ނޭޕާލަށް ދިވެހިރާއްޖެއިން އައްޔަނުކޮށްފައި ހުންނަ ނޮން ރެޒިޑެންޓު ސަފީރުކަމުގެ މަގާމަށް އައިޝަތު އަޒީމާ، މ. ބީނާފުށި އައްޔަނުކުރަން މަޖިލީހުން ފާސްކޮށްފި އެވެ.
އޭނާ އެ މަގާމަށް އައްޔަނުކުރަން ފެންނަ ކަމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 59 މެންބަރުންގެ އިއްތިފާގުންނެވެ.
ނޮން ރެޒިޑެންޓު ސަފީރުންނަކީ އެ ގައުމެއްގައި ސީދާ ގާއިމުވެ ނުތިބެ އެ ގައުމުގައި ދިރިއުޅޭ ދިވެހީންނާއި އެ ގައުމަށް ދަތުރުކުރާ ދިވެހީންގެ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އަދާ ކުރައްވާ ބޭފުޅާ އެވެ. ނޮން ރެޒިޑެންޓު ސަފީރުން އަދާ ކުރައްވާ ޒިންމާއަށް ވަކީން ހާއްސަ މުސާރައެއް ނުދޭނެ އެވެ.
އަޒީމާއަކީ ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ. އޭނާ އަކީ އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުގެ ފަސްޓު ސެކްރެޓަރީގެ މަގާމާއި އެ ކޮމިޝަނުގެ މިނިސްޓާ ކައުންސެލާގެ މަގާމު މީގެ ކުރިން ފުރުއްވާފައިވާ ބޭފުޅެކެވެ.
އޭގެއިތުރުން ފޮރިން މިނިނިސްޓަރީގެ އެޑިޝަނަލް ސެކްރެޓަރީ ކަމާއި ޑިރެކްޓަރު ކަމުގެ އިތުރުން ޖޮއިންޓު ސެކްރެޓަރީގެ މަގާމު ވެސް އަޒީމާ ފުރުއްވާފައިވެ އެވެ.

އިންޑިއާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް އަޒީމާ އައްޔަނުކުރީ އޮކްޓޫބަރު 28، 2024 ގަ އެވެ.












