ޖުޑީޝަލް ސާވިސް ކޮމިޝަންއަށް އާންމުންގެ ތެރެއިން އައްޔަންކުރާ މެންބަރެއްގެ ގޮތުގައި ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާގެ ކުރީގެ ފިރިކަލުން އައްޔަން ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އޭނާ އަށް އެންމެ މަތިން މާކްސް ދީފި އެވެ.
ރައްޔިތުންގެ މަޖިލީހުން ކުރި އިއުލާނާ ގުޅިގެން ޖޭއެސްސީގެ މެންބަރަކަށް ވުމަށް އެދި ހުށަހެޅި އަށް މީހުންގެ ތެރެއިން އިންޓަވިއު ކުރީ ހަ މީހަކާ އެވެ. އެ މީހުންގެ ތެރެއިން 75 އަށް ވުރެ ގިނަ މާކްސް ހޯދި ހަތަރު މީހެއްގެ ނަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.
އިންޓަވިއު ކުރި މީހުންގެ ތެރެއިން ޖުޑިޝަރީ ކޮމިޓީން ސައުދާގެ ކުރީގެ ފިރިކަލުން އިދްރީސް ފައުޒީ އަށް ދީފައި ވަނީ 81 މާކުހެވެ. ސައުދާ އަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅެވެ.
75 އަށް ވުރެ ގިނައިން މާކްސް ލިބުނު މީހުން
- އިދްރީސް ފައުޒީ، ފަހިވާގެ، ލ. ކަލައިދޫ -- 81 މާކްސް
- އިބްރާހިމް ޒާހިދު، ލިލީމާގެ، ގދ. ވާދޫ -- 80 މާކްސް
- ހުސައިން ފާއިޒު، ދަފުތަރު ނަންބަރު: 1325 -- 79 މާކްސް
- އަހުމަދު އަލީ، ހމ ފްލެޓު ނަންބަރު 01-ޖީ-108 --75 މާކްސް
ޖޭއެސްސީއަށް މެންބަަރަކު އައްޔަން ކުރަން މާކްސް ދިނުމުގައި މައިގަނޑު އަށް ކަމަކަށް ބަލާފައިވެ އެވެ. އޭގެ ތެރޭގައި ހިމެނެނީ،
- ހާސިލުކޮށްފައިވާ ތައުލީމާއި މަގާމުގެ މަސައްކަތާ ހުރި ގުޅުން -- 20 މާކްސް
- ތަޖުރިބާ އާއި މަގާމުގެ މަސައްކަތާ ހުރި ގުޅުން -- 15 މާކްސް
- ނަތީޖާ ހާސިލްކުރުމާއި އުފެއްދުންތެރިކަން ދައްކުވައި ދިން މިންވަރު -- 10 މާކްސް
- އިސްނެގުމާއި ކަންކަން ނިންމުމުގައި ހެޔޮ ވިސްނުން ގެންގުޅޭ ގޮތް -- 10 މާކްސް
- ދުރު މުސްތަގުބަލުގެ ތަސައްވުރު އަދި އަމާޒު -- 15 މާކްސް
- ވާހަކަ ދެއްކުމުގެ ހުނަރު -- 10 މާކްސް
- ޝައުގުވެރިކަން ހުރި މިންވަރު -- 5 މާކްސް
- ތެދުވެރިކަމާއި އިހުލާސްތެރިކަން ހުރި މިންވަރު -- 15 މާކްސް
ހާސިލުކޮށްފައިވާ ތައުލީމާއި މަގާމުގެ މަސައްކަތާ ހުރި ގުޅުމާއި، ތަޖުރިބާ އާއި މަސައްކަތާ ހުރި ގުޅުމަށް ޖުމުލަ 35 މާކްސް ކަނޑައަޅާފައި ވާއިރު، އަދަދު ނޫހަށް އެނގިފައިވާ ގޮތުގައި ފައުޒީ މިހާތަނަށް ގާނޫނީ އަދި ޝަރުއީ ދާއިރާގައި މަސައްކަތް ކޮށްފައެއް ނެތެވެ.

މިކަމާ ގުޅިގެން ފައުޒީއާ ސުވާލުކުރުމުން އެއްވެސް ޖަވާބެއް ނުދެއްވި އެވެ.
މައުލޫމާތު އެނގޭ ބައެއް މީހުން އަދަދު ނޫހަށް ކިޔައިދިން ގޮތުގައި ފައުޒީ ފުރަތަމަ ވަޒީފާ އަދާކުރީ ކަލައިދޫ ޓީޗަރެއްގެ ގޮތުގަ އެވެ. އެއަށް ފަހު މާލެ ބަދަލުވެ ހައުސިން މިނިސްޓްރީގެ މަގާމެއްގައި ހުރީ، ރައީސް މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު އެވެ.
ސައުދާއާ ކައިވެނި ކުރީ ހައުސިން މިނިސްޓްރީގެ ވަޒީފާގައި އުޅުނު ދުވަސްވަރު ކަމަށް ބައެއް މީހުން ބުންޏެވެ. ފައުޒީ އާއި ސައުދާގެ ދަރިން ވެސް އެބަ ތިއްބެވެ.
މިހާރު ފައުޒީ ހުރީ ކަލައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމުގަ އެވެ.












