މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ ވެރިޔަކަށް ހުންނެވި އަބްދުالله އަޝްރަފްގެ ބަދަލުގައި އެ މަގާމަށް އިސްމާއީލް ސާޖިދު އައްޔަނުކުރީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއުއަށް ކޮރަޕްޝަނާއި ނުހައްގު މުއްސަދިކަން ހޯދިކަމުގެ ތުހުމަތުކޮށް އެފްއައިޔޫއިން އިން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ލީކުވުމާ ގުޅިގެން ނޫން ކަމަށް އެ ބޭންކުން ބުނެފި އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ގާއިމުކޮށްފައިވާ މި ޔުނިޓުގެ ވެރިޔާ ބަދަލުކުރީ މިއަދެވެ. އެއީ ގެނައި ސްޓްރަކްޗަރަލް ބަދަލެއް ކަމަށް އެމްއެމްއޭއިން ބުނެ އެވެ. މި ބަދަލާ ގުޅޭ ގޮތުން އަދަދު އިން ސުވާލު ކުރުމުން އެމްއެމްއޭގެ އޮފިޝަލަކު ބުނީ އެ ރިޕޯޓު ލީކުވުމާ މި ބަދަލާ ގުޅުމެއް ނެތް ކަމަށެވެ.
ސޯޝަލް މީޑިއާގައި 24 ގަނޑުގެ މި ރިޕޯޓު ލީކުކޮށްލީ ކާކުކަން ނޭނގޭ ގޮތަށް އެކްސްގައި ހިންގަމުން އަންނަ "ހަސަން ކުރުސީ" އެކައުންޓުންނެވެ. މައުލޫމާތު އެނގޭ މަސްދަރަކުން ބުނި ގޮތުގައި އިއްޔެ ރިޕޯޓު ލީކުވުމުގެ ކުރިން ވެސް މި ބަދަލު ގެނައުމަށް އޮތީ ނިންމާފަ އެވެ.
މިއީ އެފްއައިޔޫގެ ވެރިޔާގެ މަގާމުން އަޝްރަފު ދުރުކުރި ދެވަނަ ފަހަރެވެ. މިފަހަރު އޭނާ ބަދަލުކުރީ ރިސްކް އެންޑް ކޮމްޕަޔަލަންސް ޑިޕާޓްމަންޓުގެ ވެރިޔަކަށެވެ.
އެފްއައިޔޫއަކީ މަނީ ލޯންޑަރިން އާއި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އެމްއެމްއޭގައި ގާއިމުކޮށްފައިވާ ޔުނިޓެކެވެ. އެ ޔުނިޓުގެ މައިގަނޑު މަސްއޫލިއްޔަތުތަކަކީ މާލީ މުއާމަލާތްތައް މޮނީޓަރުކޮށް، އެފަދަ މުއާމަލާތެއް މެދުވެރިކޮށް ކުށް ކުރުމަށް އަރައިގަނޭތޯ ދެނެގަނެ، މަނީ ލޯންޑާ ކުރުން ހުއްޓުވުމަށް ފިޔަވަޅު އެޅުމަށް އިދާރާތަކާ އެކު މަސައްކަތް ކުރުމެވެ.

އެފްއައިޔޫގެ ރިޕޯޓުތައް ދޭތެރެދޭތެރެއިން ލީކުވި ނަމަވެސް މިހާތަނަށް މިފަދަ މައްސަލަތަކުގައި އެކަށީގެންވާ އެއްވެސް ފިޔަވަޅެއް ދައުލަތުގެ އިދާރާތަކުން އަޅާފައި ނުވެ އެވެ.
މިކަލަހަ އެންމެ ގިނަ ރިޕޯޓުތަކުގެ މައުލޫމާތު ހާމަވީ އެމްއެމްޕީއާރުސީ ހިޔާނާތުގެ ރިޕޯޓުންނެވެ. އެ ރިޕޯޓުން އެނގުނު ގޮތުގައި އެ ހިޔާނާތުގައި ބައިވެރިވީ މީހުންނާއި ކުންފުނިތަކުގެ މައްސަލަތައް ތަހުގީގީ އިދާރާތަކުގެ ސަމާލުކަމަށް ގެނައި ނަމަވެސް އޭރު އެެއްވެސް ފިޔަވަޅެއް ނާޅަ އެވެ. މުޅި ހިޔާނާތް ހިންގީ މި ހުރިހާ ކަމެއް ތަހުގީގީ އިދާރާތަކަށް އެނގިފައި އޮއްވާ ކަން އެ ރިޕޯޓުގައި ހުރި ތާރީހުތަކުން ވަރަށް ސާފެވެ.
އެ ހިޔާނާތުގެ ދުވަސްވަރު އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އާތިފް ޝަކޫރުގެ މައްޗަށް މަނީ ލޯންޑަރިން ގާނޫނާ ހިލާފު ވުމުގެ ދައުވާ ވެސް ކުރި އެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަނޑައެޅުމަށް ފަހު އެ މައްސަލައިގެ އަޑުއެހުމެއް ނުބާއްވަ އެވެ.












