މެންޗެސްޓާ (މެއި 24) - މެންޗެސްޓާ ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޔޫރަޕްގެ ފުޓްބޯޅަ މުބާރާތަކުން ފުރުސަތު ނުލިބުމުން، ދިމާވާނެ މާލީ ދަތިތަކަށް ބަލައި، އެ ކްލަބްގެ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ޓްރާންސްފާ ލިސްޓުގައި ހިމެނުމާ އެކު، އެ ޓީމުގެ ކެޕްޓަން، ބްރޫނޯ ފެނާންޑޭސަށް ބޮޑު އޮފާއެއް ލިބިއްޖެ އެވެ.
ސްޕޯޓިން ލިޒްބަންގެ ކުރީގެ ކެޕްޓަން، ފެނާންޑޭސް، 30، ޔުނައިޓެޑާ ގުޅުނީ، 2020 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އެއީ 80 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އޭނާ ވަނީ، ފުރަތަމަ ފަހަރަށް 2022 ވަނަ އަހަރު ޔުނައިޓެޑާ އެކު އާ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އެ ކޮންޓްރެކްޓް އޮތީ، 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ފެނާންޑޭސް، ޔުނައިޓެޑް ދޫކޮށްލަން އުޅޭ ކަމުގެ ވާހަަކަތަކެއް ދެކެވެން ފެށުމާ އެކު، އެ ކްލަބުން މީގެ ހަތް މަސް ކުރިން ވަނީ ފެނާންޑޭސްގެ ކޮންޓްރެކްޓް، 2027 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ 16 ވަނައިގައި އޮތް ޔުނައިޓެޑަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ޖާގައެއް ލިބެން އޮތީ ޔޫރޮޕާ ލީގުގެ ފައިނަލުން މޮޅުވެގެންނެވެ. އެކަމަކު، ފައިނަލުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން ބަލިވެ، ޔުނައިޓެޑަށް އަންނަ ސީޒަނުގައި ޔޫރަޕްގެ މުބާރާތެއްގެ ފުރުސަތު ނެތްއިރު، އެ ކްލަބަށް މާލީ ބޮޑެތި ގޮންޖެހުންތަކާ ވަނީ ކުރިމަތިލާން ޖެހިފަ އެވެ.
އެ ގޮތުން، އެ ކަންކަަމަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުން، ޔުނައިޓެޑުން 100 އަށް ވުރެ ގިނަ ވަޒީފާ މަދުކުރާއިރު، ފުރަތަމަ ޓީމުގައި ހިމެނޭ މެޖޯރިޓީ ކުޅުންތެރިން ވަނީ ޓްރާންސްފާ ލިސްޓަށް ލައިފަ އެވެ. އޭގެ ތެރޭގައި، މީގެ ކުރިން ޔުނައިޓެޑުން ނުވިއްކާނެ ކަމަށް ބުނި، ޓީމުގެ ކެޕްޓަން، ފެނާންޑޭސް ވެސް ހިމެނެ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ސައުދީ އަރަބިއްޔާގެ ޕްރޮފެޝަނަލް ލީގު (ޕްރޯ ލީގު)ގެ އަލް ހިލާލުން ވަނީ، ފެނާންޑޭސްގެ ސޮއި ހޯދަން، 100 މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ. އެ ގޮތުން، ހިލާލުން ފެނާންޑޭސް އަށް ދޭ ކޮންޓްރެކްޓުން ސީޒަނެއްގައި އޭނާގެ އާމްދަނީ، 50 މިލިއަން ޑޮލަރަށް ވުރެ އިތުރުވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.












