މިފްކޯގެ ފުރަތަމަ ބިދޭސީ ސީއީއޯ: ގޮންޖެހުންތަކާއެކު ވެސް ބެއްލެވީ ނަޒާހަތްތެރިކަން ހިފެހެއްޓޭތޯ

މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ ލިއުބިމޯވް: އޭނާ ކުންފުންޏަށް އައްޔަނުކުރީ ކްރައިސިސް މެނޭޖަރެއްގެ ގޮތުގައި --- ފޮޓޯ:

މިފްކޯގެ ކުރީގެ ސީއީއޯ ވިޓަލީ ލިއުބިމޯވް: އޭނާ ކުންފުންޏަށް އައްޔަނުކުރީ ކްރައިސިސް މެނޭޖަރެއްގެ ގޮތުގައި --- ފޮޓޯ:

ޔޫކްރެއިންގެ ވިޓަލީ ލިއުބިމޯވްއަކީ، 1993 ވަނަ އަހަރު އުފެއްދި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑުގެ 32 އަހަރުގެ ދިގު ތާރީހުގައި އައްޔަން ކުރި ފުރަތަމަ ބިދޭސީ ޗީފް އޮޕަރޭޓިން އޮފިސަރެވެ.

މިފްކޯގެ ސީއީއޯގެ މަގާމަށް ވިޓަލީ އައްޔަން ކުރީ، ކާރިސާ މޯޑުގައި އޮތް މިފްކޯ ހަމައަކަށް އެޅުވުމަށެވެ. އޭނާއަށް ހަވާލު ކުރި މައިގަނޑު މަސައްކަތަކީ، ކުންފުނީގެ ހިންގުން ހަރުދަނާކޮށް މިފްކޯއަކީ ފައިދާ ނެރެވޭ ކުންފުންޏަކަށް ހެދުމެވެ.

އެކަމަކު، މިފްކޯގެ ސީއީއޯގެ މަގާމުގައި ވިޓަލީއަށް ހުރެވުނީ އެންމެ 84 ދުވަހެވެ. މާޗް 3، 2025، ގައި އޭނާ މިފްކޯއިން ވަކިކޮށް، ސަރުކާރުން ވަނީ ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑް ފަރުހަތު ޝަހީރު އައްޔަންކޮށްފަ އެވެ.

Advertisement

މިފްކޯގައި މަސައްކަތް ކުރެއްވި މަދު ދުވަސްކޮޅުގެ ތެރޭގައި ވިޓަލީ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އޭގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ސިޔާސީ ނުފޫޒަށް ބޯލެނބުމެއް ނެތި ބައެއް މަގާމުތަކަށް މީހުން އައްޔަން ކުރުމެވެ.

އެންމެ ބޮޑަށް ފާހަގަވި އެއް ކަމަކީ، މިފްކޯއަށް ޖެނެރަލް މެނޭޖަރަކު އައްޔަން ކުރުމަށް ހިންގި މަރުހަލާއަށް ސިޔާސީ ނުފޫޒު ފޯރުވަން މަސައްކަތް ކުރުމުން އެކަން އާންމުންނަށް ހާމަ ކުރެއްވުމެވެ. ސިޔާސީ ނުފޫޒަށް ނުލެނބި ވިޓަލީ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަމެއް އެކަމުގެ ސަބަބުން އާންމުންނަށް ލިބުނެވެ.

މިފްކޯގައި ވިޓަލީ މަސައްކަތް ކުރެއްވި ދުވަސްވަރުގެ ތަޖުރިބާ އާއި ކުންފުނި ހަރުދަނާ ކުރަން އޭނާ އެޅުއްވި ފިޔަވަޅުތަކާ ގުޅޭ ގޮތުން އަދަދު ނޫހާ ވިޓަލީ ވަނީ ވާހަކަ ދައްކައިފަ އެވެ. ތިރީގައި މި ގެނެސްދެނީ އިންޓަނެޓު މެދުވެރިކޮށް އިނގިރޭސި ބަހުން ވިޓަލީ މި ނޫހަށް ދެއްވި އިންޓަވިއުގެ ތަރުޖަމާއެކެވެ.

މިފްކޯގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުންފުންޏާ ހަވާލުވި އިރު ކުރިމަތިވި ގޮންޖެހުންތަކަކީ ކޮބައިތޯ؟

ދިވެހި ސަރުކާރުން އަޅުގަނޑު އައްޔަން ކުރީ ކްރައިސިސް މެނޭޖަރެއްގެ ގޮތުގައި. އޭގެ ބޭނުމަކީ ކުންފުންޏަށް ބޭނުންވާ ބަދަލުތައް ގެނެސް، ކުންފުނި ހަމައަކަށް އަޅުވައި، ކޮރަޕްޝަން އަދި ސިޔާސީ ނުފޫޒުން ކުންފުނި ސަލާމަތް ކުރުން.

