ބެޓިސް (އޮގަސްޓް 5) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގް، އެންޓޮނީ ހަމައެކަނި ބޭނުންވަނީ ކްލަބް، ބަަދަލުކުރާނަމަ، ރެއާލް ބެޓިސް އަށް ދިއުމަށް ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އަޔަކްސް ދޫކޮށް، 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު، މެންޗެސްޓާ ޔުނައިޓެޑަށް އެ ކްލަބްގެ ދެ ވަނަ އަށް އެންމެ އަގުބޮޑު ޓްރާންސްފާގެ ގޮތުގައި ބަދަލުވި، އެންޓޮނީ އެ ކްލަބާ ގުޅުނީ 110 މިލިއަން ޑޮލަރަށެވެ.
ޔުނައިޓެޑުގައި ދަށްކުުޅުމެއް ދައްކާތީ، ފާޑުކިޔުން އަމާޒުވި އެންޓޮނީ ޖެނުއަރީ ޓްރާންސްފާގައި ލޯން ޑީލެއްގައި ބެޓިސް އަށް ބަދަލުވެ، ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ. އެ ގޮތުން، ބެޓިސް އިން ޔުއެފާ ކޮންފަރެެންސް ލީގުގެ ފައިނަލަށް ދަތުރުކުރިއިރު، މޮޅު ކުޅުމެއް ދެއްކި އެންޓޮނީ ވަނީ ބެޓިސް އަށް ކުޅެދިން 25 މެޗުން އަށް ގޯލު ޖަހައި، ފަސް ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
އެންޓޮނީ ވެސް ބެޓިސްގައި މަޑުކުރަން ބޭނުންވާއިރު، އޭނާ ދާއިމީ ކޮންޓްރެކްޓެއްގައި ބެޓިސް އަށް ބަދަލުވާން ޔުނައިޓެޑުން ކިޔާ އަގު އުޅެނީ، 50-65 މިލިއަން ޑޮލަރާ ދެމެދުގަ އެވެ. އެކަމަކު، މި އަގު ދޭން ބެޓިސްގެ މާލީ ހާލަތު ތަންނުދޭތީ އެ ކްލަބުން އަންނަނީ ޔުނައިޓެޑަށް ޕްރޮޕޯސަލްތަކެއް ހުށަހަޅަމުންނެވެ.
ބެޓިސް އިން ވަނީ ކޯ އޯނަޝިޕް ޑީލެއް ވެސް ހުށަހަޅައިފަ އެވެ. އެއީ، ބެޓިސް އަށް ލޯން ފީ އަކަށް އެންޓޮނީ ކުޅޭއިރު، އޭނާގެ މުސާރަ ބެޓިސް އިން ދޭ ގޮތަށް، އެހެން ނަމަވެސް، ޔުނައިޓެޑުން ބޭނުންނަމަ، އެންޓޮނީ ވަކި އަގެއްގައި ވިއްކާލެވޭއިރު، ލިބޭ ޓްރާންސްފާ ފީ އިން ވަކި ޕަސެންޓެއް ބެޓިސް އަށް ވެސް ލިބޭ ގޮތަށް އޮންނަ އެއްބަސްވުމެއް ހެދުމަށެެވެ. އެކަމަކު، މި ޑީލަށް ޔުނައިޓެޑުން ރުހޭނެ ކަމަށް ނުބެލެވެ އެވެ.
ފާއިތުވި ދޮޅު މަހެއްހާ ދުވަސްތެރޭ، އެންޓޮނީ ހޯދަން ސައުދީ ޕްރޯ ލީގުގެ ކްލަބްތަކާއި އިޓާލިއަން ލީގުގެ ޓީމުތަކުން ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އެންޓޮނީ އޭގެއިން އެއްވެސް ހުށަހެޅުމެއް ބަލައިގަންނަން ބޭނުމެއް ނުވެ އެވެ. އެންޓޮނީގެ ފޯކަސް ހުރީ ޓީމު ބަދަލުކުރާނަމަ، ބެޓިސް އަށް ސޮއިކުރުމަށެވެ.
މިހާރު އޮތްގޮތުން، ޔުނައިޓެޑުން އެހެން ކްލަބަކަށް އެންޓޮނީ ވިއްކައިނުލެވޭނަމަ، އޭނާ އަލުން ބެޓިސް އަށް ލޯނަކަށް ފީއެއް ދޭ ގޮތަށް ދޫކޮށްލުމުގެ ފުރުސަތު އެބައޮތެވެ.












