ރިސޯޓެއް ތަރައްގީކުރަން ދޫކުރިތާ 20 އަހަރު ވާން ގާތްވެފައިވާ ގަސްވެއްޔާއި ދެކުނުބޮޑުވެއްޔާއި ކުޑައުސްފުށި ވިއްކާލަން އުޅެއުޅެ ނުވިކުމުން، އެ ރަހުނު ދޫކޮށްލަން ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ސިވިލް ކޯޓުން އިއްޔެ ހުއްދަ ދީފި އެވެ.
މި ތިން ރަށުގެ ލީސްހޯލްޑް ރައިޓްސް ރަހުނުކޮށްފައި އެސްބީއައިގެ މާލެ ބްރާންޗާއި މޮރިޝަން ބްރާންޗުން ލޯނެއް ނެގީ، މަރުހޫމް މުހައްމަދު މަނިކު (ބިސް މަނިކު/އެއްލައިދޫ މަނިކު) ގެ ގަސްވެލި އައިލެންޑްސް ކުންފުނިންނެވެ. މި ލޯނަށް ގެރެންޓީ ދިނީ އޭނާ އާއި މުހައްމަދު ޔޫސުފް މޫސާ، މ. ސިސިލްފަރު އާއި އިބްރާހިމް މުހައްމަދު، މ. މުލީގެ އެވެ.
އެސްބީއައި މާލޭ ބްރާންޗުން ދޫކުރީ 15 މިލިއަން ޑޮލަރުގެ ލޯނެކެވެ. އަދި މޮރިޝަސް ބްރާންޗުން ދޫކުރީ ފަސް މިލިއަން ޑޮލަރުގެ ލޯނެކެވެ.
މި މައްސަލައިގައި ގަސްވެލި ކުންފުންޏާ ދެކޮޅަށް އެސްބީއައިއިން ދައުވާކުރި ފެބްރުއަރީ 16، 2012 ގަ އެވެ. ކޯޓުން އެ މައްސަލަ އެސްބީއައި ކޮޅަށް ނިންމީ އޭގެ ހަ އަހަރު ފަހުން މާޗު 28، 2018 ގަ އެވެ.
ސިވިލް ކޯޓުގެ އެ ހުކުމުގައި އެހާތަނަށް މި ލޯނުތަކަށް ދައްކަން ޖެހި ނުދައްކައިވާ ފައިސާ އާއި ޖޫރިމަނާ އާއި އިންޓްރެސްޓާ އެކީ އަރާފައިވާ ފައިސާ ދައްކަން 10 މަސް ދުވަހުގެ މުހުލަތެއް ދިނެވެ. ބިސް މަނިކު ނިޔާވީ މި ދަރަނި ދައްކަން ދިން މުއްދަތު ނުނިމެނީސް، ސެޕްޓެމްބަރު 8، 2018 ގަ އެވެ.

ބިސް މަނިކު ނިޔާވުމުން، އެސްބީއައިއިން ވަނީ އޭނާގެ ތިން ވާރިސުން ކަމުގައިވާ، އޭނާގެ އަންހެނުން މުސްލިމާ އަބްދުލްގައްޔޫމް އާއި ދެ ދަރިން، އަބްދުالله އިޝާން އާއި އާއިޝަތު އިއުފާ މުހައްމަދުގެ މައްޗަށް މި ދަރަނި ނަގުލުކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް ވާރިސުންގެ ނުހުރުމުގައި އެ ގޮތަށް މައްސަލަ ނުނިންމޭނެ ކަމަށް ނިންމައި، ކޯޓުން ހުކުމް ކުރީ އެ ދަރަންޏަކީ މުހައްމަދު މަނިކުގެ މުދަލުގެ މައްޗަށް އޮތް ދަރަންޏެއް ކަމަށެވެ.
އެސްބީއައިއިން ނެގި ލޯނުތަކަށް ރަހުނުކުރި ރަށްތައް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން ދިނީ، މިދިޔަ އަހަރު މާޗު މަހުގެ ތެރޭގަ އެވެ. އެ ފަހުން ތިން ފަހަރެއްގެ މަތިން ކޯޓުން ރަހުނު ވިއްކާލުމުގެ ހުއްދަ ދިން ނަމަވެސް މި ރަށްތައް ގަންނާނެ ފަރާތެއް ނުވާ ކަމަށް އެސްބީއައިއިން ވަނީ ކޯޓަށް އަންގާފަ އެވެ.
