ފިކުރީ މުދާ ހިމާޔަތް ކުރަން އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރަން ފާސްކޮށްފި

މަޖިލީހުގެ ޗެމްބަރުގައި މެންބަރުން.

މަޖިލީހުގެ ޗެމްބަރުގައި މެންބަރުން.

ރާއްޖޭގައި ފިކުރީ މުދާ ހިމާޔަތްކޮށް ކުރިއެރުވުމަށް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހެއް ގާއިމުކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި "މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ގާނޫނު" ފާސްކޮށްފި އެވެ.

މިއަދު އޮތް މަޖިލީހުގެ ޖަލްސާގައި މި ބިލު ފާސްކުރީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީއިން ގެނައި އަށް އިސްލާހާ އެކު އެވެ. ބިލު ފާސްކުރީ ވޯޓުގައި ބައިވެރިވި 68 މެންބަރުންގެ އިއްތިފާގުންނެވެ.

މަޖިލީހަށް ބިލު ހުށަހެޅުއްވީ ޕީއެންސީއަށް ނިސްބަތްވާ ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދެވެ. މި ބިލުގައި އޮތީ ފަސް ބާބެކެވެ.

Advertisement

މި ބިލުގައިވާ ގޮތުން "ފިކުރީ މުދާ" ގެ ތެރޭގައި ހިމެނެނީ ޓްރޭޑްމާކާއި، ޕޭޓަންޓާއި، ކޮޕީރައިޓާއި، އިންޑަސްޓްރިއަލް ޑިޒައިން އަދި ޖިއޮގްރަފިކަލް އިންޑިކޭޝަންތަކެވެ.

މި ބިލު ގާނުނަކަށް ވުމާއެކު މޯލްޑިވްސް އިންޓެލެކްޗުއަލް ޕްރޮޕަޓީ އޮފީހުގެ ނަމުގައި އެކަމަށް ހާއްސަ އޮފީހެއް ގާއިމުކުރާނެ އެވެ.

އެ އޮފީހުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލުން ހިމެނެ އެވެ. ހަމައެހެންމެ، ފިކުރީ މުދަލާ ގުޅޭ ހޭލުންތެރިކަން އިތުރު ކުރުމާއި ބައިނަލްއަގުވާމީ މުއާހަދަތަކުގެ ދަށުން ކުރަން ޖެހޭ ކަންކަން ކުރުމާއި ވިލަރެސް ކުރުން ހިމެނެ އެވެ.

އެ އޮފީސް ހިންގުމުގެ އެންމެ އިސް ބޭފުޅަކަށް ހުންނަވާނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ. އެ މަގާމަށް މީހަކު އައްޔަނުކުރާނީ އިގުތިސޯދީ މިނިސްޓަރެވެ. ކޮމިޓީ މަރުހަލާގައި ވަނީ އެ މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ކަނޑައަޅާފައި އޮތް 10 އަހަރުގެ ތަޖުރިބާގެ މުއްދަތު ފަސް އަހަރަށް ކުރު ކޮށްފަ އެވެ.

އެ މަގާމަށް އަންނަ މީހެއްގެ ދައުރަކީ ފަސް އަހަރެވެ. ފިކުރީ މުދާ ރަޖިސްޓްރީ ކުރުމާއި، ރަޖިސްޓްރީ ކުރާ މުދަލުގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓެވުމުގެ ޒިންމާ އަދާކުރައްވަނީ ރަޖިސްޓްރާ އޮފް އިންޓެލެކްޗުއަލް ޕްރޮޕަޓީ އެވެ.

މި ގާނޫނުގެ ދަށުން އެކުލަވާލާ ދަފްތަރުގައި ނުވަ ޝަރުތެއް ހަމަވާން ޖެހެ އެވެ. އެއީ؛

  1. ރަޖިސްޓްރީ ކުރެވޭ މުދަލާއި އޭގެ ކްލެސިފިކޭޝަން
  2. ރަޖިސްޓްރީ ކުރެވޭ ފިކުރީ މުދަލުގެ ވެރިފަރާތުގެ މައުލޫމާތު
  3. ރަޖިސްޓްރީ ކުރެވޭ ފިކުރީ މުދަލުގެ ވެރިފަރާތަށް ލިބިދޭ ހައްގުތައް
  4. ރަޖިސްޓްރީ ކުރި ތާރީހު
  5. ރަޖިސްޓްރީ ކުރެވޭ މުދަލަށް ހިމާޔަތް ލިބިދެވޭ މުއްދަތެއް
  6. ރަޖިސްޓްރީ ކޮށްފައިވާ ފިކުރީ މުދަލާ ގުޅޭގޮތުން ރަޖިސްޓްރީގައި ހިމަނަން ގާނޫނުން ލާޒިމުކުރާ މުއާމަލާތްތަކުގެ މައުލޫމާތު
  7. ހައްގުތައް ބަދަލުކުރެވިފައިވާނަމަ، އެކަން ނުވަތަ ލައިސަންސިން އެގްރީމެންޓެއްވާނަމަ އެކަން ހިމެނޭ ގޮތުން، ރަޖިސްޓްރޭޝަންގެ ހާލަތު
  8. ރަޖިސްޓްރޭޝަނަށް ގެނެވޭ އެންމެހާ ބަދަލުތައް
  9. ރަޖިސްޓްރީ ކޮށްފައިވާ ފިކުރީ މުދަލާ ބެހޭ، ކަމާބެހޭ ގާނޫނުގައި އަދި މި ގާނުނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ އެ ނޫންވެސް މައުލޫމާތު

