އަންހެން ހެދުން އަޅައިގެން ވައްކަން ކުރަން އުޅުނު ދެ ފިރިހެނަކު ހައްޔަރުކޮށް، ތަހުގީގު ފަށައިފި އެވެ.
ފުލުހުން ބުނީ މާވެޔޮމަގު ކަންމަތީގައި އުޅުނު ދެ ފިރިހެނަކު ސިފަ ބަދަލުކޮށްގެން ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި ހޮނިހިރު ދުވަހުގެ ރޭ 2:39 ހާއިރު ފުލުހުންގެ ބަލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
"އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައިއިރު ތިބީ އަންހެން ހެދުން އަޅައިގެން،" ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ގދ. ވާދޫ، ލިލީގޭ މުހައްމަދު ސޮބާހު 46، އާއި ނ. މިލަދޫ ސޯސަންގޭ މުހައްމަދު ނައުޝާދު، 42 އެވެ.
މި ދެ މީހުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށް ގެންދިޔުމަށްޓަކައި ކްރިމިނަލް ކޯޓުން މި މީހުންގެ ބަންދަށް 15 ދުވަސް ޖަހައިދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.














