ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ތިބި މީހުންގެ ތެރެއިން މިހާތަނަށް ރިސްކް އެސެސްމަންޓް ހެދުމަށްފަހު 10 މީހަކު ޓެގު އަޅުވައި ދޫކޮށްލާފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އިން ބުނެފި އެވެ.
ޕީޖީ އޮފީހުން އަދަދު އާ ހިއްސާކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް އެސެސްމަންޓް ހެދި 103 މީހުންގެ ތެރެއިން އަލަށް އެކުލަވާލި އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން ޓެގު އަޅުވައި ދޫކޮށްލަން ނިންމީ 10 މީހުންނެވެ.
އެސެސްމަންޓަށްފަހު ޓެގު އަޅުވައި ދޫކޮށްލަން ނުފެންނަ ކަމަށް 83 މީހަކު ކަނޑައަޅާފައިވާއިރު، 10 މީހެއް ދޫކޮށްލުމާ ގުޅޭގޮތުން މިހާތަނަށް ޕީޖީ އޮފީހުން ގޮތެއް ނިންމާފައެއް ނުވެ އެވެ. އޭގެއިތުރުން މިހާތަނަށް ރިސްކް އެސެސްމަންޓް ފުރިހަމަނުކުރާ 149 މީހުން އެބަތިބި ކަމަށް ޕީޖީން ބުންޏެވެ.
މިހާތަނަށް ޓެގު އަޅުވައި ދޫކޮށްލި 10 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި ހިމެނޭ މީހުންނެވެ. ބާކީ ތިން މީހުންނަކީ މާރާމާރީގެ މައްސަލަތަކުގައި ހައްޔަރުކޮށްފައި ތިބި މީހުންކަން ފާހަގަކުރެވެ އެވެ.
ޓެގު އަޅުވައި ދޫކުރި މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ ހަތް މީހުން:
- މުހައްމަދު ނާޖިހު - މެއި 28، 2025
- މުހައްމަދު ނަމީން - މެއި 28، 2025
- އަލީ އަބްދުއްރަހްމާން - ޖޫން 3، 2025
- ހުސައިން އަބްދުލް މަޖީދު - ޖޫން 3، 2025
- އަބްދުﷲ ފަސީހު - ޖޫން 3، 2025
- އަހުމަދު ލުޖައިން - ޖުލައި 17، 2025
- އިބްރާހިމް ރަޝާދު - މެއި 29، 2025
ޓެގު އަޅުވައި ދޫކުރި މާރާމާރީގެ މައްސަލަތަކުގައި ހިމެނޭ ތިން މީހުން:
- ޝިނާން އަންވަރު - މެއި 29، 2025
- އަހުމަދު ސަނީން - މެއި 29، 2025
- އަހުމަދު ޔަޒާން މުލާޒް - ޖުލައި 13، 2025
ޕީޖީ އޮފީހުން ބުނީ، ލުޔަށް އެދި ހުށަހަޅާ ފަރާތްތަކުގެ އެސެސްމަންޓުތައް ލިބޭ ވަރަކުން ލުއިދިނުމަށް ކޯޓަށް ހުށަހެޅެމުންދާނެ ކަމަށެވެ. ލުއި ދޭން ނިންމާފައި ވަނީ ގިނަ ވެގެން 100 ދުވަހަށް ކަނޑައަޅާ ޝަރުތެއްގެ ގޮތުގަ އެވެ.

ބަންދަށް ލުއި ދީފައިވާ މީހުންގެ ޝަރުތުތައް މުރާޖައާކުރުމަށް ކޮންމެ 100 ދުވަހަކުން ކޯޓަށް ހުށަހަޅާނެ ކަމަށް ވެސް ޕީޖީ އޮފީހުން ބުނެފައިވެ އެވެ. އަދި ކޯޓުން ކޮށްފައިވާ އެއްވެސް ޝަރުތަކާ މިއިން މީހަކު ހިލާފު ވެއްޖެ ހާލަތެއްގައި، ވަގުތުން އެ މީހަކު އަލުން ބަންދުކުރުމަށް ކޯޓުގައި އެދޭނެ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.
ޕީޖީން ބުނީ އައު ނިޒާމުގެ ތެރެއިން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ބަންދުގައި ތިބި މީހުންނަށް ލުއި ނުދޭނެ ކަމަށެވެ.
މި މަސައްކަތުގެ ސަބަބުން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ހައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެކަމަށް ޕީޖީން ދެކެ އެވެ.