މި ގާނޫނުގެ ދަށުން ރަޖިސްޓްރާ ފިކުރީ މުދަލެއް ރަޖިސްޓްރީ ނުކޮށްދީފިނަމަ އެ ނިންމުން 14 ދުވަހުގެ ތެރޭގައި މުރާޖާ ކުރުމަށް ހުށަހެޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެއީ މުރާޖާކުރަން ޖެހޭ ނިންމުމެއް ނަމަ 45 ދުވަހުގެ ތެރޭގައި އެކަމާ މެދު ރަޖިސްޓްރާ ގޮތަށް ނިންމަން ޖެހޭނެ އެވެ. ރަޖިސްޓްރާގެ ނިންމުން ކޯޓަށް ހުށަހެޅަން 30 ދުވަހުގެ ފުރުސަތެއް ލިބޭނެ އެވެ.

މި ބިލަށް އަމަލުކުރަން ފަށާނީ 2026 ވަނަ އަހަރުން ފެށިގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޝާހިދު ހައްޔަރުކޮށްފައި ވަނީ ކުއްޖާގެ ބަހެއް ނެތި: ވަކީލުން

ވަކީލުންގެ ބަޔާނުގައި މި މައްސަލަ ތަހުގީގު ކުރަނީ އާންމު އުސޫލުތަކާ ހިލާފަށް ކަމަށާއި، މިއީ ސިޔާސީ މަގްސަދެއްގައި ހިންގާ ކަމެއްގެ ގޮތުގައި ތުހުމަތުކޮށް ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

ކެރެޓު އަގުބޮޑުވި މައްސަލަ ހައްލުކުރެވިއްޖެ: ސައީދު

ބާޒާރުގައި ކެރެޓުގެ އަގު އުފުލުނީ ސަޕްލައި ކުރުމުގައި ދިމާވި މައްސަލައަކުން ކަމަށާއި، މިހާރު އެކަން ހައްލުކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ. މިނިސްޓަރު ވިދާޅުވީ މުދާ ކްލިއާ ކުރެވިފައިވާތީ މާދަމާއިން ފެށިގެން ބާޒާރުގައި ކެރެޓުގެ އަގު ހެޔޮވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އަސްކޮއިގެ މައްޗަށް ދައުވާކުރަން ފޮނުވައިފި

އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ 109 މީހެއްގެ އަތުން 2.6 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގައި، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގައި އަސްކޮއެ ޓްރެވަލްސްގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފިއެވެ. މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީން ވަނީ އެ ކުންފުންޏަށް ދީފައިވާ އުމްރާގެ ހުއްދަ މުއްދަތެއް ނެތް ގޮތަށް ހިފަހައްޓާފައެވެ.

ރިއަލް އެސްޓޭޓް ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ބިލާ މެދު ކަންބޮޑުވުން ހުރި ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ޚިޔާލު ހުށަހެޅުމަށް އެދިފައިވާއިރު، އިދިކޮޅު ފަރާތްތަކުން ދަނީ މި މަޝްރޫއާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް ގޮވާލަމުންނެވެ.

އެމްޑީޕީން ކުރާ މުޒާހަރާއަށް އެއްބާރުލުން ދޭން ގޮވާލައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ގައުމީ ހަރަކާތުން" ބާއްވާ ބޮޑު އެއްވުން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ރެއަށް އަވަސްކޮށް، އެމްޑީޕީން ހުކުރު ދުވަހު ބާއްވާ މުޒާހަރާގައި ބައިވެރިވުމަށް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ޝާހިދު ހައްޔަރުކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި

ޝާހިދުގެ ފަރާތުން މި އަމުރު އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ނިންމީ ދަށު ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ސަބަބެއް ނެތް ކަމަށެވެ. ޝާހިދު ވަނީ އޭނާގެ މައްޗަށް ކުރެވޭ މި ތުހުމަތުތައް ދޮގުކުރައްވައި، މިއީ ސިޔާސީ ގޮތުން ހިންގާ އަމަލެއް ކަމަށް ވިދާޅުވެފައެވެ.

ރަސްމާލެ ބިލަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ޕާޓީތަކަށް

މި ފުރުސަތު އަންނަ ޑިސެމްބަރު މަހުގެ 2 ވަނަ ދުވަހާ ހަމައަށް އޮންނާނެ ކަމަށާއި، ކަމާގުޅޭ މިނިސްޓްރީތަކާއި އިދާރާތައް ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދުމަށް ވެސް ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox