އަޒްމިރާލްދާ އާއި މަހާޒު ވަކިކުރުމާ މެދު ޖޭއެސްސީން މިއަދު ގޮތެއް ނިންމަނީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު: މި ދެ ފަނޑިޔާރުންގެ މައްޗަށް ނުފޫޒުފޯރުވި ކަން ސާބިތުވާ ކަމަށް ޖޭއެސްސީގެ ކުޑަ ކޮމިޓީން ވަނީ ނިންމާފައި -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު: މި ދެ ފަނޑިޔާރުންގެ މައްޗަށް ނުފޫޒުފޯރުވި ކަން ސާބިތުވާ ކަމަށް ޖޭއެސްސީގެ ކުޑަ ކޮމިޓީން ވަނީ ނިންމާފައި -- ގްރެފިކްސް: އިސްމާއިލް އިމްދާދު/އަދަދު

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު ވަކިކުރުމާ މެދު ޖުޑީޝަލް ސާވިސް ކޮމިޝަނު (ޖޭއެސްސީ) އިން ގޮތެއް ނިންމަން މިއަދުގެ މެންދުރު 2:00 ގައި އެ ކޮމިޝަނުގެ ޖަލްސާއެއް ތާވަލުކޮށްފި އެވެ.

މި ދެ ފަނޑިޔާރުންގެ މައްސަލަ ބެލި ޖޭއެސްސީގެ ކުޑަ ކޮމިޓީން ނިންމާފައި ވަނީ އެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށެވެ. ފަނޑިޔާރުން ވަކި ކުރަން ނިންމި ކޮމިޓީގައި ހިމެނެނީ މެންބަރު މުހައްމަދު ނާސިހް އާއި ޔަޒްމީދް މުހައްމަދު އާއި އަލީ އަބްދުއްލަތީފެވެ. އޭގެ ތެރެއިން ނާސިހާއި ޔަޒްމީދަކީ ސީދާ ރައީސް މުހައްމަދު މުއިއްޒު އައްޔަންކޮށްފައިވާ ދެ ބޭފުޅުންނެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތަށް ބަލާއިރު، މި ދެ ފަނޑިޔާރުންގެ މައްޗަށް ތުހުމަތުކުރަނީ އަޒްމިރާލްދާގެ ފިރިކަލުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުގައި އެ ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒުފޯރުވި ކަމަށެވެ. ނަމަވެސް މައްސަލަ ބަލަން ފެށިއިރު ކުރި ތުހުމަތާއި، ޖޭއެސްސީގެ ކޮމިޓީން މައްސަލަ ބަލައި ނިމުނުއިރި އޮތް ތުހުމަތު ބަދަލުވެފައިވާ ކަމަށް އެ ދެ ފަނޑިޔާރުންގެ ވަކީލުން ވަނީ މައުލޫމާތު ދީފަ އެވެ.

އެ ގޮތުން އަޒްމިރާލްދާގެ މައްސަލަ ބަލަމުންދާ ކަމަށް ޖޭއެސްސީން ފޮނުވި ސިޓީގައި އޮތީ އެ ކޮމިޝަނުން ބަލަމުން ދަނީ، އޭނާގެ ފިރިކަލުން މައްސަލައެއްގައި ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އެ ކޯޓުގެ ފަނޑިޔާރުންނަށް އަޒްމިރާލްދާ ފޯނުން ގުޅުއްވައި ނުފޫޒު ފޯރުވި މައްސަލަ ކަމަށެވެ.

ނަމަވެސް މި މައްސަލައިގައި ޖޭއެސްސީގެ ކުޑަ ކޮމިޓީން ތައްޔާރުކުރި ރިޕޯޓުގައި އޮތީ، އަޒްމިރާލްދާ ފަނޑިޔާރުކަމުން ވަކި ކުރަން ފެންނަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު، މަހާޒު އަލީ ޒާހިރު މެދުވެރިކޮށް ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި މައްސަލައިގައި ކަމަށެވެ.

އޭގެ އިތުރުން މި މައްސަލައިގައި، ދެ ފަނޑިޔާރުންގެ ފަރާތުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް ވެސް ޖޭއެސްސީގެ ކޮމިޓީން ވަނީ ނިންމާފަ އެވެ. ދިފާއުގައި ފަނޑިޔާރުން ހުށަހެޅި އެއްވެސް ހެއްކެއް ބަލައި ނުގަތުމަށް އެ ކޮމިޓީން ނިންމި ސަބަބެއް ކަމަށް ބުނީ، އެ ހެކި ހުށަހެޅިޔަސް މައްސަލައިގައި ނިންމާފައިވާ ގޮތަށް ބަދަލެއް ނާންނާނެ ކަމަށް ބުނެ އެވެ.

އަޒްމިރާލްދާ އާއި މަހާޒް ސަސްޕެންޑުކުރިތާ 60 އަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، މިއީ ޖޭއެސްސީގައި ފަނޑިޔާރުން ސަސްޕެންޑުކޮށްފައި ބޭތިއްބޭނެ ކަމަށް ބުނާ މުއްދަތަށް ވުރެ ދިގު މުއްދަތެކެވެ. އަދި މީގެ ކުރިން މި މުއްދަތު ހަމަވާން ކައިރިވެފައި ވަނިކޮށް މި މައްސަލައިގައި ގޮތެއް ނިންމަން ޖޭއެސްސީން ޖަލްސާއެއް ތާވަލުކުރި ނަމަވެސް، އެ ދުވަހު މި މައްސަލައިގެ ތަހުގީގު ރިޕޯޓާ މެދު ގޮތެއް ނުނިންމަ އެވެ.

މި ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ފާސްކޮށްފި ނަމަ ދެން މި މައްސަލަ ދާނީ ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަން ކޮންގްރެސް (ޕީއެންސީ) ގެ ފުރިހަަމަ ކޮންޓްރޯލް އޮންނަ ރައްޔިތުންގެ މަޖިލީހަށެވެ. އަދި ފަނޑިޔާރުން ވަކިކުރުމާ މެދު ފަހު ބަސް ބުނާނީ އެ މަޖިލީހުގައި ނަގާ ވޯޓަކުންނެވެ.

އަޒްމިރާލްދާ އާއި މަހާޒްގެ އިތުރުން މިހާރު އިސްތިއުފާދެއްވާފައިވާ ހުސްނުއްސުއޫދުގެ މައްސަލަތަކެއް ޖޭއެސްސީން ބަލަން ފެށީ މެންބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނު އަސާސީ ބަދަލުކުރި މައްސަލަ އެ ކޯޓަށް ބެލޭނެ ކަމަށް ނިންމި ފަހުންނެވެ. އެންމެ ފުރަތަަމަ މި ތިން ފަނޑިޔާރުން ވެސް ސަސްޕެންޑުކުރީ ކޮރަޕްޝަންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ ކަމަށް ބުނެ އެވެ.

ފަނޑިޔާރުން ވަކިކުރަން ނިންމުމުގައި ސަރުކާރުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައިގެން ފަނޑިޔާރުގެއަށް ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކުރެވެ އެވެ. ނަމަވެސް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ދިގު ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާ ގުޅޭ ސުވާލުތައް އަމާޒުކުރުމުން ރައީސް ވަނީ އެ ތުހުމަތުތައް ދޮގުކޮށް، އެ މައްސަލައިގެ ތެރެއިން ހިނގާފައި ހުރި ހުރިހާ ކަމަކީ އިއްތިފާގުތަކެއް ކަމަށް ވިދާޅުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox