މެންޗެސްޓާ (މެއި 2) - ބަޔާ ލެވަކޫސަން އަށް ކުޅެމުން އަންނަ ޖަރުމަނު ގައުމީ ޓީމުގެ ޑިފެންޑަރު، ޖޮނަތަން ޓާގެ ސޮއިހޯދަން މެންޗެސްޓާ ޔުނައިޓެޑުން ރެއާލް މެޑްރިޑާ ވާދަކުރަން ތައްޔާރުވެފައިވާ ކަމަށް އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޓާ، 29، މި ވަގުތު ލެވަކޫސަންގެ ކޮންޓްރެކްޓްގައި ހުރީ އަންނަ މަހުގެ ނިޔަލަށެވެ. ލެވަކޫސަނުން އާ އެއްބަސްވުމެއް ހުށަހަޅައިގެން، ޓާ ލައްވައި ސޮއިކުރުވަން ކުރި މަސައްކަތް ކާމިޔާބުވެފައިނުވެ އެވެ. އޭނާ ބޭނުންވަނީ އާ ޗެލެންޖެއް ނަގައި އެހެން ލީގެއްގައި ކުޅެން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ލެވަކޫސަންގެ ކޯޗު ޒަބީ އަލޮންސޯ އަންނަ ސީޒަނުގައި ރެއާލާ ގުޅެން އެއްބަސްވެފައިވާ އަޑުތައް ގަދަވެފައިވާއިރު، އަލޮންސޯއާ އެކު، ލެވަކޫސަންގެ ފްލޯރިއަން ވާޓްޒް އާއި ޓާ، ރެއާލުން ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ޖަރުމަނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.
ހެމްބާގް އަށް ކުރިން ކުޅުނު ޓާ، ލެވަކޫސަން އަށް ބަދަލުވީ، 2015 ވަނަ އަހަރު ޑަސެލްޑޯފް ދޫކޮށްފަ އެވެ. މިދިޔަ އަހަރުތަކުގައި ލެވަކޫސަން ހޯދި ކާމިޔާބީތަކުގައި ޓާގެ ދައުރު ބޮޑެވެ. ޖަރުމަނު ގައުމީ ޓީމަށް ވެސް ކުޅެމުން އަންނަ ޓާ އަކީ ގިނަ މެޗުތަކުގައި ލެވަކޫސަންގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން އަންނަ ކުޅުންތެރިޔާ އެވެ.
ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑްގެ ކޯޗު ރުބެން އަމޮރިމް ބޭނުންވަނީ، ލީޑަޝިޕް ދެއްކޭނެ ފެންވަރުގެ ރަނގަޅު ޑިފެންޑަރެއް ކަމަށްވާއިރު، ޔުނައިޓެޑްގެ ބޯޑަށް އޭނާ ހުށަހަޅާފައިވާ އެއް ނަަމަކީ، ޓާ އެވެ.
ބާސެލޯނާ އިން ޓާއާ އެކު، އަނގަބަހުން އެއްބަސްވުމެއް ހަދާފައިވާ ކަަމަށް ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކޮށްފައިވީ ނަމަވެސް ހަގީގަތެއް ނެތް ކަމަށް ރިޕޯޓްތައް ބުނެ އެވެ.