އަޅުގަނޑު މަގާމާ ހަވާލުވި އިރު ކުންފުނީގައި ވަރަށް ބޮޑެތި މައްސަލަތައް ހުރި. އޭގެ ތެރޭގައި؛

  • ކުންފުނީގެ އޮޕަރޭޝަނަލް ޕްރޮސެސް ގޯސްވުން
  • ޑޭޓާ އުފައްދައި، ބޭނުން ކުރާ ގޮތް ކަމުނުދިޔުން
  • އޮޕަރޭޝަނަލް ފެންވަރު އަދި ގަވާއިދުތައް ހުރީ ބަދަލު ކުރަންޖެހިފައި
  • މުވައްޒަފުންގެ މަސައްކަތުގެ އަހުލާގު ހުރީ ރަނގަޅު ކުރަންޖެހިފައި

މަގާމާ ހަވާލުވިއިރު މިފްކޯ އޮތް ހާލަތަކީ ކޮބައިތޯ؟

ކުންފުނި އޮތީ ވަރަށް ނާޒުކު އަދި އުނދަގޫ ހާލަތެއްގައި. މިފްކޯ ހިންގުމުގެ އޮނިގަނޑު އަދި ވިޔަފާރީގެ މަރުހަލާތައް ޒަމާނީކޮށް، ތަރައްގީ ކުރަންޖެހިފައި އޮތީ. އޭގެ އިތުރުން، މަސައްކަތުގެ އަހުލާގާއި ސުލޫކު ވަރަށް ބޮޑަށް އިސްލާހު ކުރަންޖެހިފައި އޮތީ. މުވައްޒަފުންގެ މޯޓިވޭޝަން ވަރަށް ބޮޑަށް ރަނގަޅު ކުރަންޖެހިފައި އޮތީ. ކުންފުނި ހިންގުމުގެ ހަރަދު ކުޑަކޮށް، ޓީމެއްގެ ގޮތުގައި މަސައްކަތްކޮށް، ލަނޑުދަނޑިތަކަށް ވާސިލުވެވޭނެ ސަގާފަތެއް އުފައްދަންޖެހިފައި އޮތީ.

މިފްކޯގައި ކުރެއްވި އެންމެ ފުރަތަމަ މަސައްކަތްތަކަކީ ކޮބައިތޯ؟

އެންމެ ފުރަތަމަ އަޅުގަނޑު ކުރި ކަމަކީ މުހިންމު ހުރިހާ ޑިޕާޓްމަންޓެއް އޮޑިޓް ކުރުން. އޭގެ ފަހުން އަޅުގަނޑު މަސައްކަތް ކުރީ ބައިނަލްއަގްވާމީ ކޯޕަރޭޓް ގަވަނަންސް އުސޫލުތައް މިފްކޯގައި ގާއިމް ކުރަން. އޭގެ އިތުރުން، ކުންފުނީގެ ޓްރާންސްޕޭރަންސީ އިތުރު ކުރުމާއި ބައެއް މަރުހަލާތައް ޑިޖިޓަލް ކުރުމާއި ކުންފުނީގެ ހުރިހާ ދިމާލަކުން ވެސް ހަރަދު ކުޑަ ކުރުމާއި އެ މުވައްޒަފަކާ އެންމެ ގުޅޭ ޑިޕާޓްމަންޓަކަށް އެ މުވައްޒަފަކު ބަދަލު ކުރުން ހިމެނޭ.

މިކަންކަން ކުރުމަށް މަގުފަހިވާނެ މައިގަނޑު ފައުންޑޭޝަން ގާއިމްވުން އެއީ ކާމިޔާބަކީ. އޭގެ ސަބަބުން ކުންފުނީގެ އިގްތިސާދު ހަރުދަނާ ކުރެވި އަދި އުފެއްދުންތެރިވުމުގެ އިތުރުން ކުންފުންޏަށް އެހެނިހެން ދެމެހެއްޓެނިވި ބަދަލުތައް ގެނެވޭނެ.

