މިދިޔަ ބުދަ ދުވަހު ކާށިދޫ ކަނޑަށް ސިވެކްގެ ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފް އިން ބުނެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް އަދިވެސް ކުރަމުންދާ ކަމަށެވެ.
ޑްރޯން ބޭނުންކޮށްގެން ވައިގެ މަގުންނާއި ކޯސްޓުގާޑުގެ އުޅަނދުތަކުން ކަނޑުގެ މަގުން ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
އޭގެއިތުރުން އެމްއެންޑީއެފް އިން ބުނީ އިއްޔެއާ ހަމައަށް ބިދޭސީ މީހާ ހޯދުމަށް ސާފަސް ސާޗުގައި 1،035 އަކަ ނޯޓިކަލް މޭލު އަދި އޭރިއަލް ސާޗްގައި 1،496 އަކަ ނޯޓިކަލް މޭލު ބެލިފައިވާ ކަމަށެވެ.
ގެއްލުނު ބިދޭސީ މީހާއާއެކު ޖުމްލަ ހަ މީހުން ދަތުރުކުރި ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެމްއެންޑީއެފްގެ ވޮރަންޓް އޮފިސަރު 2، އަލީ ހާމިދު ވަނީ ނިޔާވެފަ އެވެ.

އެ ހާދިސާގައި ސަލާމަތްވީ ދެ ދިވެހިންގެ އިތުރުން ދެ ބިދޭސީންނެވެ. އެ މީހުންނަށް ޅ. ނައިފަރު ހޮސްޕިޓަލުން ވަނީ ފަރުވާދީފަ އެވެ.













