިޝާނެވެ.
އޭނާގެ އަމިއްލަ ޕާޓީ (ކޮންޒަވޭޓިވް ކްރިސްޓިއަން ޑިމޮކްރެޓިކް ޔޫނިއަން) އިން މި އިޝާރާތް ބޭނުންކުރީ މާކެލްގެ ލީޑަރޝިޕްގެ ސިޔާސީ ނިޝާނެއްގެ ގޮތުގަ އެވެ. 2013 ވަނަ އަހަރުގެ ސެޕްޓެމްބަރު 2 ވަނަ ދުވަހު، 2013 ވަނަ އަހަރުގެ ފެޑެރަލް އިންތިހާބުގެ ކެމްޕޭންގެ އެންމެ ފޯރި ގަދަވި ދުވަސްވަރު އޭނާގެ ޕާޓީން ބަރލިންގައި ދަތުރުވެރިންނަށް މަރުހަބާ ކިޔުމަށް ބޮޑު ބެނާގައި ވެސް ބޭނުންކުރީ މާކެލް-ރައުޓެ ނިޝާނެވެ. މި ބެނާ ބެހެއްޓިފައި ހުރީ އިމާރާތްކުރަމުންދާ ހޮޓަލެއްގެ ދެ ފަރާތުގައި، ޖުމްލަ 2400 އަކަ މީޓަރުގެ ޖާގައެއްގަ އެވެ. ދުރުންބަލާއިރު ފެންނަ ބޮޑު އެއް ފޮޓޯއިން ދައްކާ މާކެލް-ރައުޓެ އެކުލެވިގެންވަނީ އޭނާގެ ޕާޓީއަށް ތާއީދުކުރާ 2150 މީހަކު މާކެލް-ރައުޓެ ނިޝާން ދައްކާލާ ވަކިވަކި ފޮޓޯތަކުންނެވެ. އަދި މި ބެނަރގައި ޖަރުމަނު ބަހުން ލިޔެފައި އޮތް މެސެޖުގެ މާނައަކީ 'ޖަރުމަނުގެ މުސްތަގުބަލު އެންމެ ރަނގަޅު އަތުގައި' މި ޝިޔާރެވެ. އެ ބެނާގައި އެންޖެލާ މާކެލްގެ ނަމާއި އޭނާގެ ފޮޓޯ ނެތަސް މިއީ މާކެލްގެ ކެމްޕެއިން ބެނާއެއްކަމާމެދު އެއްވެސް މީހަކަށް އޮޅުމެއް ނާރަ އެވެ. އިދިކޮޅު ފަރާތްތަކުގެ ސިޔާސީ ވެރިން ސިފަކުރި ގޮތުގައި އެ ބޮޑު ކެމްޕޭން ބިލްބޯޑަކީ "ބިރުވެރި ޝަހުސިއްޔަތުގެ ކަލްޓެއް" ގެ މިސާލެކެވެ.
އެންޖެލާ މާކެލްއަށް އަސްލު ނިސްބަތްވާ މާކެލް-ރައުޓެ އަކީ ދުނިޔޭގެ ގިނަ ސިޔާސީ ލީޑަރުން ބޭނުންކުރާ ސްޓައިލެއް ނޫނެވެ. ޖަރުމަނުގެ ބައެއް ސިޔާސީ ލީޑަރުންގެ ފަރާތުން ބައެއް ފަހަރު އެ ސްޓައިލް ފެނިފައި އެބަހުއްޓެވެ. އަދި ތުރުކީގެ ރައީސް އުރުދުގާނު ވެސް ނޫސްވެރިންގެ ބައްދަލުވުމެއްގައި އެގޮތަށް އަތް ބަހައްޓައިގެން ހުރި ފޮޓޯއެއް ވަރަށް ބޮޑަށް ދައުރުވި އެވެ. މިއިން އެއްވެސް ސިޔާސީ ބަޔަކު އެއީ އެމީހުންގެ ސްޓައިލުކަމަށް ދައްކައިގެން މާކެލް-ރައުޓެ ބޭނުންކޮށްފައެއް ނުވެ އެވެ.

