ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން މިއަދު ހުޅުވާލައިފި އެވެ.
އެ އިދާރާއިން މިއަދު ކުރި އިއުލާނުގައި ބުނީ އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ޖުލައި 3، ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ކަމަށެވެ. ޖޭއެސްސީއަށް މެންބަރުން އައްޔަނު ކުރުމުގެ ބާރު ގާނޫނުން ލިބިދީފައި ވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ކޮމިޝަނުގެ މެންބަރެއްގެ ދައުރަކީ ފަސް އަހަރެވެ.
ޖޭއެސްސީ އެކުލެވިގެންވަނީ 10 މެންބަރުންގެ މައްޗަށެވެ. އާންމުން ތަމްސީލު ކުރައްވާ މެންބަރެއްގެ ގޮތުގައި ޖޭއެސްސީގައި މިހާރު އިންނަވަނީ ޑރ. އައިމިނަތު އުއްމުކުލްސޫމް އެވެ.
ޖޭއެސްސީގެ މެންބަރުކަމަށް ކުރިމަތިލާ މީހުންގެ ކިބައިގައި ހުންނާންޖެހޭ ޝަރުތުތަކަކީ:
- މުސްލިމަކު ކަމުގައިވުން
- ދިވެހި ރައްޔިތަކު ކަމުގައިވުން
- އުމުރުން 30 އަހަރު ވެފައިވުން
- އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުން
- ގާނޫނުއަސާސީގެ ދަށުން ނުވަތަ ގާނޫނެއްގެ ދަށުން އިންތިހާބު ކުރެވޭ ނުވަތަ އައްޔަނުކުރެވޭ ސިޔާސީ މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން
- ސިޔާސީ ޕާޓީއެއްގެ މެންބަރުކަމުގައި ނުވަތަ ސިޔާސީ ޕާޓީއެެއްގައި ހަރަކާތްތެރިވާ މީހެއް ކަމުގައި ނުވުން
- ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުން













