ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ރިލީސް ދިނުމުން، ގޯލްކީޕަރު، ނާޖިހު (އަލީ) ކުރިއަށް އޮތް އެފްއޭއެމް ލީގު ކަޕް ފުޓްބޯޅަ މުބާރާތުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ކުޅެން ނިންމައިފި އެވެ.
ނިއު އިން ބުނީ، ޔުނައިޓެޑް ވިކްޓަރީން ރިލީސް ހަމަޖެހުމުން ކުރިއަށް އޮތް އެފްއޭއެމް ލީގު ކަޕްގައި ނާޖީ، 25، ކުޅޭނީ ނިއު އަށް ކަމަށެވެ.
އާދިއްތަ ދުވަހުގެރޭ ފަށާ ލީގު ކަޕްގައި ބައްދަލުކުރަނީ، ފުރަތަމަ ޑިވިޝަންގެ ތިން ޓީމާއި ދެ ވަނަ ޑިވިޝަނުގެ ތިން ޓީމެވެ. ފުރަތަމަ ޑިވިޝަނުން ވާދަކުރަނީ އޮޑި ސްޕޯޓްސް ކްލަބް އާއި ޓީސީ ސްޕޯޓްސް ކްލަބްގެ އިތުރުން އެންމެ ފަހުން ހަތަރު އަހަރު ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. ދެ ވަނަ ޑިވިޝަނުން މި މުބާރާތުގައި ވާދަކުރަނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.
ދެ ވަނަ ޑިވިޝަނުގައި އޮތް މަހިބަދޫ އާއި ނިއު އަށް ފުރުސަތު ދޭން އެފްއޭއެމް އިން ނިންމީ ފުރަތަމަ ޑިވިޝަނުގެ ގިނަ ކްލަބްތަކެއް މި މުބާރާތުގައި ނުކުޅެން ނިންމުމުންނެވެ.

ނާޖީ (ވ) ނިއުގެ އެސިސްޓަންޓް ކޯޗު ލައްޗޭއާ އެކު: ލައްޗޭ ވަނީ މީގެ ކުރިން ނާޖީއާ އެކު، ޔުނައިޓެޑް ވިކްޓަރީގައި ވެސް މަސައްކަތްކޮށްފައި.--- ފޮޓޯ: ނިއު ރޭޑިއަންޓް
މުބާރާތުގެ ގަވާއިދުގައި ހިމަނާފައިވާ ގޮތުން، މި މުބާރާތުގައި ބައިވެރިނުވާ ކްލަބެއްގެ ކުޅުންތެރިއަކަށް މުބާރާތުގައި ބައިވެރިވެފައިވާ ކްލަބަކަށް ކުޅެވޭނީ އެ ކުޅުންތެރިޔަކު ރަޖިސްޓްރީ ކޮށްފައިވާ ކްލަބުގެ ފަރާތުން މިމުބާރާތުގައި ބައިވެރިވިވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ހުއްދަ ލިޔުމުން އެފްއޭއެމް އަށް ހުށަހެޅުމުންނެވެ.
ނ. ވެލިދު އަށް އުފަން ނާޖީ އެންމެ ފުރަތަމަ ފާހަގަވާން ފެށީ، އެ އަތޮޅުގައި ފޯރިގަދަކޮށް ކުރިއަށްގެންދިޔަ، ޝިޔާމް މައުރޫފް ކަޕުންނެވެ.
ޕްރޯ ލައިސަންސް ކޯޗު، މުހައްމަދު ޝާޒްލީ (ޝާޒް) ދިން ފުރުސަތެއްގައި، ފުރަތަަމަ ޑިވިޝަނަށް އައި ނާޖީ، އެންމެ ފުރަތަމަ ފެނިގެންދިޔައީ، 2019 ވަަނަ އަހަރު ޔޫތު މުބާރާތް ކުޅުނީ ޔުނައިޓެޑް ވިކްޓްރީންނެވެ. އެއީ، ނިއު އަށް އެ ފަހަރުގެ މުބާރާތުގައި ކުޅެވެން ނެތުމުން، ޔޫވީ އަށް ނިއުގެ ކުޅުންތެރިން ކުޅުނު މުބާރާތެކެވެ. އެ މުބާރާތުގައި ނާޖީގެ ކުޅުން ރަނގަޅުވުމުން ޔުނައިޓެޑް ވިކްޓްރީގެ ސީނިއާ ޓީމަށް ޕްރޮމޯޓްކުރި އެވެ.
ޔުނައިޓެޑް ވިކްޓަރީގައި އޭނާ ދައްކަމުން ދިޔަ ކުޅުމުގެ ސަބަބުން ގައުމީ ފުޓްބޯޅަ ޓީމުން އޭނާ އަށް ފުރުސަތު ލިބުނުއިރު، 2021 ވަނަ އަހަރު ސްރީ ލަންކާގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ގައުމީ ޓީމުގެ ފުރަތަމަ އެގާރައިގައި ވެސް ކުޅެން ފުރުސަތު ލިބުނެވެ.
އެންމެ ފަހުން، 2023 ވަނަ އަހަރު ބޭއްވި ޕްރިމިއާ ލީގުގެ ސީޒަން މެދުތެރެއިން ނާޖީ ވަނީ ލޯން އެއްބަސްވުމެއްގެ ދަށުން ލީގު ޗެމްޕިއަން، މާޒިޔާ އަށް ބަދަލުވެފަ އެވެ.











