މާޒިޔާ ބަލިކޮށް އަލް އަރާބި ޗެލެންޖް ލީގު ގްރޫޕް ސްޓޭޖަށް

ަަލަނޑު ޖެހުމަށް ފަހު އަލް އަރާބި ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އޭއެފްސީ

ަަލަނޑު ޖެހުމަށް ފަހު އަލް އަރާބި ކުޅުންތެރިން އުފާފާޅުކުރަނީ.---- ފޮޓޯ: އޭއެފްސީ

އޭއެފްސީގެ ތިން ވަަނަ ފަންތީގެ ކްލަބް ފުޓްބޯޅަ މުބާރާތް، ޗެލެންޖް ލީގުގެ ކޮލިފައިންގައި ކުވެއިތުގެ އަލް އަރާބިން ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން 4-0 އިން ބަލިކޮށް، މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ޖާގައެއް ހޯދައިފި އެވެ.

ޗެލެންޖު ލީގުގެ ގްރޫޕް ބީގެ މެޗުތައް މިދިޔަ އަހަރު ކުވެއިތުގައި ކުޅުނުއިރު، މާޒިޔާ އަތުން އަލް އަރާބި އިން ވަނީ 2-0 އިން މޮޅުވެފަ އެވެ. މި މެޗުގެ ފުރަތަމަ އަށް މިނިޓް ތެރޭގައި، އަލް އަރާބިން ދެ ގޯލު ޖެހިއިރު، ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ތިން ވަނަ މިނިޓްގައި، އަލް އަރާބިން ވަނީ ގޯލު ޖަހައިފަ އެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެ ގޯލުގެ ލީޑެއް ނެގި އެވެ.

އަބޫ ދާބީގައި ޓްރެއިނިން ކޭމްޕެއް ފުރިހަމަކޮށް، ތިން މެޗު ކުޅެފައި، އައި އަލް އަރާބިން، މިއަދުގެ މެޗުގެ ފުރަތަމަ މިނިޓުން ފަށައިގެން، މާޒިޔާ ހާފަށް ގިނަ ކުޅުންތެރިން ފޮނުވައިގެން އެޓޭކްކުރަން ފެށި އެވެ. އެ ގޮތުން، ތިން ވަަނަ މިނިޓްގައި އަލް އަރާބިގެ ނައިޖީރިއާ ފޯވާޑް، އަނަޔޯ އިވުއާލާ ވަނީ ލިބުނު ފުރުސަތުގައި ގޯލު ޖަހައިފަ އެވެ. މާޒިޔާގެ ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ކައިރިން ނައްޓާފައި ގޮސް، އިވުއާލާ ފޮނުވާލި ބޯޅަ މާޒިޔާގެ މޮންޓަނެގްރޯ ކީޕަރު، ނެމާންޏާ ލެމަޖިޗަށް މަތައެއް ނުކުރެވުނެވެ.

މާޒިޔާގެ އައިހަމް (މ) އަލް އަރާބި ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

އަލް އަރާބިން ލީޑުނެގިތާ މިނިޓެއް ފަހުން، މާޒިޔާގެ ހަމްޒާ މުހައްމަދު (ހަމްޕު)، ހުސްކޮށްލާފައި އަލް އަރާބިގެ ޑިފެންސް ފަހަތަށް ދިން ބޯޅަައަށް އަރައި، އަހުމަދު އައިހަމް (ފަތޯ) ޖެހި ޝޮޓް އަމާޒުވީ އަލް އަރާބިގެ ކީޕަރު، ސުލޭމާން އަބްދުލް ގަފޫރު ވަނީ މަތަކޮށްފަ އެވެ.

އޭގެ ފަހުން، މެޗުގެ 15 ވަނަ މިނިޓްގައި، މާޒިޔާގެ ހަސަން ރާއިފް އަހުމަދު (ހަންނަ) ނެގި ހުރަހަކަށް އަރައި، ހަމްޕު ޖެހި ބޯޅަ ވެސް އަމާޒުވީ ކީޕަރު ސުލެއިމާން އަތަށެވެ.

މެޗުގެ 33 ވަނަ މިނިޓްގައި، މާޒިޔާގެ ސްޕެއިން މިޑްފީލްޑަރު، އައިރަމް ވިއޭރާ އަށް ލިބުނު ބޯޅައެއްގައި ހުސް ޖާގައިގެ ބޭނުންކޮށް ފޮނުވާލި ޝޮޓް، އަލް އަރާބި ކުޅުންތެރިން ވަނީ ބްލޮކްކޮށްފަ އެވެ.

އަލް އަރާބި އަށް މެޗުގެ ކުރީކޮޅުގައި ލީޑު ލިބުނު ފަހުން، ކޮންޓްރޯލް ނަގައިގެން ކުޅެން މަސައްކަތްކޮށް، ލިބޭ ފުރުސަތުތަކުގައި އިތުރު ގޯލު ޖެހޭތޯ ބަލަމުންދިޔައިރު، 40 ވަނަ މިނިޓްގައި އެކަން ކާމިޔާބުކުރި އެވެ. އެ ގޮތުން، އިވުއާލާ ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު މި ގޯލު ޖެހީ، އެ ޓީމުގެ ބެލްޖިއަމް ފޯވާޑް، ފޮންޓެއިން އެންގޯއި އެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ ސްޓޯކް ސިޓީ އަށް މީގެ ހަތަރު އަހަރު ކުރިން، ކުޅެފައިވާ އެންގޯއި ފޮނުވާލި ބޯޅަ ވަނީ ގޯލުގެ މެދަށެވެ.

