ސަރުކާރުގެ މަގު ހަދާ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑުން އަދި އެ ކުންފުނީގެ ޗެއާމަންގެ މަގާމުން މުހައްމަދު ޝާމީ އިއްޔެ ވަކިކޮށްފި އެވެ.
ޝާމީ ވަކި ކުރިކަން އިއުލާނު ކުރީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން މިއަދު ހެނދުނެވެ. އޭނާ ވަކި ކުރި ސަބަބެއް އެ ޕީސީބީއިން ހާމައެއް ނުކުރެ އެވެ.
"ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑްގެ ޗެއާޕާސަންގެ މަގާމުންނާއި އެކުންފުނީގެ ބޯޑުގެ މެމްބަރުކަމުން، މ. އެމޭޒަން، މުހައްމަދު ޝާމީ އާދަމް، 27 އެޕްރީލް 2025 ވީ އާދިއްތަ ދުވަހު ވަނީ ވަކިކޮށްފަ،" އެކްސްގައި ކުރި ޕޯސްޓެއްގައި ޕީސީބީއިން ބުންޏެވެ.
އާރްޑީސީގެ ޗެއާމަންގެ މަގާމަށް ޝާމީ އައްޔަން ކުރީ ޖެނުއަރީ، 2024، ގަ އެވެ. އޭނާއަކީ ވަރަށް ފުޅާ ދާއިރާއެއްގައި އަމިއްލަ ވިޔަފާރި ކުރައްވާ ބޭފުޅެކެވެ. ޝާމީއަކީ ސްޓެލިއަން މޯލްޑިވްސް ގްރޫޕުގެ ހިއްސާދާރެއް އަދި ޗެއާމަން އެވެ.
އޭނާ ވަނީ މީގެ ކުރިން އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަނުގެ ބޯޑުގައި ވެސް ހިދުމަތް ކުރައްވައިފަ އެވެ.

ޝާމީއަކީ ކުރިން ސިފައިންގޭގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. ސިފައިންގެއިން ވަކިވުމަށްފަހު ކޫއްޑޫ އަދި އެންސިސްގައި މަސައްކަތް ކުރެއްވި އެވެ.











