ސްޓްރޯކެއް ޖެހުނު މީހާ މަސްތުވެގެން ހުރި ކަމަށް ތުހުމަތު ކުރި މައްސަލަ އެޗްއާރުސީއެމްއިން ބަލަނީ

ފުލުހުންގެ ވެހިކަލެއް މާލޭގައި ހަރަކާތްތެރިވަނީ: ޝިމާންއަށް ހުރީ ސްޓްރޯކެއް ޖެހިފައިކަން އެނގުނީ ހައްޔަރު ކުރިތާ ހަ ގަޑިއިރުފަހުން ހޮސްޕިޓަލަށް ގެންދިޔުމުން -- ފޮޓޯ: އަދަދު ފައިލް

ފުލުހުންގެ ވެހިކަލެއް މާލޭގައި ހަރަކާތްތެރިވަނީ: ޝިމާންއަށް ހުރީ ސްޓްރޯކެއް ޖެހިފައިކަން އެނގުނީ ހައްޔަރު ކުރިތާ ހަ ގަޑިއިރުފަހުން ހޮސްޕިޓަލަށް ގެންދިޔުމުން -- ފޮޓޯ: އަދަދު ފައިލް

މަސްތުގެ ހާލަތުގައި ހުރި ކަމަށް ތުހުމަތުކޮށް ސްޓްރޯކެއް ޖެހިފައި ހުރި މީހަކު ހައްޔަރުކޮށްފައި ހަ ގަޑިއިރު ބެހެއްޓި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަނުން ބަލަން ފަށައިފި އެވެ.

"އަދަދު" ނޫހުން ކުރި ސުވާލަކަށް ޖަވާބު ދެމުން އެޗްއާރުސީއެމުން ބުނީ ސްޓްރޯކް ޖެހިފައި ހުރި މީހަކު ހައްޔަރު ކޮށްފައި ހަ ގަޑިއިރު ފުލުސް އޮފީހުގައި ބޭންދި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ބަލަމުންދާ ކަމަށެވެ.

"އެ މައްސަލަ ސަމާލުކަމަށް އައުމާއެކު ކަން ހިނގާފައިވާ ގޮތް ބަލަމުން ދަނީ،" އެޗްއާރުސީއެމްގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

.ސްޓްރޯކެއް ޖެހިފައި ހުއްޓައި ފުލުހުން މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކުރީ ޓެކްސީ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރާ އަލީ ޝިމާން ނަސީރު، 41، އެވެ.

އޭނާ ދުއްވި ކާރު ހުޅުމާލެ ފޭސް 1 ވެމްކޯ ބްރިޖް ކައިރިން އެ ދުވަހުގެ ހެނދުނު 10:45 ހާއިރު އެކްސިޑެންޓުވުމުން، އެތަނަށް އެޓެންޑުވި ފުލުހުން ބެލީ އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށެވެ.

ނަމަވެސް އާއިލާގެ މަސައްކަތާއެކު ފުލުހުންގެ ބަންދުން އޭނާ ސަލާމަތްކޮށް ހޮސްޕިޓަލަށް ދެއްކުމުން ޝިމާނަށް ހުރީ ސްޓްރޯކެއް ޖެހިފައިކަން ވަނީ ކަށަވަރުވެފަ އެވެ.

ޝިމާންގެ އެއްބަނޑު އެއްބަފާ ބޭބެ މުހައްމަދު ޝައްމޫން ނަސީރު "އަދަދު" އާ ވާހަކަ ދައްކަމުން ބުނީ ޝިމާންއަކީ ހާޓް ޕޭޝަންޓެއްގެ އިތުރުން ޑައިބެޓިކް ޕޭޝަންޓެއް ކަމަށާއި މަސްތުގެ ހާލަތުގައި ހުރި ކަމަށް ފުލުހުން ބުނުމުން އެކަމާ ގުޅިގެން ސުވާލު ވެސް އުފެދުނު ކަމަށެވެ.

"ޝިމާންއަކީ ހާޓް ޕޭޝަންޓެއް. މީގެ ތަންކޮޅެއް ކުރިން ސްޓްރޯކެއް ޖެހިގެން ހޮޅިކޮޅު ލައްވާފައި ހުރި ކުއްޖެއް. އަދި ޑައިބެޓިކް ޕޭޝަންޓެއް،" ޝައްމޫން ބުންޏެވެ.

ފަހުން އަނެއްކާ ޝިމާން ވާހަކަ ނުދައްކާ ކަމަށް ބުނެ އަދި ޔޫރިން ދޭން ދެކޮޅު ހެދި ކަމަށް ބުނެ ފުލުހުން އާއިލާއަށް ގުޅުމުން ފުލުސް އޮފީހަށް އަނބުރާ ދިޔަ ކަމަށާއި ވާހަކަ ނުދައްކާނަމަ އެއީ ގޯހެއްކަން ތަކުރާރުކޮށް ފުލުހުން ކައިރީ ބުނެފައިވާ ކަމަށް އޭނާގެ ބޭބެ ބުންޏެވެ.

