ހަމްޕު އަށް ހެޓްރިކެއް، ނިއު ބަލިކޮށް މާޒިޔާ އިން ލީގު ކަޕްގެ ފުރަތަމަ މޮޅު ހޯދައިފި

May 5, 2025, 1:03 PM
ނިއު ކޮޅަށް ގޯލު ޖެހުމަށް ފަހު މާޒިޔާގެ ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ނިއު ކޮޅަށް ގޯލު ޖެހުމަށް ފަހު މާޒިޔާގެ ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: އަތޫފް އާތިފް / އަދަދު ސްޕޯޓްސް

ހަމްޒާ މުހައްމަދު (ހަމްޕު)ގެ ހެޓްރިކާ އެކު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް 5-1 އިން ބަލިކޮށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އެފްއޭއެމް ލީގު ކަޕް ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

މިއީ މިދިޔަ ޖެނުއަރީ މަހު މާޒިޔާގެ ކޯޗުކަމާ ހަވާލުވި ސްޕެއިނުގެ ލުއިސްމާ ހެނާންޑޭޒްގެ ކޯޗުކަމުގައި އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ.

ފީފާގެ އެހީއާ އެކު ރާއްޖޭގެ ފުޓްބޯޅައިގެ ހަރަކާތްތައް ކުރިއަށްގެންދިއުމަށް ކުޅޭ ލީގު ކަޕްގެ ފުރަތަމަ މެޗުގައި ރޭ ޓީސީ ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބް ވަނީ ލަނޑެއް ނުޖެހި 0-0 އިން އެއްވަރުވެފަ އެވެ. ދެން، މި މުބާރާތުގައި ވާދަކުރަނީ މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު ފަށައިގެން ފަސް ވަނަ މިނިޓްގައި މާޒިޔާ އިން ލީޑުނެގި އެވެ. މިއީ، އޭރިއާބޭރުން ލިބުނު ހިލޭޖެހުމަކުން ހަމްޕު ޖެހި ގޯލެކެެވެ. ހަމްޕު އަށް ކުރި ފައުލަކަށް އޭރިއާ ރޮނގުކައިރިން ލިބުނު ހިލޭޖެހުމުން އޭނާ ފޮނުވާލި ބޯޅަ ގޯލަށް ވަނީ ނިއުގެ ގޯލުގައި ހުރި ކީޕަރު، އަހުމަދު ރަމީޒު އަތްމަތިން ގޮހެވެ.

ނިއުގެ ކޯޗު ސޮބާހު މުހައްމަދު ނެތި، އެ ޓީމަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު، އާދަމް އަބްދުއްލަތީފް (ލައްޗޭ) އެެވެ.

ނިއު އިން 10 ވަނަ މިނިޓްގައި އެއްވަރުކުރުމާ ގާތަށް ޖެހިލި އެވެ. އެ ގޮތުން، މާޒިޔާގެ އޭރިއާތެރެއިން ނިއުގެ ގާނާ މިޑްފީލްޑަރު، ތޯރިގު ޖެބްރިން އަށް ލިބުނު ފުރުސަތުގައި ޖެހި ބޯޅަ މާޒިޔާގެ ކީޕަރު ހުސެއިން ޝަރީފް (ހުސެން) ވަނީ މަތަކޮށްފަ އެވެ.

މާޒިޔާ އަށް ލީޑުފުޅާކޮށްދޭން ކޯނަރެއްގައި ހުރަސްވި ބޯޅައަކުން އެ ޓީމުގެ ހަސަން ރާއިފް (ހަންނަ) ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ކީޕަރު، ރަމީޒް އަތަށެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން މާޒިޔާ އަށް ލީޑުފުޅާކޮށްދިނީ ވެސް ކުރިން ނިއު އަށް ކުޅުނު ހަމްޕު އެވެ. މެޗުގެ 39 ވަނަ މިނިޓްގައި ނިއު އޭރިއާތެރެއިން ހަމްޕު އަށް ލިބުނު ފުރުސަތުގައި، އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

މާޒިޔާ އިން ދެ ވަނަ ހާފުގައި ފޮނުވާލި ފުރަތަމަ ހަމަލާ އަކީ އަލީ ފާސިރު (ސެންޓޭ) އޭރިއާތެރެއިން ޖެހި ބޯޅަ އެވެ. މެޗުގެ 49 ވަނަ މިނިޓްގައި ސެންޓޭގެ އެ ޝޮޓް ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ހަަތަރު މިނިޓް ފަހުން، ސެންޓޭ ހުސްކޮށްލާފައި އޭރިއާތެރެއިން ހަންނަ އަށް ދިން ބޯޅަ ފޮނުވާލިއިރު، ކީޕަރު ރަމީޒް ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

މެޗުގެ 60 ވަނަ މިނިޓްގައި މާޒިޔާގެ އައިހަމް އަހުމަދު (ފަތޯ) އޭރިއާބޭރުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ދެ މިނިޓް ފަހުން، މާޒިޔާގެ ނާއިޒު ހަސަން (ދާދު) މުޅިން ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާތެރޭގައި ހުސްކޮށް ހުރެފައި، ސެންޓޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

މާޒިޔާގެ ތިން ވަނަ ގޯލު ޖަހައި، ހަމްޕު ވަނީ މެޗުގެ 65 ވަނަ މިނިޓްގައި އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ހަމްޕު ފޮނުވާލި ބޯޅަ މި ފަހަރު ވެސް އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ނިއު އަށް ދެ ވަނަ ހާފުގައި ލިބުނު ފުރަތަމަ ފުރުސަތުގައި، މެޗުގެ 67 ވަަނަ މިނިޓްގައި މާޒިޔާ އޭރިއާތެރެއިން ތޯރިގު ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ހަތަރު މިނިޓް ފަހުން، މާޒިޔާގެ ހަތަރު ވަނަ ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ހަސަން ނަޒީމް ގާސިމް (ޗޯޓު) އެވެ. ދެ ކުޅުންތެރިން ކައިރިން ދެމިގަތުމަށް ފަހު ޗޯޓު ފޮނުވާލި ބޯޅަ ގޯލަށް ވަނީ ތިރިތިރިން ގޮހެވެ.

މެޗުގެ 82 ވަނަ މިނިޓްގައި، މާޒިޔާ އިން ފަސް ވަނަ ގޯލެއް ޖެހި އެވެ. މި ލަނޑު ޖަހައިދިނީ، ބަދަލަކަށް ކުޅެން އެރި ޒުވާން ފޯވާޑް، މުހައްމަދު އިލާން އިމްރާން އެވެ. ކީޕަރު ރަމީޒް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އިލާން ވަނީ ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.

ބަދަލުތަކެއް ގެނެސްގެން ނިއު އިން މެޗުގެ ފަހުކޮޅުގައި އެޓޭކް ރަނގަޅުކުރިއިރު، އެ ޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ މެޗުގެ 87 ވަނަ މިނިޓްގަ އެވެ. އެ ޓީމުގެ ގާނާގެ ފޯވާޑް ރަފީގް އަމީނޫ އަށް މާޒިޔާ އޭރިއާރެރެއިން ލިބުނު ފުރުސަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

ލީގު ކަޕްގެ މެޗުތައް ދެން އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. އެ ދުވަހު، ހަވީރު 16:00 ގައި ކުޅޭ މެޗުގައި، އޮޑިން ބައްދަލުކުރާނީ މަހިބަދޫއާ އެވެ. އަދި އެރޭ ޓީސީން ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox