ސަލާމަތްވާނެ ހަމައެކަނި މަގަކީ....؟

އާޓްވޯކް: އިސްމާއީލް އިމްދާދު

އާޓްވޯކް: އިސްމާއީލް އިމްދާދު

އިންސާނެއްގެ ހިލަމެއް ނެތް އެކަހެރި މަގެއްގައި ބޮޑާކަމާއި ކިބުރުވެރިކަމާއެކު ހިނގަމުން ދިޔަ ބުޅަލަކަށް ކޮށްޓެއްގައި ތާށިވެފައިވާ މީދާތަކެއް ފެނުނެވެ. ހިނދުކޮޅެއް ކުރިން ހޭވި ގޮނޑުން ލިބުނު ކާނާގެ ކުނިބުނިން ބަނޑު ފުރާލައިގެން އޮތަސް، ބާރުވެރިކަން ދައްކައި އަމިއްލަ ނަފުސާމެދު ފަހުރުވެރިވުމަށް ލިބުނު މި ފުރުސަތު ދޫކޮށްލާކަށް ބުޅާ ބޭނުމެއް ނުވި އެވެ. ބުޅަލުގެ ވަކިތަކުން ކޮށީގެ ދޮރު ހަލާކުކޮށްލައި، އަނގަ ހުޅުވައިގެން ކޮށި ކުރިމަތީގައި އޮވެއްޖެ އެވެ. މީދާތައް ނިކަމެތިކަމާއެކު ކޮށީގެ އެންމެ ފުލަށްވަދެ، ނުކުންނަން ނުކެރިފައި ތިއްބެވެ.

ވަގުތުކޮޅެއް މިގޮތުގައި ހޭދަކުރުމަށްފަހު ބުޅާ ބުނެ އެވެ. ކަލޭމެންގެ ތެރެއިން ސަލާމަތް ވާން އެދޭ މީދަލެއްވާނަމަ އަހަރެން މިކުރާ ސުވާލަށް ޖަވާބު ދޭށެވެ. އަހަރެން ހިތް އެދޭ ފަދަ ރަނގަޅު ޖަވާބު ދީފި ނަމަ އަހަރެންގެ ފުށުން ރައްކާތެރިކަން ކަށަވަރެވެ. ޖަވާބު ގޯސްވެއްޖެނަމަ އެ މީދަލެއް ކައިނުލައި ދުލެއް ނުކުރާނަމެވެ. މި މުބާރާތަށް މީދާތަކުގެ ރުހުން އޮތްތޯ ބުޅަލެއް ނުބަލަ އެވެ. އެސޮރުގެ ސުވާލު ކުރިމަތިކުރި އެވެ. އެކަކާއި އެކެއް އެއްކުރީމާ ވާނީ ކިތަކެއް ހެއްޔެވެ. ހިސާބު އިލްމަށް ހުށިޔާރު މީދަލެއް އޮތްތަނުން ފުންމަމުން ޖަވާބު ދެ އެވެ. އެކަކާއި އެކެއް އެއްކުރީމާ ވާނީ ދޭކެވެ. ބުޅާ އިތުރު ސުވާލެއްވެސް ކުރުމެއް ނެތި މީދާ ނަގައި މަރާލުމަށްފަހު ކައިލަމުން ބުނެ އެވެ. މި މުބާރަތުގައި ބައިވެރިވާ ވަރަށްވުރެ މާބޮޑަށް ކަލެއަށް ކަންކަން އެބަ އެނގެ އެވެ.

ބުޅާ ދެވަނަ މީދަލަށް އިޝާރާތްކޮށް ހަމަ އެ ސުވާލުކުރި އެވެ. ރަނގަޅު ޖަވާބު އެނގުނުނަމަވެސް، ބުޅާ އުފާވާނޭ ޖަވާބެއް ދެވޭތޯ ވިސްނުމަށްފަހު މީދާ ބުންޏެވެ. ތިޔަ ސުވާލުގެ ޖަވާބެއް އަހަރެންނަކަށް ނޭނގެ އެވެ. ބުޅާ ރުޅިއައިސް ބުންޏެވެ. ކަލެއަކީ ތަންދޮރު ނުދަންނަ ޖާހިލެކެވެ. ވީމާ ކަލެއަށް ދިރިއުޅުމުގެ ހައްގު ލިބިގެނެއް ނުވެ އެވެ. މިހެން ބުނެ އެ މީދާވެސް ކާލައިފި އެވެ.

ތިންވަނަ މީދަލާ ވެސް ކުރީ ހަމަ އެ ސުވާލެވެ. އެ މީދާ ބިރުން އޮވެ ޖަވާބު ދިނެވެ. އަހަރެންނަށް ތި ސުވާލުގެ ޖަވާބު އެނގެންޏާ ނަތީޖާއަކީ ކޮބައިހެއްޔެވެ. އަދި ނޭނގެންޏާ އޭގެ ނަތީޖާވެސް ބުނެދޭށެވެ. ބުޅާ ރުޅިއައިސްފައި ބުންޏެވެ. ސުވާލު ކުރުމުގެ ހައްގު އޮތީ އަހަރެންނަށެވެ. ކަލެއަށް އޮތީ ޖަވާބު ދިނުމެވެ. އެކަމަކު ކަލޭގެ އަދަބު ކުޑަކަމާއެކު އަހަރެންގެ އެންމެ ސުވާލެއްގެ ބަދަލުގައި އަހަރެންނާ ދެ ސުވާލުކޮށްފި އެވެ. އެހެންވީމާ ކަލޭ މަރާލުން ނޫން ގޮތެއް ނެތެވެ. މިހެން ބުނެ އެ މީދާވެސް މަރާލި އެވެ.

ހަތަރުވަނަ މީދަލާ ސުވާލުކުރި އެވެ. އެކަކާއި އެކެއް އެއްކުރީމާ ވާނީ ކިތަކެއްކަން ބުނެދޭށެވެ. މި މީދާ ހިތްހަމަނުޖެހި އޮވެ، ތުރުތުރުއަޅާ ހާލު ހަލުވިކަމާއެކު ބުނެ އެވެ. ރަނގަޅު ޖަވާބު ދިނަސް މަރެވެ. ޖަވާބު ނޭނގުނަސް މަރެވެ. ވާނޭ ގޮތް އަހާލިޔަސް މަރެވެ. އަހަރެން ހަދަންވީ ފަހެ ކިހިނަކުން ހެއްޔެވެ. ބުޅާ ބުނެ އެވެ. ކަލޭ ކަހަލަ އަނގަ ހަލުވި، ޝަކުވާ ގިނަ މީދަލެއް މިރަށު ތެރެއަށް ދޫވެފައި އޮތުމަކީ ބޮޑު ނުރައްކަލެކެވެ. މިހެން ބުނެ މި މީދާވެސް ކާލައިފި އެވެ.

ފަސްވަނަ މީދަލާ އެ ސުވާލުކުރުމުން ބުންޏެވެ. ސާހިބާ ތިޔަ ކުރެއްވި ސުވާލުގެ މޮޅުކަމާއެވެ. ތިޔައީކީ އަހަރުމެންފަދަ އާދައިގެ ނިކަމެތި، ކުދިކުދި ޖަނަވާރުންނަށް ޖަވާބު ދެވޭނޭ ފަދަ ސުވާލެއްވެސް ނޫނެވެ. ތިޔަ ސުވާލުގެ ޖަވާބު ވިސްނިވަޑައިގަންނަވާނީވެސް ތިޔަ ފަދަ ތަނަވަސް ސިކުނޑިއެއްގެ އަހުލުވެރިޔަކަށެވެ. ތިޔަ އިލްމުވެރިކަމުގެ ކުރިމަތީގައި އަހަރެންގެ ނުދަންނަކަމާއި ޖާހިލުކަމާމެދު ދެރަވެ ލަދުގަންނަމެވެ. ބުޅާ ވަރަށް އުފާވެފައި ބުންޏެވެ. ތިޔަ ވަފާތެރިކަން އަބަދުވެސް ދެމެހެއްޓުން ޝަރުތުކޮށް، ކަލެއަށް އަހަރެންގެ ކިބައިން ސަލާމަތްތެރިކަން ކަށަވަރެވެ. އަހަރެންގެ ހިޔަނީގައި، އުފާވެރިކަމާއެކު މިރަށުގައި އުޅޭށެވެ.

ވާހަކަ ކިޔައިދޭ މީހާ ބުންޏެވެ. މި ވާހަކައިގެ މީދަލަކީ ތިބާ އެވެ. ބުޅަލަކީ ވެރިންނެވެ. ފުރާނައަކީ ތިބާގެ މަގާމެވެ. މި ވާހަކައިން ލިބިދޭ އިބުރަތަކީ މިއީ އެވެ. މި މީދަލަށް އެ ލިބުނީ އަމާންކަން ހެއްޔެވެ ނުވަތަ ދާއިމީ އަޅުވެތިކަން ހެއްޔެވެ؟ ކޮންމެ ހާލެއްގައިވެސް ދުނިޔެވީ އުފަލާއި، އޭނާގެ މަގާމު ދެމެހެއްޓުމަށް ބޭނުންވާ މީހަކަށް އޮތް މަގަކީ ބާރުވެރި ކަމުގައި ތިބޭ މީހުންނަށް ހުޝާމަދުކުރުމެވެ. ވިދާޅު ބަސްފުޅަށް އާދޭހޭ ނޫން ޖަވާބެއް ނުދިނުމެވެ. ގިނަގިނައި ސަނާ ކިޔުމެވެ. މިކަމުން އެ ވެރިންގެ ކަމީނާ ހިތްތަކަށް އުފާވެރިކަން ލިބި، ތިބާއަށް ސަލާމަތްތެރިކަން ކަށަވަރުވެދާހުއްޓެވެ. ބާރުވެރިކަމުގައި ހުރި އަނިޔާވެރި، ބޮޑާ، ކިބުރުވެރިޔާގެ ހިތް ނިޔަތް ގޯސްވިޔަ ނުދީ ވޭތޯ ބެލުމަށް، ފިނޑިންނަށް އިހުތިޔާރު ކުރެވެން އޮންނާނޭ ހަމައެކަނި މަގަކީ ހުޝާމަދުކުރުމެވެ. ބުނީމާ ބުނި ކަމެއް ކުރުމެވެ. ހެއްދެވިހައި ގޮތަކަށް ރުހިގެން ހުރުމެވެ. އުސޫލާއި ހަމައާއި އިންސާފަކީ ވިދާޅުބަސްފުޅު ކަމުގައި ދުށުމެވެ.

ސިޔާސީ މަންސަތަކުގައި ބޭބޭފުޅުން އެހެރަ ދައްކަވާ ވާހަކަ އަޑުއައްސަމު ނޫންތޯ އެވެ. މަގާމުގެ ނަމުގެ ކުރިއަށް އިއްޒަތްތެރި ލާފައި، އެތައް ފަހަރަކު ޝުކުރިއްޔާއޭ ވިދާޅުނުވެ ނިންމަވާލެއްވީ ކޮން ތަގުރީރެއް ހެއްޔެވެ. ހަގީގަތުގައި އެ ވިދާޅުވާ ޝުކުރިއްޔާތަކުގެ ނިވަލުގައި އޮތީ 'ކައިނުލާތޯ' ކުރާ ވޭނީ އާދޭހެވެ.

ވާހަކަ ކިޔައިދޭ މީހާ ބުންޏެވެ. އަނިޔާވެރިޔާއާ ދެކޮޅަށް ބަސްބުމުގެ ހިތްވަރު ނެތްނަމަ، އޭނާއާ އިދިކޮޅުވާން ޖެހިދާނޭ ފަދަ ހާލަތަކަށް ތިމާގެ ނަފުސު ގެނެސްގެން ނުވާނެ އެވެ. ނަފުސުގައި އެ ފިނޑިކަމުގެ ޒައްރާއެއްގެ މިންވަރު ހުރިނަމަވެސް އާއިލާއާއެކު އަމާންކަމުގައި ގޭގައި އޮންނާނީ އެވެ. ކަންކަމާ ކުރިމަތި ނުލާނީ އެވެ. އެއާ ހިލާފަށް، ތިބާގެ ނަފުސުގެ އިއްޒަތެއް އޮތްނަމަ އަނިޔާވެރިޔާއަށް ހުޝާމަދު ކުރުމުގެ ބަދަލުގައި، ހައްގުބަސް ބުނުމާއެކު އޭނާގެ އަތުން މަރުވެ ދިއުން ހެޔޮކަމުގައި ދެކޭށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މަޝްރޫއުތައް ގުރުބާންކޮށް، ތެލަށް ބަދަލުކުރި 90 މިލިއަން ޑޮލަރު

