ލިވަޕޫލް (މެއި 28) - އިނގިރޭސި ފުލްބެކް، ޓްރެންޓް އަލެކްސަންޑަ އާނޯލްޑްގެ ޑީލް އަވަހަށް ނިންމަން ރެއާލް މެޑްރިޑުން ލިވަޕޫލަށް ފަސް މިލިއަން ޑޮލަރު ދޭން ތައްޔާރުވަމުން އަންނަ ކަމަށް ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޕްރިމިއާ ލީގުގެ ޗެމްޕިއަން، ލިވަޕޫލާ އެކު އާނޯލްޑް، 26، ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ. އާނޯލްޑް ވަނީ ޖޫން މަހު 30 ވަނަ ދުވަހާ ހަމައަށް އޮތް ކޮންޓްރެކްޓް ހަމަވުމުން ލިވަޕޫލް ދޫކޮށްލާނެކަން އެ ކްލަބަށް އަންގައިފަ އެވެ.
އާނޯލްޑް ސޮއިކުރަން ނިންމާފައިވާ ކަމަށް ބެލެވޭ ރެއާލުން އަންނަނީ އަންނަ މަހު އެމެރިކާގައި ފަށާ ފީފާ ކްލަބް ވޯލްޑް ކަޕްގައި ވާދަކުރާ ރެއާލްގެ ސްކޮޑުގައި އާނޯލްޑް ހިމަނަން މަސައްކަތް ފަށައިފަ އެެވެ. އެކަމަކު، ކްލަބް ވޯލްޑް ކަޕް ފަށާނީ އާނޯލްޑް ލިވަޕޫލްގެ ކޮންޓްރެކްޓްގައި ހުއްޓައި ކަމަށްވާތީވެ، އޭގެ ކުރިން އޭނާ ރެއާލަށް ގެންދާނަމަ، ފީއެއް ދައްކަން ޖެހޭނެ އެވެ.
އެ ގޮތުން، މީގެ ކުރިން، ދެ މިލިއަން ޑޮލަރުގެ ފީއެއްގެ ވާހަކަ މީޑިއާގައި ދެކެވުނުއިރު، ސްޕެއިނުގެ ނޫސްތަކުން މިހާރު ރިޕޯޓްކުރާ ގޮތުގައި، އާނޯލްޑްގެ ޑީލް އަވަަސް ކުރަން ރެއާލުން ފަސް މިލިއަން ޑޮލަރު ދައްކާނެ އެވެ. އަދި، އާނޯލްޑް ވަނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި ރެއާލާ އެކު ސޮއިކުރަން ނިންމައިފަ އެވެ.
ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ވަނީ، އާނޯލްޑް އާއި ބޯންމައުތުގެ ޑިފެންޑަރު، ޑީން ހައުސަން ހިމަނައިގެން، ކްލަބް ވޯލްޑް ކަޕްގައި ރެއާލްގެ ޕްލޭން ހަދައިފަ އެވެ.
ލިވަޕޫލްގެ އެކަޑަމީ ޓީމާ އުމުރުން ހަ އަހަރުގައި ގުޅުނު އާނޯލްޑް ވަނީ 2016 ވަނަ އަހަރު ސީނިއާ ޓީމަށް ފުރަތަމަ ފަހަރަށް މެޗެއް ކުޅެދީފަ އެވެ. އާނޯލްޑް ވަނީ މިހާތަނަށް ލިވަޕޫލަށް 353 މެޗުން 23 ގޯލު ޖަހައިފަ އެވެ. އަދި، ބޮޑެތި މުބާރާތްތަކުގެ ކާމިޔާބީ އަށް ބަލާއިރު، އަށް ތަށި އުފުލާލި އެވެ. އޭގެ ތެރޭގައި ޕްރިމިއާ ލީގު ދެ ފަހަރާއި ޗެމްޕިއަންސް ލީގު ހިމެނެ އެވެ.
ރެއާލުން ކްލަބް ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި ކުޅޭނީ އަންނަ މަހު 18 ވަނަ ދުވަހު، އޭޝިއާގެ ޗެމްޕިއަން، އަލް ހިލާލްއާ އެވެ. އަދި، ދެ ވަނަ މެޗުގައި، އަންނަ މަހު 22 ވަނަ ދުވަހު މެކްސިކޯގެ ޕަޗޫކާއާ ބައްދަލުކޮށް ގްރޫޕްގެ ފަހު މެޗުގައި، ރެޑްބުލް ސަލްޒްބާގާ ކުޅޭނީ އަންނަ މަހު 26 ވަނަ ދުވަހު އެވެ.