މާޒިޔާ އިން ދެ ވަނަ ހާފު ފެށީ ތިން ބަދަލެއް ގެނެސްގެންނެވެ. އެ ގޮތުން، 16 އަހަރުގެ ފޯވާޑް މުހައްމަދު އިލާން އިމްރާންގެ އިތުރުން އަލީ ފާސިރު (ސެންޓޭ) އާއި އިބްރާހިމް އައިސަމް އަށް ވަނީ ފުރުސަތު ދީފަ އެވެ. އަލް އަރާބިން ވެސް ދެ ވަނަ ހާފަށް އެއް ބަދަލު ގެނެސްފައިވެ އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅުގައި، ހަމްޕު ނެގި ބޯޅައެއް ގޯލުކުރިމަތިިން ހުރަސްވެގެންދިޔައިރު، ފޮނުވާލެވޭ ހިސާބު އެ ޓީމުގެ ކުޅުންތެރިއަކު ނެތެވެ.

އަލް އަރާބިން ދެ ވަަނަ ހާފުގައި ކުރި ފުރަތަަމަ އެޓޭކުގައި ތިން ވަަނަ ލަނޑު ޖެހި އެވެ. މެޗުގެ 53 ވަނަ މިނިޓްގައި، އެ ޓީމުގެ ނައިޖީރިއާ ފޯވާޑް، ކްރިސްޓޮފާ ޕޮވޭއި، އޭރިއާތެރެއިން ލިބުނު ބޯޅައެއް ވަނީ ހަނި އޭންގަލުން ގޯލަށް ވައްދާލައިފަ އެވެ.

ދެ ވަނަ ހާފުގައި، މާޒިޔާ އިން ރިސްކު ނަގައިގެން ގިނަ ކުޅުންތެރިން އެޓޭކަށް ފޮނުވައިގެން ކުޅެން ފެށިއިރު، މެޗުގެ 58 ވަނަ މިނިޓްގައި އޭރިއާތެރެއިން އިލާން އަށް ލިބުނު ބޯޅައެއް ގޯލަށް ފޮނުވާލަން ފުންމައިގެން އެރި ނަމަވެސް، ބޮލުގައި ލައްވާލާ ގޮތެއްނުވި އެވެ.

އަލް އަރާބި ކުޅުންތެރިއަކު ކައިރިން މާޒިޔާގެ ހަންނަ (ވ) ބޯޅަ ހިފައިގެން.----ފޮޓޯ: އަތޫފް އާތިފް/ އަދަދު ސްޕޯޓްސް

އަލް އަރާބި އަށް ހަތަރު ވަނަ ގޯލެއް ޖަހައިދޭން އިވުއާލާ ޖެހި ބޯޅަ ކީޕަރު ނެމާންޏާ ވަނީ މަތަކޮށްފަ އެވެ. އޭގެ އިތުރުން މި ހާފުގައި އަލް އަރާބިން ފޮނުވާލި ގިނަ ހަމަލާތަކުގެ ހުރަހަކަށްވީ ނެމާންޏާ އެެވެ.

ދެ ވަނަ ހާފުގެ މެދަކާ ހަމައިން ބަދަލަކަށްކުޅެން އެރި މާޒިޔާގެ ނާއިޒު ހަސަން (ދާދު)ގެ އިތުރުން، އެ ޓީމުގެ ޕޯޗުގީސް ޑިފެންޑަރު، ލުއިސް އަލްމެއިޑާ ފޮނުވާލި ބޯޅަތައް ކީޕަރު ސުލެއިމާން ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 86 ވަނަ މިނިޓްގައި، އަލް އަރާބިން ވަނީ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އެ ޓީމަށް މި ލަނޑު ޖަހައިދިނީ އޭރިއާތެރެއިން ލިބުނު ފުރުސަތެއްގައި ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން، ހުސެއިން އަލް މޮހްސިން އެވެ. އޭނާ އަކީ ދެ ވަނަ ހާފުގައި ބަދަލަކަށް ކުޅެން އެރި ކުޅުންތެރިއެކެވެ.

މިއީ، އޭއެފްސީގެ މުބާރާތެއްގެ ކޮލިފައިން ބުރުން މާޒިޔާ ކެޓި ފުރަތަަމަ ފަހަރެެވެ. މީގެ ކުރިން، އޭއެފްސީ މުބާރާތެއްގެ ކޮލިފައިންގައި ކުުޅުނު ދެ ފަހަރު ވެސް މާޒިޔާ އިން ވަނީ، ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފަ އެވެ. އެއީ، 2014 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި، ފިލިޕީންސްގެ ޝެރެސް ކަޓުވާލުމުގެ އިތުރުން، 2020 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި، ބަންގްލަދޭޝްގެ އަބަހާނީ ޑާކާ އާއި އިންޑިއާގެ ބެންގަލޫރުގެ މައްޗަށް ކުރިހޯދައިގެން ގްރޫޕް ސްޓޭޖަށް ދަތުރުކުރި އެެވެ. އެހެން ނަމަވެސް، ކުވެއިތު ޕްރިިމިއާ ލީގުގެ ރަނަރަޕް، އަލް އަރާބި އަތުން މި ވަނީ މި ފަހަރުގެ ޗެލެންޖް ލީގު ކޮލިފައިންގައި ބަލިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox