ދައުލަތުގެ ބައެއް ވަޒީރުން އުޅުއްވަނީ "ސައިޒު" އޮޅިވަޑައިގެން ކަމަށާއި ގާނޫނުއަސާސީގައި ލިޔެފައި އޮތް އެއްޗެއް ކޮންމެ ވަޒީރަކު ވެސް ވިދާޅުވެ މަޖިލީހުގެ ހުރިހާ މެންބަރުންނަށް ވަޒީރުން އިހުތިރާމު ކުރުމަށް ވެލިދޫ ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އައްބާސް މިއަދު ގޮވައިލައްވައިފި އެވެ.
މަޖިލީހުގައި ވާހަކަ ދައްކަވަމުން އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮންމެ މެންބަރަކަށް ވެސް ވަޒީރުން އިހުތިރާމު ކުރައްވަން ޖެހިވަޑައިގަންނަވާނެ ކަމަށާއި ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުން މިހާރު އުޅުއްވަނީ މަޖިލިސް މެންބަރުންގެ ފޯނު ކޯލުތަކަށް ވެސް ޖަވާބުދާރީވެވަޑައިނުގަންނަވައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް މަޖިލީހަށް ވެސް ހާޒިރުވެވަޑައިނުގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ވަޒީރުންނަކީ މިއަދު ވަޒީރުންގެ ޓައި އަޅުއްވައިގެން އުޅުއްވި ކަމުގައިވިޔަސް އަދި ދިދަ ޖެހި ކާރުކޮޅުގައި އުޅުއްވި ކަމުގައިވިޔަސް ވަޒީރުން އެބަޖެހޭ ތަންކޮޅެއް ބޮޑަށް ސައިޒުވެލަން، ތިމާމެން މާދަމާ ވަޒީރުކަމުގައި ނުހުރެދާނެ ކަމާއި ވަޒީރުކަމާ ހަވާލުކޮށް މަތިކޮށްފައިވާ ޒިންމާ އަދާ ނުކޮށްފި ނަމަ ވަޒީރުން ގެއަށް ފޮނުވައިލަފާނެ ކަމާ މިކަންކަން އެބަޖެހޭ ވަޒީރުން ވަރަށް ބޮޑަށް ވިސްނަން އިއްޒަތްތެރި ރައީސް،" އައްބާސް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެގޮތަށް އަމަލު ކުރައްވަމުން ގެންދަވަނީ ހުރިހާ ވަޒީރުން ނޫން ކަމަށެވެ. ނަމަވެސް ބައެއް ވަޒީރުން އުޅުއްވަނީ އެ ބޭފުޅުންގެ "ސައިޒު" އޮޅިގެން ކަމަށް އައްބާސް ވިދާޅުވި އެވެ.
މަޖިލިސް މެންބަރުންނަށް ގާނޫނުތަކުން މަތިކޮށްފައިވާ ޒިންމާ އަދާ ކުރަން ވަޒީރުން ފުރުސަތު ނުދެއްވާ ކަމަށް ވާނަމަ، އެ ބޭފުޅުންނަށް ވަރަށް ގިނަ ދުއްތުރާތައް ކުރިމަތިވާނެ ކަމަށް އައްބާސް ވިދާޅުވި އެވެ.

"ބައެއް ވަޒީރުން އެ ބޭފުޅުންނަކީ މާމަތީ ބައެއް ކަމަށް، މާބޮޑު އަބުރަކާއި އިއްޒަތަކާއި ގަދަރުވެރިކަމަކާއި ޝަރަފަކާއި ޖާހަތަކާ ލިބިގަނެގެން އުޅޭ ބައެއް ކަމަށް ހެދިގަނެގެން އުޅެނީ އިއްޒަތްތެރި ރައީސް، އެހެނެއް އެކަން ވެގެން ނުވާނެ،" އައްބާސް ވިދާޅުވި އެވެ.
"ވެރިކަން ކުރާ ޕާޓީން ވެސް ވަކި ވަރަކަށް އެ ވަޒީރަކު ހިމާޔަތް ކުރާނީ، ކެތް ނުވާވަރު ވީމާ ހަފޮޅުން ބޭރުކޮށްލާނެ އިއްޒަަތްތެރި ރައީސް."
އައްބާސް ވިދާޅުވީ ރައްޔިތުންގެ މަޖިލިސް ހިންގަމުން ދަނީ ރަނގަޅަށް ކަމަށެވެ. ނަމަވެސް ވަޒީރުން މަޖިލީހަށް ހާޒިރު ނުވުމުގެ އިތުރުން ބިލުތައް ބަލައިލާނެ ފުރުސަތު ނުލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަން ނުވަނީ ބަންޑާރަނައިބުގެ އޮފީހުގެ މައްސަލައަކުން ކަމަށް އައްބާސް ވިދާޅުވި އެވެ. އެހެންކަމުން އިތުރު މުވައްޒަފުން ބޭނުންވާ ނަމަ އެކަން ކުރައްވައިގެން ނަމަވެސް މަޖިލީހަށް ހުށަހަޅާ ބިލުތައް ކިޔާލައި ދިރާސާ ކޮށްލާނެ ވަގުތު އޮއްވައި މެންބަރުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް އައްބާސް ގޮވައިލެއްވި އެވެ.