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، ރާއްޖެއަށް ބޭނުންވާ ތެޔޮ ގަތުމަށްޓަކައި ވޯލްޑް ބޭންކާއި އޭޑީބީ މެދުވެރިކޮށް 90 މިލިއަން ޑޮލަރު ހޯދައިފިއެވެ. މީގެ ތެރެއިން ވޯލްޑް ބޭންކުން ދިން 40 މިލިއަން ޑޮލަރަކީ މިހާރު ހިނގަމުންދާ ތަރައްޤީގެ މަޝްރޫޢުތަކަށް ކަނޑައަޅާފައިވާ ފައިސާ އުނިކޮށްގެން ހަމަޖެއްސި ފައިސާއެކެވެ. މި ފިޔަވަޅު އަޅަންޖެހުނީ ދައުލަތުގެ ބޭރު ފައިސާގެ ރިޒާވް ދަށްވެ، ތެލަށް ކުރަންޖެހޭ ޚަރަދު ބޮޑުތަނުން އިތުރުވުމާ ގުޅިގެންނެވެ.

މައްސަލައަކީ ކެރެޓެއް ނޫން، ޑޮލަރު

ބާޒާރުގައި ތަކެތީގެ އަގު އުފުލެމުންދަނީ ޑޮލަރުގެ އަގުބޮޑުވެ ތަދުވުމުގެ ސަބަބުން ކަމަށްވާއިރު، ސަރުކާރުން އެކަން އޮޅުވާލުމަށް މަސައްކަތް ކުރާކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ޑޮލަރުގެ ރޭޓު ހަމައަކަށް އަޅުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވި ނަމަވެސް، މުދަލުގެ އަގު ކޮންޓްރޯލް ކުރުމަށް އޮތް ހަގީގީ ހައްލަކީ ޑޮލަރުގެ އަގު ތިރިކުރުން ކަމަށް މި ޚަބަރުގައި ބަޔާންކޮށްފައިވެއެވެ.

އިންވެސްޓްމަންޓުގެ ނިވަލުގައި ޒަމާނީ އިސްތިއުމާރު

ރާއްޖޭގައި އިންވެސްޓްމަންޓް ރެސިޑެންސީ ތައާރަފްކުރުމަކީ، ގައުމުގެ ސިޔާދަތާއި ވަސީލަތްތަކުގެ މައްޗަށް އޮތް ބާރު ގެއްލި، ޒަމާނީ އިސްތިއުމާރީ ދަންތުރައެއްގައި ޖެހިދާނެ ކަމެއްގެ ގޮތުގައި މި ލިޔުމުގައި ފާހަގަކޮށްފައިވެއެވެ. އަދި ދުނިޔޭގެ އެހެން ގައުމުތަކުން މިފަދަ ޕްރޮގްރާމްތައް ހުއްޓާލަމުންދާއިރު، ރާއްޖޭގެ ކޮރަޕްޝަނާއި ނާޒުކު ތިމާވެށީގެ ސަބަބުން މިކަމުގެ ނުރައްކާ އިތުރަށް ބޮޑުވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

