ބައިނަލް އަގްވާމީ މަސައްކަތްތެރިންގެ ދުވަސް، "މޭ ޑޭ" އާ ދިމާކޮށް މަސައްކަތްތެރިންގެ ކަންބޮޑުވުންތައް ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ހާއްސަ ރެލީއެއް ބޭއްވުމަށް ނިންމައިފި އެވެ.
މި ރެލީ ބާއްވަނީ އެކި ދާއިރާތަކުގައި މަސައްކަތް ކުރާ މީހުންގެ ހައްގުތަކަށް ވަކާލާތު ކުރުމަށް އުފައްދާފައިވާ ޔޫނިއަންތަކާއި ޖަމިއްޔާތައް ގުޅިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޓީޗާސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް)
- ޓޫރިޒަމް އެމްޕްލޯއީސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީމް)
- މޯލްޑިވްސް ހެލްތު ޕްރޮފެޝަނަލްސް ޔޫނިއަން (އެމްއެޗްޕީޔޫ)
- މޯލްޑިވްސް ޕޯޓް ވޯކާސް ޔޫނިއަން
- ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ)
- މޯލްޑިވްސް ޓްރޭޑް ޔޫނިއަން ކޮންގްރެސް (އެމްޓީޔޫސީ)
މި އަހަރުގެ ރެލީގެ ޝިއާރަކީ "ޔޫނިއަނައިޒްވެ، ކަލެކްޓިވް ބާގެއިން ކުރުމުގެ ހައްގު - އަބުރުވެރި މަސައްކަތްތެރި މުޖުތަމައުއެއް" އެވެ.
އެމްޓީޔޫސީއިން ބުނެފައިވާ ގޮތުގައި މަސައްކަތްތެރިންނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް ހުއްޓާލުމަށާއި، އިންޑަސްޓްރިއަލް ރިލޭޝަންސް އާއި އޮކިއުޕޭޝަނަލް ސޭފްޓީ ހެލްތުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރުމަށް މި ރެލީގެ ތެރެއިން ސަރުކާރަށް ގޮވާލާނެ އެވެ.
މަސައްކަތުގެ މާހައުލަކީ، މަސައްކަތްތެރިންނަށް އެކުވެރި މާހައުލެއް ގޮތުގައި ބޭއްވުމަށާއި މަސައްކަތްތެރިންގެ ރައްކާތެރިކަމާއި ސިއްހީ ދުޅަހެޔޮ ކަން ރަނގަޅު ފެންވަރެއްގައި ބެހެއްޓުމަށް ލާޒިމުކޮށްދޭ ގާނޫނުތަކާއި އުސޫލުތައް ގެނެސްދިނުމަށް މިދިޔަ އަހަރުގެ ރެލީގައި ވެސް ގޮވާލާފައިވެ އެވެ.

އަދިވެސް ގިނަ ގައުމުތަކުގައި މަސައްކަތްތެރިންގެ ގިނަ ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި އެބަހުއްޓެވެ. މޭ މަހުގެ ފުރަތަމަ ދުވަހު، ދުނިޔޭގެ ގިނަ ގައުމުތަކުގައި މަސައްކަތްތެރިންގެ ހައްގުތަކުގެ އަޑުއުފުލަން އެ ދުވަހު ބޮޑެތި ހިނގާލުންތައް މިހާރު ވެސް ބާއްވަ އެވެ.













