މަސައްކަތް ނުކުރާ 22 ރިސޯޓު ރަށުގެ އެއްބަސްވުން ބާތިލުކުރަން އަދިވެސް ލަފާ ނުދޭ ކަމަށް އޭޖީ އޮފީހުން ބުނެފި

އެއްވެސް މަސައްކަތެއް ނުހިނގާ ރަށްތަކުގެ ލިސްޓުގައި ހިމެނޭ މ. ގަސްވެލި: ނުހެދި ހުރި ބައެއް ރިސޯޓުތައް ހުރީ ރަހުނުގެ ގޮތުގައި ބޭންކަށް ވެސް ނަގާފައި --- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

އެއްވެސް މަސައްކަތެއް ނުހިނގާ ރަށްތަކުގެ ލިސްޓުގައި ހިމެނޭ މ. ގަސްވެލި: ނުހެދި ހުރި ބައެއް ރިސޯޓުތައް ހުރީ ރަހުނުގެ ގޮތުގައި ބޭންކަށް ވެސް ނަގާފައި --- ފޮޓޯ: ހޮޓެލިއާ މޯލްޑިވްސް

ރިސޯޓު ތަރައްގީކުރަން ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް ފާހަގަކުރެވިފައިވާ 22 ރަށުގެ އެއްބަސްވުން ބާތިލުކުރުމާ މެދު ބަންޑާރަ ނައިބު އޮފީހުގެ ލަފައަކަށް އެދިފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނިތާ ހަތް މަސްދުވަސް ވެގެން ދިޔަ އިރު ވެސް އެ މައްސަލައިގައި ވަކި ގޮތަކަށް ލަފާ ނުދޭ ކަމަށް އެ އޮފީހުން ބުނެފި އެވެ.

ޓޫރިސްޓު ރިސޯޓު ހަދަން ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން "ޒީރޯ ޕްރޮގްރެސް" ގައި ހުރި 22 ތަނެއްގެ އެއްބަސްވުން ބާތިލުކުރުމާ މެދު ގޮތެއް ނިންމަން ބަންޑާރަނައިބުގެ ލަފަޔަކަށް އެދިފައިވާ ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރި އިބްރާހިމް ފައިސަލް ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވީ ހުސްވި އަހަރުގެ އޮކްޓޯބަރު 23، ގައި އެވެ.

ފައިސަލް އެ ދުވަހު މަޖިލީހުގައި ވިދާޅުވީ، ރިސޯޓު ތަރައްގީކުރަން ދޫކޮށްފައި ހުރި ރަށްތަކުގެ ތެރެއިން މަސައްކަތް ހުއްޓިފައިވާ 58 ރަށެއް ދެނެގަނެވިފައިވާ ކަމަށެވެ. އަދި މިހެން މަސައްކައް ހުއްޓިފައި ހުރި ރަށްތަކުގެ ތެރޭގައި 15 އަހަރާއި 20 އަހަރާއި 30 އަހަރު ވެފައިވާ ރަށްތައް ހިމެނޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަމަވެސް އެ ފަހުން މި މައްސަލައިގެ އަދާހަމައެއް ސަރުކާރުން ހިއްސާއެއްނުކުރެ އެވެ. މިކަމާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީގައި ސުވާލުކުރުމުން އެ މިނިސްޓްރީގެ އޮފިޝަލަކު ބުނީ އެ ކަމުގައި ގޮތެއް ނުނިމި ވަނީ އޭޖީ އޮފީހުގެ ލަފާ އަދި ނުލިބޭތީ ކަމަށެވެ. މި ލަފާ ހޯދަން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ (އާރުޓީއައި) ގާނޫނުގެ ދަށުން ހުށަހެޅުމުން އެ އޮފީހުން ބުނީ އެ މައްސަލައިގައި ވަކި ގޮތަކަށް ލަފާ ނުދޭ ކަމަށެވެ.

"ޓޫރިސްޓު ރިސޯޓު ހަދަން ދޫކުރި ރަށްތަކުގެ ތެރެއިން 22 ރަށެެއް ތަރައްގީކުރަން އެއްވެސް މަސައްކަތެއް ނުކުރާތީ، އެ ރަށްތަކާ ގުޅޭ އެއްބަސްވުން ބާތިލުކުރުމާ ގުޅޭގޮތުން ވަކި ގޮތަކަށް މި އޮފީހުން އަދި ލަފާ ދީފައެއް ނުވޭ،" އޭޖީ އޮފީހުގެ ޖަވާބުގައި ބުންޏެވެ.

ނުހެދި ހުރި ރިސޯޓުތަކުގެ މައްސަލައިގައި ދިން ލަފާގެ އިތުރުން، އެ ރަށްތަކަކީ ކޮބައިތޯ ހިއްސާކޮށްދޭން ވެސް އާރުޓީއައިގައި އެދިފައިވާނެ އެވެ. ނަމަވެސް އޭޖީ އޮފީހުން ވަނީ އެ މައުލޫމާތު ހާމަކުރަން އެންމެ "އައުލާކަން" ބޮޑީ އެ ކަންކަން ބަލަހައްޓާ ވުޒާރާއިން ކަމަށް ބުނެ، އެ ރަށްތަކުގެ ލިސްޓެއް ދޭން އެ އޮފީހުން ވަނީ ދެކޮޅު ހަދައިފަ އެވެ.