ދުންފަތް މަނާކުރުން: ދުނިޔޭގެ ތަޖުރިބާއިން ފިލާވަޅެއް

ރާއްޖޭގެ ދުންފަތުގެ ސިޔާސަތުތަކަށް ބަދަލުތަކެއް އަންނަމުންދާއިރު، ދުންފަތުގެ ބާވަތްތައް މުޅިން މަނާކުރުމުގެ ބަދަލުގައި ހަރުކަށި އުސޫލުތަކަކާއެކު ކޮންޓްރޯލްކޮށްގެން ބޭނުންކުރުމުގެ ނަތީޖާ ބައެއް ގައުމުތަކުން ފެންނަން އެބަހުއްޓެވެ. މިގޮތުން ނިއުޒީލެންޑް، ސްވިޑަން އަދި ޖަޕާން ފަދަ ގައުމުތަކުން ވަނީ ޓެކްސް ބޮޑުކުރުމާއި ވިޔަފާރިކުރުމުގެ ހަރުކަށި މިންގަނޑުތަކެއް ކަނޑައަޅައިގެން ދުންފަތުގެ އިސްތިއުމާލުކުރާ މީހުންގެ ނިސްބަތް ދަށްކުރުމަށް މަސައްކަތްކޮށްފަ އެވެ. އޭގެ ސަބަބުން، ރާއްޖެއަށް ވެސް ދުނިޔޭގެ މިފަދަ ތަޖުރިބާތަކުން ފިލާވަޅު ލިބިގަނެވިދާނެ ކަމަށް މި ލިޔުމުގައި ފާހަގަކޮށްފައިވެ އެވެ.

ޑިސެންބަރު 2 ގެ ކުރިން މި ފުރުސަތުގެ ބޭނުން ހިފާށެވެ.

ރަސްމާލެ މަޝްރޫއަށް މަގުފަހިކުރާ "ރިއަލް އެސްޓޭޓް ވިޔަފާރީގެ ބިލަށް" އާންމުންގެ ހިޔާލު ހޯދުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިފުމަށް މި ލިޔުމުގައި ގޮވާލާފައިވެއެވެ. ގައުމުގެ ބިމާއި ސިޔާދަތު ހިމާޔަތްކުރުމަށްޓަކައި، ޑިސެންބަރު 2 ގެ ކުރިން ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ތަޖުރިބާކާރުން މަޖިލީހުގެ ކޮމިޓީއަށް ހިޔާލު ފޮނުވުމަކީ ގައުމީ ވާޖިބެއްގެ ގޮތުގައި ފާހަގަކޮށްފައިވެއެވެ.

ސިޓީބިޓީ: އިހުތިރާމާ ގުޅޭ ގޮތުން ރައީސް މުއިއްޒަށް ސުވާލެއް!

ރައީސް ޑރ. މުއިއްޒު "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހު ކުރެއްވި ނަމަވެސް، އެ މަޝްރޫއުގެ ތަފްސީލާއި އިހުތިރާމުގެ މާނަ ސާފުކޮށްދެއްވާފައި ނުވާތީ މި ލިޔުމުގައި ވަނީ ފާޑުކިޔާފައެވެ. އަދި މުޅި ގައުމަށް ނަސޭހަތް ދެއްވުމުގެ ކުރިން، ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ އަމަލުތަކާއި ބަސްމަގު ހުރި ގޮތުން އެ ބޭފުޅުންނަށް އިހުތިރާމް ކުރަން ދަސްކޮށްދެއްވާފައިވޭތޯ ލިޔުމުގައި ސުވާލު އުފައްދާފައިވެއެވެ.

ރިންގު ހުސްވަންދެން ދިހަ ބާރަފަހަރަށް ގުޅުމުގެ ދީނީ ހުކުމް

ތިމާގެ އެކުވެރިޔާގެ ހާލަތްތަކާއި އުޒުރުތަކެއް ހުރެދާނެކަމަށް ބެލުމެއް ނެތި އެކުވެރިޔާއަށް އުނދަގޫވާނެހެން ދިހަބާރަ ފަހަރަށް ރިންގު ހުސްވަންދެން ފޯނުކޮށްކޮށް ހުރުމަކީ އެކުވެރިޔާގެ ޑިޖިޓަލް ޕާރސަނަލް ސްޕޭސްއަށާއި ބައުންޑަރީއަށް އަރައިގަތުމެވެ. އެކަމަކީ ދީނީގޮތުން ކޮށްގެންވާނެ ކަމެއް ނޫނެވެ.

Newsletter

Get the latest news delivered straight to your inbox