ސިވިލް ކޯޓުގެ މި މައްސަލަ ބެއްލެވި ގާޒީ ސިނާން އަލީ ފާހަގަކުރައްވާފައިވާ ގޮތުގައި މިހާރު އަމަލުކުރަމުން އަންނަ މަދަނީ އިޖުރާއަތުގެ ގާނޫނުގައި، ރަހުނު ހަލާކުވެ، ނުވަތަ ނެތި ދިއުމާއި، އަގެއް ނެތިގެންވިޔަސް، އެއްވެސް ހާލަތެއްގައި ރަހުނު ނުވިކޭ ހާލަތުގައި އަމަލުކުރާނެ ގޮތުގެ ސާފު އުސޫލެއް ނެތެވެ.
އެހެންކަމުން، މި މައްސަލައިގައި ގޮތެއް ނިންމަން ޖެހޭނީ، އެ ގާނޫނުގެ 166 ވަނަ މާއްދާގެ ދަށުން ރަހުނާ މެދު ގޮތެއް ކަނޑައެޅުމަށް ފަހު، ކުރިން އަމަލުކުރަމުން އައި އުސޫލުގެ މައްޗަށް ކަމަށް ގާޒީ ވިދާޅުވި އެވެ. އަދި މި ދަރަނި ވިއްކުމުގެ އިޖުރާއަތުތަށް ހިންގުމަށް ފަހު، ރަހުނު އެއްބަސްވުން ނިމިފައިވާ ކަމަށް ކަނޑައަޅަން ޖެހޭ ކަމަށް ގާޒީ ވިދާޅުވި އެވެ.
ރަހުނު އެއްބަސްވުން ނިމުމާއެކީ، އިންޓްރެސްޓާއި ޖޫރިމަނާ ނިމުމަކަށް އަންނާނެ ކަމަށް މި މައްސަލަ ރައްދުވާ ގަސްވެއްޔާއި ވާރިސުންނާއި ގެރަންޓަރުން ފާހަގަކުރި އެވެ. ނަމަވެސް ކޯޓުން ބުނީ، ފުރަތަމަ ހުކުމުގައި މި މައްސަލައިގައި ކަނޑައެޅި ގޮތަށް ދަރަނި ދައްކައި ނިމެންދެން އިންޓްރެސްޓާއި ޖޫރިމަނާ ހިނގާނެ ކަމަށެވެ.
އެސްބީއައިއިން ކޯޓާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުގައި މާލޭ ބްރާންޗުން ދޫކުރި ލޯނަށް މި މަހުގެ 10 ވަނަ ދުވަހާ ހަމައަށް 64.5 މިލިއަން ޑޮލަލު އަދި މޮރިޝަސް ބްރާންޗުން ނެގި ލޯނަށް 16.1 މިލިއަން ޑޮލަރު އަރާފައި ވެ އެވެ. އެއީ ޖުމްލަ 80 މިލިއަނަށް ވުރެ ގިނަ ޑޮލަރެވެ.
ރަހުނު އެއްބަސްވުން ބާތިލުކުރުމަށް ފަހު ކޯޓުން ވަނީ ރަހުނު ނުހިމެނޭ ސާބިތު ދަރަނީގެ މައްސަލައެއްގެ ގޮތުގައި މި ދަަރަނީގެ މައްސަލަ ކޯޓަށް ވެއްދުމުގެ ހުއްދަ އެސްބީއައިއަށް ދީފަ އެވެ.
މި ރަށްތައް ގަންނާނެ ބަޔަކު ނުވީއިރު، އެސްބީއައިއިން ވަނީ ރަށްތައް ވިކޭތޯ މި ރަށްތަކުގެ އަގު ވަރަށް ބޮޑަށް ދަށްކޮށްފަ އެވެ. އެންމެ ފުރަތަމަ ކުރި އިއުލާނުގައި މި ރަށްތަކުގެ ލީސް ހޯލްޑް ރައިޓްސް ވިއްކާލަން ހުށަހެޅީ 33 މިލިއަން ޑޮލަރަށެވެ. ފަހުން އެ ރަށްތައް ހަތަރު މިލިއަން ޑޮލަރަށް ވިއްކާލަން އުޅުމުން ވެސް ގަންނާނެ ބަޔަކު ނުވި އެވެ.
ސިވިލް ކޯޓުން އެންމެ ފަހުން ދިން ހުއްދައިގައި ފަސް ލައްކަ ޑޮލަރަށް ވެސް މި ރަށްތައް ވިއްކަން ހުއްދަ ދިނެވެ.