ކުންފުނީ ސިޔާސީވުމަށް ދޫނުކޮށްލައްވާނެ ކަމަށް ވިދާޅުވެފައި ވަނީ. ސިޔާސީ ގޮތުން ކުރިމަތިލާންޖެހުނު ކަންކަމަކީ ކޮބައިތޯ އަދި އެކަންކަމާ ކުރިމަތިލެއްވީ ކިހިނަކުންތޯ؟

ތަޖުރިބާކާރު އަދި ޕްރޮފެޝަނަލް މެނޭޖަރެއްގެ ހައިސިއްޔަތުން އަޅުގަނޑު ބެލީ ކާމިޔާބު ވިޔަފާރިއެއްގެ އަސާސްތަކުގައި ހިފެހެއްޓުމަށް. އެއީ ތެދުވެރިކަން، ޕްރޮފެޝަނަލިޒަމް، ޓްރާންސްޕޭރަންސީ އަދި ވިޔަފާރީގެ ހަމަ ވިސްނުން.

ދައުލަތުގެ އެހެން ކުންފުނިތަކޭ އެއްގޮތަށް، މިފްކޯގެ ހަރަކާތްތަކުގެ ސަބަބުން ވަރަށް ގިނަ ނުފޫޒު ފޯރަމުންދިޔަ. މެނޭޖްމަންޓުން ނިންމާ ނިންމުންތަކާއި އަޅުގަނޑު ހިފެހެއްޓި ޕޮލިސީތަކަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރި.

އެކަމަކު، އަޅުގަނޑު އަމަލު ކުރީ ކުންފުނީގެ ގަވާއިދުތަކާ އެއްގޮތަށް. އެކަންކަމުގައި މެނޭޖްމަންޓު ލެވެލުގައި މަޝްވަރާ ކުރަންޖެހޭ ފަރާތްތަކާއެކު މަޝްވަރާ ކުރިން. އަޅުގަނޑުގެ މަސައްކަތަކަށްވީ ކުންފުނީގެ ޕްރޮފެޝަނަލިޒަމް ހިފެހެއްޓުމާއި ކުންފުނީގެ ވިޔަފާރީގެ އަމާޒުތަކަކީ، ބޭރުގެ ނުފޫޒުތަކަށް ވިޔަ ނުދިޔުމަށް މަސައްކަތް ކުރުން.

އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި، ބައިނަލްއަގްވާމީ މެނޭޖްމަންޓު ސުލޫކުތައް ހިފަހައްޓައިފި ނަމަ، މިފްކޯއަކީ މި ސަރަހައްދުގެ މޮޑެލް ކުންފުންޏަކަށް ހެދޭނެ.

މިފްކޯގެ މަސައްކަތްތަކަށް ކިހާ މިންވަރަކަށް ސިޔާސީ ނުފޫޒު ފޯރާފައިވޭތޯ؟

ކުންފުނީގެ މަގާމުތަކަށް މީހުން އައްޔަން ކުރުމާއި ކުންފުނި ހިންގުމުގެ މަސައްކަތްތަކަށް ސިޔާސީ ނުފޫޒު ފޯރަމުންދިޔަ. އޭގެ ސަބަބުން ކުންފުންޏަށް ޕްރޮފެޝަނަލް އަދި ދެމެހެއްޓެނިވި ގޮތެއްގައި ބަދަލުތަކެއް ގެންނަން އުނދަގޫތަކެއް ކުރިމަތިވި. އެކަމަކު އޭގެ ސަބަބުން މަސައްކަތުގެ ކޮލިޓީއަށް ބަދަލެއް ނާދޭ.

ކުރު މުއްދަތެއްގައި ވެސް ވިޔަފާރީގެ މަރުހަލާތައް ފަސޭހަ ކުރެވި، މެނޭޖްމަންޓު ސްޓްރަކްޗާއަށް ރަނގަޅު ބަދަލުތަކެއް ގެނެވުނު. އޭގެ ސަބަބުން ކުންފުނީގެ ޕާފޯމެންސް އިންޑިކޭޓާސް ބަދަލުވި. ކުންފުނި އަމާޒު ހިފާފައި ހުރީ ހަރަދު ކުޑަވުމާއި ފައިދާ ނެރުމާ ދިމާލަށް. އެ ބަދަލުތަކުގެ ސަބަބުން ފެނުނު ރަނގަޅު ނަތީޖާ ކުންފުނީގެ އެކި ފަންތީގެ މުވައްޒަފުންނަށް ފާހަގަ ކުރެވުނު އަދި އިހުސާސްވި.

