މޯލްޑިސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި އިހުސާން ފިހާރަ ގުޅިގެން 270،000ރ. ގެ އިނާމު ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
ރޯދަ މަހުގެ 1، އިން ފެށިގެން 30 ގެ ނިޔަލަށް ކުރިޔަށް ގެންދާ އެ ޕްރޮމޯޝަންގައި އިހުސާން ފިހާރައިގެ ހަތަރު އައުޓްލެޓުން 200ރ. އިން މަަތީގެ ވިޔަފާރި ކުރާ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ހަތަރު ނަސީބުވެރިން ހޮވުމަށްފަހު، ކޮންމެ މީހަކަށް 1،000ރ. ދިނުމަށް ވަނީ ހަމަޖެހިފައިވާ ކަމަށެވެ.
އިހުސާން ފިހާރަ އިން ވަނީ ފެބްރުއަރީ 20، އިން އޭޕްރިލް 20، ގެ ނިޔަލަަށް އެ ފިހާރައިން ވިޔަފާރި ކުރާ ފަރާތްތަކުގެ ތެރެއިން 200ރ. އިން މަތިން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ގްރޭންޑް ޕްރައިޒެގެ ގޮތުގައި ތިން މީހަކަށް ބޮޑެތި އިނާމުތަކެއް ހުށަހަޅާފަ އެވެ.
އެގޮތުން އެއް ވަނަ އިނާމަކަށް 75،000ރ. ، ދެވަނަ އިނާމަކަށް 50،000ރ. އަދި ތިންވަނައަށް 25،000ރ. ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.
އެމްއައިބީގެ މީޑިއާ މެނޭޖާ އަހްސަން ޖަމީލް ވިދާޅުވީ އެ ބޭންކުގެ މަގްސަދަކީ ވިހާވެސް ގިނަ މީހުންނަށް އިނާމު ލިބޭ ގޮތަށް ޕްރޮމޯޝަންތައް ބައްޓަން ކުރުން ކަމަށެވެ.
"އިހުސާން ފިހާރައާއިއެކު މި ފެށި ޕްރޮމޯޝަންގެ ސަބަބުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ އިހުސާން ފިހާރައިގެ ކަސްޓަމަރުންނަށް މި ފުރުސަތު ލިބިގެން ދާނެ" އޭނާ ވިދާޅުވި އެވެ.
މި ޕްރޮމޯޝަންގައި އިހުސާން ފިހާރައިން މާލޭގައި ހިންގާ ދެ ފިހާރަ އާއި ހުޅުމާލެ ފޭސް 2 ގައި ހިންގާ ފިހާރައިގެ އިތުރުން ވިލިމާލެ ފިހާރަ އިން 200ރ. އިން މަތީގެ ވިޔަފާރި ކުރާ ހުރިހާ ކޫޕަން ލިބޭނެ އެވެ.
ރާއްޖޭގެ ފުރަތަމަ އަދި ހަމައެކަނި ފުލް ފްލެޖް އިސްލާމިކް ބޭންކުން ދަނީ އެބޭންކުގެ ކަސްޓަމަރުންނަށް އަމާޒުކޮށް ގިނަ ޕްރޮމޯޝަންތަކެއް ހިންގުމަށް ތައްޔާރުވަމުނެވެ. އެ ބޭންކުން ވަނީ ރާއްޖެއަށް އަލަށް ފަސޭހަކަމާ އެކު ޕީއޯއެސް މެޝިނުން ފައިސާދެއްކޭ ޓެގެއްވެސް ތައާރަފްކޮއްފަ އެވެ.











