ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިިހާބާ ދިމާކޮށް ފެނަކައިން ވަޒީފާ ބެހި: އޮޑިޓު

ފެނަކައިގެ އޮފީހެއް: އެ ކުންފުންޏަށް ނުކަތާ ވަރަށް މުވައްޒަފުން އެބަތިބި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފެނަކައިގެ އޮފީހެއް: އެ ކުންފުންޏަށް ނުކަތާ ވަރަށް މުވައްޒަފުން އެބަތިބި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ދިމާކޮށް، ދައުލަތުގެ ޔުޓިލިޓީ ކުންފުނި ފެނަކައިން ގިނަ ވަޒީފާތަކެއް ދީފައިވާ ކަމަށް އެ ކުންފުނީގެ ހާއްސަ އޮޑިޓަކުން ދައްކައިފި އެވެ.

އޮޑިޓު އޮފީހުން އާންމުކޮށްފައިވާ ފެނަކައިގެ މުވައްޒަފުން ރެކްރޫޓު ކުރުމާއި ޕްރޮމޯޝަން ދިނުމާއި މުސާރަ އާއި އިނާޔަތްތަކާ ގުޅޭ ހާއްސަ އޮޑިޓުގައިވާ ގޮތުގައި، އެ ކުންފުނީގެ އޮޕަރޭޝަަނަށް ބޭނުން ނުވާ ވަރަށް ވަޒީފާތައް ދީފައި އެބަހުއްޓެވެ.

އޮޑިޓު އޮފީހުން ބަލާފައި ވަނީ 2020-2024 އަށް ކުންފުންޏަށް ނެގި މުވައްޒަފުންގެ އަދަދެވެ. މި މުއްދަތުގެ ތެރޭގައި ދާއިމީ ވަޒީފާތަކަށް 4،557 މުވައްޒަފުން ނެގި އިރު، އޭގެ ތެރެއިން 2،480 މުވައްޒަފުންނަކީ އިއުލާން ނުކޮށް ވަޒީފާތަކަށް ވެއްދި މުވައްޒަފުންނެވެ.

ފެނަކައިން ދިން ވަޒީފާތަކުގެ ތެރެއިން ގިނަ ވަޒީފާތައް ދީފައި ހުރީ 2023 އާއި މިދިޔަ އަހަރުގެ ތެރޭގަ އެވެ. އޮޑިޓަރުން ފާހަގަކޮށްފައިވާ ގޮތުގައި މުވައްޒަފުން އިތުރުކޮށްފައިވާ ޓްރެންޑަ ބަލާއިރު، 2023 ގެ ދެވަނަ ކުއާޓަރާއި ތިން ވަނަ ކުއާޓަރުގެ ތެރޭގައި ޖުމުލަ 1،501 މީހަކަށް އަލަށް ވަޒީފާ ދީފައިވާއިރު، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރުގެ ތެރޭގައި 1،468 މީހުން އަލަށް ވަޒީފާތަކަށް ވައްދާފައިވެ އެވެ.

މި ދުވަސްވަރުތަކުގައި ގިނަ ބަޔަކަށް ވަޒީފާ ދިން އިރު، އެ ކުންފުނިން އަލަށް ފެށީ އެންމެ ހަ ޕްރޮޖެކްޓެވެ. އެއީ ވެސް ކުރީ ސަރުކާރުގެ ދައުރު ނިމެން ގާތްވެފައި ވަނިކޮށް ސެޕްޓެމްބަރު، 2023 ގައި ފެށި ޕްރޮޖެކްޓުތަކަކެވެ. މިދިޔަ އަހަރުގެ ތެރޭގައި އެއްވެސް ޕްރޮޖެކްޓެއް އަލަށް ނުފަށަ އެވެ.

"އިތުރު މުވައްޒަފުން ކުންފުންޏަށް ވައްދާފައި ވަނީ ކުންފުނީގެ އޮޕަރޭޝަން ފުޅާވުމުގެ ސަބަބުން ކަމަށް ބެލެވެން ނެތް ކަމާއި އެ ދުވަސްވަރު ކުންފުންޏަށް އިތުރު މުވައްޒަފުން ވައްދާފައި ވަނީ ހަމައެކަނި އިތުރު ވަޒީފާތައް އުފައްދައި ގިނަ ބަޔަކަށް ވަޒީފާ ދިނުމުގެ ބޭނުމުގައި ކަން ފާހަގަކުރެވުން،" އޮޑިޓު ރިޕޯޓުގައިވެ އެވެ.

ދޭން ނުޖެހޭ ވަޒީފާތައް ދިނުމުގެ އިތުރުން، މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ވެސް ފެނަކައިން ބޮޑެތި ގޯސްތަކެއް ހަދާފައިވެ އެވެ. އެ ގޮތުން 2021 އިން ފެށިގެން 2023 އަށް ވަޒީފާގެ ކުރިއެރުން ދިން މުވައްޒަފުންގެ ތެރެއިން 22 މުވައްޒަފަކަށް އެއް އަހަރުގެ ތެރޭގައި ދެ ފަހަރަށް ވަޒީފާގެ ކުރިއެރުން ދީފައިވެ އެވެ. މީގެ ތެރެއިން 20 މުވައްޒަފުންނަށް ވަޒީފާ ކުރިއެރުން ދިނީ ކުންފުނީގެ ގަވާއިދުތަކާ ހިލާފަށެވެ.

އޮޑިޓަށް އެއްކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ފެނަކައިގައި 6،609 މުވައްޒަފުން ތިއްބެވެ. އޭގެ ތެރެއިން 6،317 މުވައްޒަފުންނަކީ ދާއިމީ މުވައްޒަފުުންނެވެ. އަދި މިދިޔަ އަހަރު ނިމުނު އިރު ކުންފުންޏަށް ލިބޭ އާމްދަނީގެ ތެރެއިން 36 ޕަސެންޓު ހަރަދުކުރަން ޖެހެނީ މުވައްޒަފުންގެ މުސާރައަށް ކަމަށް އޮޑިޓު ރިޕޯޓުގައިވެ އެވެ.

ސިޔާސީ ބޭނުންތަކަށް ބޭކާރު ވަޒީފާތައް އުފައްދައިގެން ފެނަކަ ހިންގަމުން އަންނައިރު، ސަރުކާރު ކުންފުނިތަކުގެ ތެރެއިން އެންމެ މާލީ ހާލަތު ގޯސް އެއް ކުންފުންޏަކީ ފެނަކަ އެވެ. އެ ކުންފުނިން ރަށްރަށުގައި ދެމުން އަންނަ ހިދުމަތުގެ ފެންވަރާ މެދު ވެސް ގިނަ ސުވާލުތަކެއް އެބަހުއްޓެވެ. އަދި ބައެއް ރަށްރަށުގައި ހިދުމަތުގެ ފެންވަރު ދަށް ވެގެން ކަރަންޓާއި ފެނުގެ ހިދުމަތް މެދުކެނޑޭ މައްސަލަ ވެސް ބޮޑެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox