ޔުނައިޓެޑާ އެކު ކުރިއަށްދިއުމަށް ފެނާންޑޭސް ދެ ވަނަ ވިސްނުމަކަށް؟

May 31, 2025, 2:33 AM
ޔުނައިޓެޑާ އެކު ކުރިއަށްދިއުމަށް ފެނާންޑޭސް ދެ ވަނަ ވިސްނުމަކަށް؟

ކުއަލަލްމްޕޫރު، މެލޭޝިއާ (މެއި 31) - މެންޗެސްޓާ ޔުނައިޓެޑްގައި މަޑުކުރުމާ މެދު ދެ ވަނަ ވިސްނުމެއްގައި ބްރޫނޯ ފެނާންޑޭސް ހުރި ކަމަށް ދޭހަވާ މޭރުމަކުން އެ ޓީމުގެ ކޯޗު، ރުބެން އަމޮރިމް ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދީފި އެވެ.

ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން ފުރުސަތު ނުލިބުމުން، ދިމާވާނެ މާލީ ދަތިތަކަށް ބަލައި، އެ ކްލަބްގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ޓްރާންސްފާ ލިސްޓުގައި ހިމެނުމާ އެކު، އެ ޓީމުގެ ކެޕްޓަން، ފެނާންޑޭސް، 30، އަށް ބޮޑު އޮފާއެއް ވަނީ ލިބިފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ 15 ވަނައިގައި ނިންމި ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބެން އޮތީ ޔޫރޮޕާ ލީގުގެ ފައިނަލުން މޮޅުވެގެންނެވެ. އެކަމަކު، ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވެ، ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގެ ފުރުސަތު ނެތްއިރު، އެ ކްލަބަށް މާލީ ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.

އެ ގޮތުން، ފެނާންޑޭސް، ވިއްކާ ކުޅުންތެރިންގެ ލިސްޓަށް ލުމާ އެކު، ފެނާންޑޭސް އަށް ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ހިލާލުން ވަނީ ބޮޑު ޑީލެއް ދީފަ އެވެ. އަންނަ މަހު ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް ކުޅޭ އަލް ހިލާލުން ވަނީ، ފެނާންޑޭސްގެ ސޮއި ހޯދަން، 100 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. އެ ގޮތުން، ހިލާލުން ފެނާންޑޭސް އަށް ދޭ ކޮންޓްރެކްޓުން ސީޒަނެއްގައި އޭނާގެ އާމްދަނީ، 50 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.

ޔުނައިޓެޑްގެ އޭޝިއާ ޓުއާގައި، ފަހަތުން އަރައި، 3-1 އިން ހޮންގް ކޮންގް އަތުން މޮޅުވި މެޗަށް ފަހު، އަމޮރިމްއާ ފެނާންޑޭސްގެ މުސްތަގުބަލާ ގުޅޭގޮތުން އަމާޒުވި ސުވާލަށް ބުނީ، ވާނެ ގޮތެއް ޔަގީންކަމާ އެކު ބުނަން ނޭނގޭ ކަމަށެވެ.

"ހަގީގަތަކީ އަހަންނަށް ފެންނަ ފެނުމުގައި އޭނަ ބޭނުންވަނީ ކްލަބްގައި މަޑުކުރަން، އޭނަ ލެވަލްގެ ކުޅުންތެރިއަކު ކުޅެން ޖެހޭނީ ވެސް އެންމެ މޮޅު ލީގުގައި. އަހަންނަށް ފެންނަ ގޮތުގައި އޭނަ ހުންނާނެ. ކްލަބުން އެބަޖެހޭ ފައިސާ ހޯދޭނެ އެހެން ގޮތްތައް ވެސް ބަލަން. އެކަމަކު، މީގެ ސީދާކޮށް ވާނެ ގޮތެއް ބުނަން ނޭނގޭ،" އަމޮރިމް ބުންޏެވެ.

ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، 30، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އޭނާ ވަނީ، ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރު ޔުނައިޓެޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަަކަތަކެއް ދެކެވެން ފެށުމާ އެކު، އެ ކްލަބުން މީގެ ހަތް މަސް ކުރިން ވަނީ ފެނާންޑޭސްގެ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox