ދައުލަތުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހަތަރު ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބި، 168 މިލިއަން ރުފިޔާ ސާފު ފައިދާ ވެއްޖެ އެވެ.
އެސްޓީއޯގެ އެންމެ ފަހުގެ ކުއާޓަލީ ރިޕޯޓުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރަށް ވުރެ އާމްދަނީ އާއި ފައިދާ ދަށެވެ. މިހެން ދިމާވީ ސަބަބެއް ކަމަށް އެސްޓީއޯއިން ބުނަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ބަދަލާ ގުޅިގެން އެ ކުންފުނިން ވިއްކާ ތެލުގެ އަގު ކުޑަކުރަން ޖެހުމެވެ. އެ ކުންފުނީގެ އާމްދަނީގެ ބޮޑު ބަޔެއް ހިއްސާކުރަނީ ތެޔޮ ވިއްކައިގެން ލިބޭ އާމްދަނީ އެވެ.
ތެލުން ލިބުނު އާމްދަނީ ދަށްވީ ނަމަވެސް އެ ކުންފުނިން ވިޔަފާރިކުރާ އެހެން ދާއިރާތަކުން ލިބުނު އާމްދަނީ ރަނގަޅު ވަރެއްގައި ހިފެހެއްޓިފައިވާ ކަމަށް އެސްޓީއޯއިން ބުންޏެވެ. ހާއްސަކޮށް އާންމު ވިޔަފާރި އާއި އިމާރާތްކުރުމުގެ ދާއިރާ އާއި ސިއްހީ ހިދުމަތްތަކުގެ ހައްލުތަކުގެ ދާއިރާއިން ހަރުދަނާ ނަތީޖާތަކެއް ދައްކުވައިދީފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
އެސްޓީއޯގެ މާލީ އުސްއަލިތައް
- އާމްދަނީ - ހަތަރު ބިލިއަން ރުފިޔާ
- ވިޔަފާރި ކުރުމުގެ ހަރަދު - 3.4 ބިލިއަން ރުފިޔާ
- ހިންގުމުގެ ހަރަދުތައް - 343 މިލިއަން ރުފިޔާ
- ޖުމްލަ ފައިދާ - 583 މިލިއަން ރުފިޔާ
- ހިންގުމުގެ ފައިދާ - 263 މިލިއަން ރުފިޔާ
- ޓެކުހަށް ކެނޑުމުގެ ކުރިން ފައިދާ - 206 މިލިއަން ރުފިޔާ
- އާމްދަނީން ނަގާ ޓެކްސް - 37 މިލިއަން ރުފިޔާ
- ސާފު ފައިދާ - 168 މިލިއަން ރުފިޔާ
އެސްޓީއޯއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި ލިބުނު 195 މިލިއަން ރުފިޔާއަށް ވުރެ ނިމުނު ކުއާޓަރުގައި ލިބުނު ސާފު ފައިދާ (169 މިލިއަން ރުފިޔާ) ދަށްވީ، ޖުމްލަ ފައިދާ ދަށް ވުމާއި ޕްރޮވިޝަންތައް އިތުރުވުމުގެ ސަބަބުންނެވެ. ނަމަވެސް ހިންގުމުގެ ހަރަދުތައް ކުޑަކުރެވި، ލަފާކުރެވުނު މިންވަރުގައި ފައިދާ ހިފެހެއްޓިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.