މިފްކޯއަކީ ކޮރަޕްޓު ކުންފުންޏެއްގެ ގޮތުގައި އޮތީ ލޭބަލްވެފައި. ކުންފުނީގައި ކިހާ މިންވަރަކަށް ކޮރަޕްޝަން އޮތްތޯ؟

ކޮރަޕްޝަނަކީ ދުނިޔޭގެ ވަރަށް ގިނަ ކުންފުނިތަކަކަށް ދިމާވެފައި އޮތް މައްސަލައެއް. ކޮރަޕްޝަން އޮތް މިންވަރާމެދު އަޅުގަނޑަކަށް އެއްޗެއް ނުދެންނެވޭނެ. އެކަމަކު، އަޅުގަނޑުގެ މެންޑޭޓުގެ ހިނގި ހުރިހާ ދިމާލެއްގައި އެންމެ ފުޅާ މިންވަރަށް ޓްރާންސްޕޭރަންސީ ގާއިމް ކުރިން. އަޅުގަނޑުގެ އަމާޒަކީ ފާޑުކިޔުމެއް ނޫން، އަމާޒަކީ ބިނާކުރަނިވި ގޮތެއްގައި ކުންފުނި ތަރައްގީ ކުރުން.

ކުންފުނީގައި ހޭދަ ކުރެއްވުނީ މަދު ދުވަސްކޮޅެއް. ސަބަބަކީ ކޮބައިތޯ؟

އަޅުގަނޑުގެ ކޮންޓްރެކްޓު ބާތިލު ކުރީ ކުރިން ރޭވިފައި އޮތް ގޮތަކަށް ނޫން އެއަށްވުރެ އަވަހަށް. އެކަން ބިނާވީ އަޅުގަނޑު މަސައްކަތުގެ ކޮލިޓީ އަދި ޕްރޮފެޝަނަލް ހަރަކާތްތަކަށް ބިނާކޮށެއް ނޫން. މިކަމާ ގުޅޭ ކަންކަން، ގާނޫނީ އިދާރާތަކުން ދަނީ ބަލަމުން. ދިވެހިރާއްޖޭގެ ދައުލަތުގެ އިދާރާތަކަށް އަޅުގަނޑު އިތުބާރު ކުރަން. އަޅުގަނޑުގެ ތަޖުރިބާ އާއި ހިފެހެއްޓި ވިޔާރީގެ ސުލޫކު، ކުރިމަގުގައި ވެސް ދިވެހިރާއްޖެއަށް ބޭނުންތެރިވާނެ ކަމަށް ދެކެން.

މިފްކޯއާމެދު ވިދާޅުވާނީ ކީކޭ؟

މިފްކޯއަކީ ބައިނަލްއަގުވާމީ ފެންވަރުގައި ވަކި ހާއްސަ ދާއިރާއެއްގައި ހިންގަމުން އަންނަ އަދި އިގްތިސާދީ ގޮތުން ވެސް ބޮޑެތި ފުރުސަތުތަކެއް އޮތް ކުންފުންޏެއް. ޓްރާންސްޕޭރެންސީ އާއި ވިޔަފާރީގެ ސުލޫކު ހިފަހައްޓައިފި ނަމަ، މިފްކޯއަކީ ދިވެހިރާއްޖޭގެ ފަހުރަކަށް ހެދޭނެ. މިފްކޯއަކީ އެފިޝަންޓް ގައުމީ އެންޓަޕްރައިސްއަކަށް ހެދޭނެ. މިފްކޯއަކީ ގައުމީ އިގްތިސާދު ކުރިއަރުވައިދޭނެ ކުންފުންޏަކަށް ހެދޭނެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު އަލީ ނިޔާވެއްޖެ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ، އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ވަނީ ނިޔާވެފައެވެ. އުމުރުން 67 އަހަރުގައި ނިޔާވި މުހައްމަދު އަލީއަކީ އިމިގްރޭޝަން ކޮންޓްރޯލަރުގެ އިތުރުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްގެ މަގާމުވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.

ޓޫރިޒަމް ހީނަރުވުމުން އިގުތިސޯދީ ހަރަކާތް މަޑުޖެހޭނެ: ފައްޔާޒު

ސަރުކާރުން ޓެކްސް ގާނޫނުތަކަށާއި ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެނައި ކުއްލި ބަދަލުތަކުގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް ބޮޑު ހީނަރުކަމެއް އަތުވެދާނެ ކަމަށް ކުރީގެ މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ. މި ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް އޮތް އިންވެސްޓަރުންގެ އިތުބާރު ގެއްލި، ވިޔަފާރިތައް ހުއްޓި މުޅި ގައުމުގެ އިގުތިސޯދު މަޑުޖެހުމުގެ ބިރު އޮތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޕްލާސްޓިކް ހޮޅި ހުއްދަކުރީ ކަރުދާސް ހޮޅި ބޭނުންކުރަން ދަތިވުމުން