ރިސޯޓު ހަދަން ދޫކުރާ ރަށްތައް ނުނިމި ދިގުލައިގެންދާ މައްސަލަ މިހާރު ވަރަށް ބޮޑެވެ. މިކަން ހައްލުކުރަން އެކި ސަރުކާރުތަކުން ސިޔާސަތުތައް ބަދަލުކޮށް، ގާނޫނާއި ގަވާއިދުތަކަށް ބަދަލު ގެނެސްފައިވެ އެވެ. މި ގޮތުން އެންމެ ފަހުން ގާނޫނުތައް ބަދަލުކޮށްގެން ރިސޯޓު ތަރައްގީކޮށް ނިންމަން ފުރުސަތު ދިނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުންނެވެ.

ސޯލިހު ސަރުކާރުން ވަނީ މި ފުރުސަތަށް އެދި ހުށަހެޅި ކުންފުނިތަކަށް ރިސޯޓު ތަރައްގީކުރަން ދީފައިވާ މުއްދަތު ފަސްކޮށްދީ، ކުލި ނުދައްކާ މުއްދަތަށް އަރާފަރި ހުރި ޖޫރިމަނާ ކުޑަކޮށްދީ، ތިން އަހަރުގެ ތެރޭގައި ރަށްތައް ނިންމާ ގޮތަށް އެއްބަސްވުންތައް މުރާޖައުކޮށްދީފަ އެވެ. އޭރު ޝަރުތު ކުރީ އެ މުއްދަތުގެ ތެރޭގައި ރަށްތައް ނުނިންމައިފި ނަމަ އެއްބަސްވުން ބާތިލުކުރާނެ ކަމަށް ބުނެފަ އެވެ.

އެކަމަކު އެއްވެސް އެއްބަސްވުމެއް ބާތިލުކުރި ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ. އަދި އެ ފުރުސަތު ދިނީ ކޮން ބަޔަކަށް ކަން އޭރު ސަރުކާރުން ހާމަނުކުރާތީ، އެއްބަސްވުންތައް މުރާޖާކުރި ތަންތަނަކީ ކޮބައި ކަމެއް ވެސް ނޭނގެ އެވެ.

ނުހެދި ހުރި ރަށްތަކާ ގުޅިގެން މި ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ އެއްވެސް މަސައްކަތެއް ނުކުރާ ނަމަ އެ ތަންތަނުގެ އެއްބަސްވުން ބާތިލުކުރުމެވެ. ފައިސަލް އޭރު ވިދާޅުވީ މިކަމާ ގުޅޭ ޕޮލިސީ ޕޭޕަރެއް ތައްޔާރުކޮށް، އިކޮނޮމިކް ކައުންސިލުން ގޮތްތަކެއް ނިންމާ، ޓޫރިޒަމް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނަން ނޮވެމްބަރުގައި މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށެވެ.

ގާނޫނު ބަދަލުކުރަން ޖެހެނީ، ފައިސަލް ވިދާޅުވި ގޮތުގައި، އެއްބަސްވުން ބާތިލުކުރުމުން ކޯޓަށް ގޮސް އެކަށީގެން ނުވާ ބަދަލު ހޯދަން އެއްވެސް ފުރުސަތެއް ނުދިނުމަށެވެ. އޭނާ މިހެން ވިދާޅުވީ ކުރިން ބާތިލުކުރި އެއްބަސްވުންތަކުގެ މައްސަލައިގައި ކޯޓަށް ގޮސްގެން އެކަށީގެންނުވާ ބަދަލު ހޯދާފައިވާ ކަމަށް ބަޔާންކުރައްވަމުންނެވެ.

ފައިސަލް މިހެން ވިދާޅުވި ފަހުން، ސަރުކާރުން ބޭނުންވެގެން ޓޫރިޒަމް ގާނޫނު ބަދަލުކުރި އެވެ. އެކަމަކު މަސައްކަތް ނުހިނގާ ތަންތަނުގެ މައްސަލައިގައި ފައިސަލް ހޯދަން ބޭނުންވި މައްސަލައާ ގުޅޭ އެއްވެސް މާއްދާއަކަށް ބަދަލެއް ނުުގެނެ އެވެ. ބަދަލު ގެނައި މަރާމާތަށް ބަންދުކުރާ ރިސޯޓުތައް ނުވަތަ ރީޑިވެލޮޕް ކުރަން ބަންދުކުރާ ރިސޯތުތައް އަލުން ހުޅުވުމާ ގުޅޭ މާއްދާތަކަށެވެ. މި ބަދަލުތަކުގެ ދަށުން ބުނާ ތާރީހަށް ރިސޯޓު ނުހުޅުވައިފި ނަމަ އެއްވެސް ބަދަލެއް ނުދީ އެ ތަން އަތުލެވެ އެވެ.

ނުނިމޭ ރަށްތައް އަތުލަން ގާނޫނީ ހުރަސްތަކެއް ހުރި ކަމަށް ސަރުކާރުން ބުނާއިރު، މި ރަށްތައް މާކެޓަށް ނުނެރެވުމުގެ ސަބަބުން އިގުތިސާދުން ގެއްލިގެންދާ އާމްދަނީއަކީ ވެސް ބޮޑު މައްސަލައެކެވެ.

ފިނޭންސް މިނިސްޓްރީން 2023 ގައި އާންމުކޮށްފައި ފިސްކަލް ހިރާސްތަކުގެ ބަޔާނުގައި ބުނީ، އެހާތަނަށް ނުހުޅުވި ހުރި 88 ރިސޯޓުތަކުގެ އޮޕަރޭޝަންތައް ފެށިއްޖެ ނަމަ، ސީދާ ގޮތުންނާއި ނުސީދާ ގޮތުން އިގުތިސޯދަށް އަހަރެއްގެ މައްޗަށް 1.7 ބިލިއަން ރުފިޔާ އިތުރު ވާނެ އެވެ. އަދި 16،000 ވަޒީފާ އުފެދިގެން ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox