މާލޭގެ ގެއަކަށް ގެއްލުންދީ އެ ގޭގެ ވެރިމީހާއަށް ބިރުދެއްކި މައްސަލައިގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުން ޝަރުތު ކުރުމަށްފަހު ދޫކޮށްލައިފި އެވެ.
ކްރިމިނަލް ކޯޓުން އިއްޔެ ވަކިވަކިން ކުރި އަމުރުގައި ބުނެފައި ވަނީ އެ ހަތަރު މީހުންގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ބަލައިގަނެފައި ވާތީ އެ މީހުންގެ ޝަރީއަތް ނިމެންދެން ބަންދު ކޮށްދިނުމަށް ޕީޖީ އޮފީހުން އެދިފައިވާ ކަމަށެވެ.
ނަމަވެސް އެ ހަތަރު މީހުން ދޫކޮށްލާފައި ވަނީ އެމީހުންގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އެކަށީގެންވާވަރުގެ ހެކި ގަރީނާ ހުށަހަޅާފައި ނެތް ކަމަށް ބުނެ އެެވެ.
އެ މައްސަލައިގައި ހައްޔަރުކުރީ އއ. މާޅޮސް، ރީތިހިޔާ، މުހައްމަދު އަފްލާހް، 23، ނ. ވެލިދޫ، އެލަސް، އިބްރާހިމް އަހުނަފް، 21، ނ. މަނަދޫ، ހޭވަލި، މުހައްމަދު އަޒާން، 23، އަދި ތ. ގުރައިދޫ، ފަޒާ، އަލީ ނަވާފު، 21، އެވެ.

އެ ހަތަރު މީހުން ހައްޔަރު ކުރީ ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިއަކަށް ބިރުދައްކައި އިންޒާރު ދިން މައްސަލައިގެ ތުހުމަތުގައި ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ. އެފަދަ ހާދިސާއެއްގެ މަންޒަރު ވެސް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. ނަމަވެސް އެއީ ހައްޔަރު ކުރި ހަތަރު މީހުންނާ ގުޅުންހުރި ވީޑިއޯއެއްކަން ފުލުހުން ކަށަވަރެއް ނުކޮށްދެ އެވެ.
އެ ހަތަރު މީހުން ފުރަތަމަ ހައްޔަރު ކުރުމަށްފަހު ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން 15 ދުވަހުގެ ބަންދު މުއްދަތެއް ޖެހި އެވެ. އެ މުއްދަތު ހަމަވީ އިއްޔެ އެވެ.













