މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)ގެ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލާން ހުޅުވާލައިފި އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީގެ ދައުރަކީ ހަތަރު އަހަރެވެ. ކުރިއަށް އޮތް ދައުރަށް އިންތިހާބުގައި ވާދަކުރަން ހުޅުވާލީ މިއަދު އެވެ.
އެންމެ ފަހުން ހިންގާ ކޮމިޓީ އިންތިހާބު ބާއްވާފައިވަނީ 2021 ވަނަ އަހަރުގަ އެވެ. އެ ފަހަރު އިންތިހާބު ކާމިޔާބުކޮށް ރައީސްގެ ގޮތުގައި ހޮވުނީ މިހާރުގެ ރައީސް މުހައްމަދު އަބްދުއް ސައްތާރު (ޗަމްޕީ) އެވެ.
އެމްއޯސީ ހިންގާ ކޮމިޓީގައި ޖުމްލަ 13 ފަރާތަކުން ތިބޭނެ އެވެ. އެއީ ރައީސްގެ އިތުރުން، ދެ ނައިބު ރައީސުން، ހަ އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް، ދެ ނޮން އޮލިމްޕިކް ސްޕޯޓްސް ރިޕްރެސެންޓިވްސް އަދި އަންހެން ދެ މެމްބަރުންނެވެ.
މި ފަހަރުގެ އިންތިހާބަށް ކުރިމަތިލެވޭނެ އެންމެ ފަހުގެ ތާރީހަކީ އަންނަ މަހުގެ ހަތް ވަނަ ދުވަހެެެވެ. އަދި އިންތިހާބު ކުރިއަށް ދާނީ ޖޫން ދެ ވަނަ ދުވަހުގައި ބާއްވާ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގަ އެވެ.
ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ހަތަރު ވަނަ ދައުރަކަށް ފުރުއްވަމުން އަންނަ ސައްތާރު، އެންމެ ފަހުން ބޭއްވި އޮލިމްޕިކް ކޮމިޓީގެ އިންތިހާބު ކާމިޔާބުކުރީ މޫސާ ނާޝިދު (މޫސަ) އާ ވާދަކޮށެވެ.
އެ އިންތިހާބު، ޗަމްޕީ، ކާމިޔާބު ކުރެއްވީ 18 މެމްބަރު އެސޯސިއޭޝަނުގެ ތެރެއިން 11 ވޯޓު ހޯދައިގެންނެވެ. ޗަމްޕީއާ ވާދަކުރެއްވި އޭރުގެ ބެޑްމިންޓަން އެސޯސިއޭޝަންގެ ރައީސް މޫސަ އަށް ލިބުނީ ހަތް ވޯޓެވެ. އިންތިހާބުގައި ވާދަކުރައްވަން ނިންމެވި އެފްއޭއެމްގެ ކުރީގެ ސީނިއާ ނައިބު ރައީސް އަލީ އުމަަރު (އައްޔަ) ވަނީ އިންތިހާބުގެ އެއް ދުވަސް ކުރިން ނަން ނަންގަވައިފަ އެވެ.