އެނިމޭޓެޑް ސިޓުއޭޝަނަލް ކޮމެޑީ (ސިޓްކޮމް) ސީރީޒްއެއް ކަމަށްވާ ސިމްސަންސް ބަލައި އުޅޭ މީހުން މިސްޓަރ ބާރންސް ދަންނާނެ އެވެ. އޭނާއަކީ އެ ސީރީޒްގައި ދައްކާ ސްޕްރިންގފީލްޑް ނިއުކްލިއަރ ޕަވަރޕްލާންޓްގެ ވެރިޔާ އެވެ. އޭނާގެ އަތް ބަހައްޓާ ގޮތަށް ބަލާށެވެ. ބައެއް ސިޔާސީ ލީޑަރުން އެގޮތަށް އަތް ބެހެއްޓި ނަމަވެސް އެ ޕޯސްޗަރ އަކީ އަދި މާކެލް-ރައުޓެ ނުވަތަ މާކެލް ރޮމްބަސް އެއް ނޫނެވެ. އެއީ މާކެލް-ރައުޓެ ނިޝާނާ ގާތްކުރާ އިޝާރާތެކެވެ. ރަނގަޅަށް ބަލާލީމާ އެ ތަފާތުތައް ފާހަގަވާނެ އެވެ.
އެންޖެލާ މާކެލްގެ މާކެލް-ރައުޓެ ގެ ބަދަލުގައި ދުނިޔޭގެ ގިނަ ސިޔާސީ ލީޑަރުން ކޮޕީ ކުރެވޭތޯ ބަލަނީ އޭނާގެ ސިޔާސީ އުކުޅުތަކާއި އޭނާގެ ކެރުމާއި ހިތްވަރާއި ހޯދި ކާމިޔާބީތަކެވެ. އޭނާއަކީ 2008 ވަނަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި މާލީ ކާރިސާ މެނޭޖްކުރުމުގައި ދުނިޔޭގެ ނިސްބަތުން ހާއްސަ ދައުރެއް އަދާކުރި ލީޑަރެކެވެ. އެ ކާރިސާ މެނޭޖްކުރުމަށް ދުނިޔޭގެ އެކި ގައުމުތަކުގެ ލީޑަރުންގެ މެދުގައި ކުރެވުނު މަޝްވަރާތައް ހިންގެވުމުގައި މާކެލް އަދާކުރެއްވީ މުހިންމު ދައުރެކެވެ. މުޅި ޔޫރަޕުގެ ޝަހުސިއްޔަތު ކުރަހައިދިން މަޝްހޫރު ލިޒްބަން ޓްރީޓީއަކީ މާކެލްގެ ހިންގުންތެރިކަމާއި އިސްނެގުމުގެ ނަތީޖާ އެވެ. ޖަރުމަނު މިހާރު މިދެކޭ ތަރައްގީއާއި ހަމަޖެހުމުގައި އޭނާގެ ހިއްސާ ވަރަށް ވެސް ބޮޑެވެ.
މި ހުރިހައި ކަމަކަށް ބަލައި، ދުނިޔޭގެ ސިޔާސީ ވެރިން އޭނާއަށް ކުރާ އިހުތިރާމެއްގެ ގޮތުން ވެސް މާކެލް-ރައުޓެ ނިޝާން އަމިއްލަކޮށްލައިގެން ބޭނުންކޮށެއް ނޫޅެވެ. އެ ނިޝާން އަދިވެސް އެއޮތީ މާކެލްގެ ބްރޭންޑަކަށްވެ، އޭނާގެ މިލްކު މުދަލަކަށް ވެފަ އެވެ. ކޮންމެ ތަނަކުން ވެސް މާކެލް-ރައުޓެ ނިޝާން ފެނިއްޖެނަމަ އެ ރަމްޒުކޮށްދެނީ ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލްގެ ޝަހުސިއްޔަތުކަން ދުނިޔެ ދަންނާނެ އެވެ.