ކަރުދާސް ހޮޅި ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސިއްހީ ކަންބޮޑުވުންތަކާ ގުޅިގެން، ރާއްޖެއަށް ޕްލާސްޓިކް ހޮޅި އެތެރެކުރުން މަނާކުރާ ތާރީހު 2031 ވަނަ އަހަރަށް ސަރުކާރުން ފަސްކޮށްފިއެވެ. އެންވާރަމަންޓް މިނިސްޓްރީން ބުނީ މި ބަދަލު ގެނައީ ކަރުދާސް ހޮޅި ފޫދުމުގެ މައްސަލައާއި އޭގެ ސަބަބުން މައިކްރޯ ޕްލާސްޓިކް އުފެދުމުގެ ފުރުސަތު އޮތުމުން ކަމަށެވެ. މީގެ ކުރިން 2023 ގެ ނިޔަލަށް ޕްލާސްޓިކް ހޮޅި މަނާކުރަން ނިންމާފައި އޮތް ނަމަވެސް، މި ނިންމުމާއެކު އެ ތާރީހު ވަނީ ވަރަށް ބޮޑަށް ފަސްވެފައެވެ.

ހިރިމަރަދޫއަށް ދެ ޕޮލިޓިކަލް ޑިރެކްޓަރުން އައްޔަނުކޮށްފި

ފަޅުރަށެއްގެ ގޮތުގައި ކަނޑައަޅައި ކައުންސިލް އުވާލާފައިވާ ހދ. ހިރިމަރަދޫގައި ވަޒީފާ އަދާކުރާ ގޮތަށް، ޔޫތު މިނިސްޓްރީގެ ދެ ޕޮލިޓިކަލް ޑިރެކްޓަރުން ސަރުކާރުން އައްޔަނުކޮށްފިއެވެ. މަހަކު 20،000 ރުފިޔާގެ މުސާރަ ލިބޭ މި މަގާމުތަކަށް އައްޔަނުކުރި ޕީއެންސީގެ ދެ އެކްޓިވިސްޓުންގެ އިތުރުން، އެ ރަށުގެ ތިންވަނަ މީހަކަށްވެސް ސިޔާސީ މަގާމެއް ދީފައިވާކަން ވަނީ އެނގިފައެވެ.

ދަބަހުގައި ބޮމެއް އޮތް ކަމަށް ބުނި މީހަކު ހައްޔަރުކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުރެ ދަބަހެއްގައި ބޮމެއް އޮތް ކަމަށް ބުނެ ސަމާސާކުރި މިސްރުގެ ރައްޔިތަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހައިފިއެވެ. އޭނާ އެއީ ސަމާސާއަކަށް ދެއްކި ވާހަކައެއް ކަމަށް ބުނެ މައާފަށް އެދުނު ނަމަވެސް، މުޖުތަމައުގެ ސަލާމަތަށްޓަކައި އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ނުގަވައިދުން ބިމެއް ދިނުމުން ކޮރަޕްޝަންގެ ދައުވާކުރަނީ

ގަވާއިދާ ހިލާފަށް އަމިއްލަ ކުންފުންޏަކަށް ބީލަމަކަށް ނުލައި ބިންތަކެއް ދޫކުރި މައްސަލައިގައި، ތިނަދޫ ސިޓީގެ މޭޔަރު ސައުދު އަލީ އާއި ތިން ކައުންސިލަރެއްގެ މައްޗަށް ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. މި ބޭފުޅުންގެ މައްޗަށް ދައުވާކުރަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީއެވެ.

ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކަށް މިނިސްޓަރެއްގެ އިންޒާރު

"އައިޝާ" ޑޮކިއުމެންޓްރީ ނެރުމުގެ ކުރިން، އެއްވެސް މައުލޫމާތެއް ލީކުނުކުރުމަށް ބުނެ މިހާރުގެ ކެބިނެޓް މިނިސްޓަރަކު އިންޒާރުދިން ކަމަށް ރައީސް އޮފީހުގެ ކުރީގެ މުވައްޒަފަކު ތުހުމަތުކޮށްފިއެވެ. މީގެ އިތުރުން، ޖިނާއީ ތަހުގީގަކަށް އޭނާގެ ޕާސްޕޯޓު ވެސް މިހާރު ވަނީ ހިފަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox