ޖަނަވާރަކަށް އިހުމާލުވާ މީހުން ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށް އެ މީހުންގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގޭނެހެން ޖަނަވާރު ގެންގުޅުމާއި އެ ތަކެތި ރައްކާތެރިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ފަރާތުން ބިލެއް ހުށަހަޅައިފި އެވެ.
ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލު ހުށަހެޅުއްވީ ހިންނަވަރު ދާއިރާގެ މެންބަރު މުހައްމަދު އަބްދުއްރަހްމާން އެވެ. މި ބިލު މަޖިލީހަށް ބަލައިގަނެ އިބްތިދާއީ ބަހުސް މިއަދު ވަނީ ކޮމިޓީއަށް ފޮނުވާފަ އެވެ. އެ ބިލު ބަލައިގަތީ ވޯޓުގައި ބައިވެރިވި 43 މެންބަރުންގެ އިއްތިފާގުންނެވެ.
މި ބިލުގައިވާ ގޮތުން ރާއްޖެއަށް ޖަނަވާރު އިމްޕޯޓުކުރަން ހުއްދަ ދެެވޭނީ ހަ ހާލަތެއްގަ އެވެ. އެއީ؛
- ވިއްސާ އާލާކުރުމަށް
- ލައިވްސްޓޮކް އަދި ޕޯލްޓްރީގެ ގޮތުގައި
- އޮޅުކޮށްގެން އެކުގައި ގެންގުޅޭ ޖަނަވާރުގެ ގޮތުގައި
- ސައިންޓިފިކް ދިރާސާއަށް ނުވަތަ ތައުލީމީ ބޭނުމަށް
- އެގްޒިބިޝަން ބޭނުމަށް
- ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ކަނޑައަޅާ އެނޫންވެސް އިގުތިސޯދީ ބޭނުންތަކަށް
އޭގެއިތުރުން، ރާއްޖެއިން ޖަނަވާރު އެކްސްޕޯޓުކުރުމާއި ނުވަތަ ރީ-އެކްސްޕޯޓު ކުރުމުގައި އަމަލުކުރާނެ ގޮތްތައް ބިލުގައި ހިމަނާފައިވެ އެވެ. ޖަނަވާރު އެތެރެކުރާ އަދި ބޭރުކުރާ ފަރާތްތަކުން ރަޖިސްޓްރީ ކުރުން މި ބިލު ގާނޫނަކަށް ވުމާއެކު ލާޒިމު ވާނެ އެވެ.
އަދި، ޖަނަވާރުތަކުގެ މެދުގައި ފެތުރޭ ބަލިތައް ފެތުރުން ހުއްޓުވުމަށާއި ބަލިތަކަށް ފަރުވާ ދިނުމަށް ރާއްޖެ އެތެރެކުރާ ޖަނަވާރުތައް ކަރަންޓީނުކުރުމަށް ވަސީލަތްތަކާއި މަރުކަޒުތައް ގާއިމުކުރުމަށްވެސް މި ބިލުން ފުރުސަތު ދެ އެވެ.

ގާނޫނުގެ ދަށުން ކުރެވޭ ޖޫރިމަނާތައް
- ޖަނަވާރުގެ ޒަރިއްޔާއިން ބައްޔެއް ފެތުރޭފަދަ އަމަލެއް ކޮށްފިނަމަ 10،000ރ. އާއި 1،000،000ރ. ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ
- ގާނޫނާ ހިލާފަށް ޖަނަވާރު އިމްޕޯޓުކޮށް އެކްސްޕޯޓުކޮށްފިނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ
- ގާނޫނާ ހިލާފަށް ޖަނަވާރު ވިއްސާ އާލާކޮށްފިނަމަ 10،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ
- ގާނޫނާ ހިލާފަށް ޖަނަވާރު ގެންގުޅެފިނަމަ 10،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ
- ގާނޫނުގެ ދަށުން ޖަނަވާރުގެ ތަހުލީލަކަށް ދޭ ސާމްޕަލެއް އޮޅުވާލައިފިނަމަ 10،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ
- ޖަނަވާރު ގެންގުޅެންޖެހޭ މިންގަނޑުތަކާ ހިލާފަށް އަމަލުކޮށްފިނަމަ 10،000ރ. އާއި 100،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ
- ޖަނަވާރަށް އަނިޔާއެއް ދީފިނަމަ ނުވަތަ އޮޅުކޮށްގެން ގެންގުޅޭ ޖަނަވާރެއް އާންމު ތާކަށް ދޫކޮށްލައިފިނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެ
މީގެއިތުރުން، މި ބިލު ގާނޫނަކަށްވާ ހިސާބުން ހެދޭ ގަވާއިދުތަކާއި ހިލާފުވާ މީހުންނާ ދެކޮޅަށް ޖިނާއީ ތަހުގީގެއް ހިންގުމަށް ޖާގަ ލިބޭނަމަ އެކަން ކުރުމުގެ ބާރު މި ގާނޫނުގެ ދަށުން ތަހުގީގީ އިދާރާތަކަށް ލިބިގެންދާނެ އެވެ.













