މޯލްޑިވްސް އެގްޒިބިޝަން އެންޑް ކޮންފަރެންސް ސާވިސަސް (މެކްސް) އިން އިންތިޒާމްކޮށްގެން ފުރަތަމަ ފަހަރަށް ރާއްޖޭގައި ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް އެޑިއުކޭޝަން އެންޑް ވެލްނަސް އެކްސްޕޯ" އަންނަ ހުކުރު ދުވަހު ފެށުމަށް ހަމަޖެހިއްޖެ އެވެ.
ހުޅުމާލެ ސެންޓްރަލް ޕާކުގައި ހުކުރު ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ އެކްސްޕޯގައި ރާއްޖެއާއި ރާއްޖެއިންބޭރުގެ 40 ފަރާތަކުން ބައިވެރިވެ، ތަފާތު 100 ދާއިރާގެ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިންނަށް ދޭނެ އެވެ.
އެކްސްޕޯއަށް ހުޅުވުފައި ހުންނާނީ ހަވީރު 3:00 އިން ރޭގަނޑު 10:00 އަށް ކަމަށްވާއިރު، އެކްސްޕޯގައި އޮންލައިންކޮށް ރަޖިސްޓްރީ ކުރުމަށް ވަނީ ހުޅުވާލައިފަ އެވެ. އެކްސްޕޯ އަށް ޒިޔާރަތްރުމާއި ސެމިނާތަކުގައި ބައިވެރިވުމަށް ހުޅުވާލީ މުޅިން ހިލެ އެވެ.
މިއީ ރާއްޖެ އާއި ރާއްޖެއިން ބޭރުން ލިބެން ހުންނަ މަތީ ތައުލީމާ ތަމްރީނުތަކުގެ ފުރުސަތު އަދި ވެލްނަސް ދާއިރާގެ ފުރުސަތުތައް ރާއްޖޭގެ ޒުވާނުންނަށް ހުޅުވާލަދޭ އެކްސްޕޯއެކެވެ.
މަތީ ތައުލީމުގެ ފުރުސަތު ހުޅުވާލާ ދާއިރާތަކުގެ ތެރޭގައި ބިޒްނަސް، އެކައުންޓިން، އައިޓީ، ހޮސްޕިޓަލިޓީ، މެޑިސިން، ނާސިންގް، ބައޯ މެޑިކަލް ސައެންސް، ގޭމް ޑިވެލޮޕްމަންޓް، ކޮންސްޓްރަކްޝަން މެނޭޖްމަންޓް، ކޮންޓިޓީ ސާވޭ، އިލެކްޓްރިކް، އިލެކްޓްރޯނިކްސް އެންޖިނިއަރިން، އޭވިއޭޝަން، އާކިޓެކްޗާ، ފެޝަން، އިންޓީރިއާ ޑިޒައިނިންފަދަ ރާއްޖެއަށް މުހިންމު ދާއިރާތަކުން ފައުންޑޭޝަން ލެވަލް، ޑިޕްލޮމާ، ޑިގްރީ، މާސްޓާޒް އަދި ޕީއެޗްޑީގެ ކޯސްތައް ހިމެނެ އެވެ.
ރާއްޖޭގެ މަތީ ތައުލީމު ފޯރުކޮށްދޭ ޔުނިވާސިޓީ ކޮލެޖްތަކުގެ އިތިރުން އޮސްޓްރޭލިއާ، ޗައިނާ، އިނގިރޭސިވިލާތް، މެލޭޝިއާ، ސްރީލަންކާ، އިންޑިއާ އަދި ފިލިޕިންސްގެ ޔުނިވާސިޓީތަކާއި މަތީ ތައުލީމު ފޯރުކޮށްދޭ ބައެއް ތަންތަނުން އެކްސްޕޯގައި ބައިވެރިވާނެ އެވެ.
އޭގެ އިތުރުން ސިއްހީ ދާއިރާގެ ހިދުމަތްތަކާއި މައުލޫމާތު އަދި ޕްރޮމޯޝަނަލް އަގުތަކުގެ ޕެކޭޖްތައް އެކްސްޕޯގެ ތެރޭގައި ލިބެން ހުންނާނެ އެވެ.
ވެލްނަސް ދާއިރާއިން ރައްޖޭގައި މިހާރު ލިބެންހުރި ހާއްސަ ސިއްހީ އަދި ވެސްނަސް ހިދުމަތް ދޭ ތަންތަނާއި އެއްތަނަކުން ބައްދަލުކޮށް ޑިސްކައުންޓް ޕެކޭޖްތައް ހޯދުމުގެ ފުރުސަތުގެ އިތުރުން ރާއްޖެއިން ބޭރުގެ ފާހަގަކޮށްލެވޭ ހޮސްޕިޓަލް ތަކުންވެސް ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ.
މީގެއިތުރުން މުސްތަގުބަލު ބައްޓަންކުރުމަށް އެހީވެދޭ އަދި ވެލްނަސް ކަންކަމުގެ މައުލޫމާތު ހިމެނޭ ސެމިނާތައް ވެސް ދެ ދުވަހު ކުރިއަށް ގެންދާނެ އެވެ.