ޝައްމޫން ބުނީ ފުލުހުން ޝިމާންގެ ޔޫރިން ނެގި ކަމަށް ބުނީ ހަވީރު 4:00 ޖެހި ފަހުން ކަމަށާއި ޔޫރިން ނެގެޓިވްވެގެން ދޫކޮށްލުމާ ދޭތެރޭ ވެސް ގިނަ ވަގުތުތަކެއް ހޭދަވި ކަމަށެވެ.

ޝިމާންއަށް ސްޓްރޯކެއް ޖެހުނުކަން ހުޅުމާލެ ހޮސްޕިޓަލުން ޔަގީންކޮށްދީފައިވާކަން ކަށަވަރުކޮށްދީ ޝައްމޫން ބުނީ ސީޓީ ސްކޭނެއް ހަދާފައިވާ ކަމަށެވެ. އަދި އޭނާގެ ހާލަތަށް ބަދަލެއް އައިސްފައި ނުވާތީ އައިޖީއެމްއެޗަށް ގެނެސް އެމަޖެންސީގައި ފަރުވާ ދެމުންދާ ކަމަށް އާއިލާއިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑްރަގު ކެފޭއަކުން ހަ މީހުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ބޭނުންކޮށް ވިއްކާ ކެފޭއެއްގެ ގޮތުގައި ހިންގި އެޕާޓްމަންޓަކުން ހަ މީހަކު ހައްޔަރުކޮށް، އެ އެންމެން 30 ދުވަހަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ފުލުހުންގެ އޮޕަރޭޝަނުގައި އެ ތަނުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފައިސާ ފެނިފައިވާއިރު، ހައްޔަރުކުރި ހަ މީހުންވެސް ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ.

ގެދޮރު އިމާރާތްކުރަން ލޯނު ނަގަން ބޭނުންވާ އިކުއިޓީއަށް އެހީއެއް

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، މި ފައިސާއަކީ އަނބުރާ ދައްކަން ނުޖެހޭ އެހީއެއް ކަމަށާއި، މިކަމަށް ބޭނުންވާ ފައިސާ މިހާރު ވަނީ ޓްރަސްޓް ފަންޑެއްގައި ރައްކާކުރެވިފައެވެ.

އާންމު އުނދަގޫކުރާކަމަށް ތުހުމަތުވާ މީހާ ހައްޔަރުކޮށްފި

އޭނާ ހައްޔަރުކޮށްފައިވަނީ އޭނާގެ އުނދަގޫތަކަށް ހައްލެއް ނުލިބިގެން މީހަކު ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުން ދަނިކޮށް ކަމަށްވާއިރު، މި މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.

މީހެއްގެ އުނދަގުލާ ހެދި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް

ހަޅުތާލުކުރާ މީހާ ބުނާގޮތުން، ދޮޅު އަހަރު ވަންދެން އެކި އިދާރާތަކަށް މައްސަލަ ހުށަހަޅައިގެން ވެސް އެކަމަށް އެދެވޭ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. އޭނާ ބުނީ އެ މައްސަލައަށް ދާއިމީ ހައްލެއް ނުލިބެނީސް ހަޅުތާލު ހުއްޓާނުލާނެ ކަމަށެވެ.

އައިޖީއެމްއެޗް މުވައްޒަފުންގެ ޕެޓިޝަނެއް ރައީސްއަށް

މި ޕެޓިޝަނުގައި މައިގަނޑު ގޮތެއްގައި އެދިފައިވަނީ ހާޒިރީ އިނާޔަތް އެއްހަމަކުރުމަށާއި، ހޮނިހިރު ދުވަހާއި ބަންދު ދުވަސްތަކުގައި ކުރާ މަސައްކަތަށް އިންސާފުވެރި އުޖޫރައެއް ހަމަޖައްސައިދިނުމަށެވެ. މީގެ ކުރިން ހުށަހެޅި ޕެޓިޝަނަށް ޖަވާބެއް ލިބިފައިނުވާތީ، މުވައްޒަފުން ވަނީ ޕޭ ހާމަނައިޒް ކުރުމުގައި އުނިވެފައިވާ ކަންކަން އިސްލާހުކޮށްދިނުމަށް އެދިފައެވެ.

ފުލުސް މީހާގެ ގައިގައި ޖެއްސީ 100 ކިލޯމީޓަރު ބާރަށް ދުއްވާފައި

"މިހާދިސާއާ ގުޅިގެން މިހާތަނަށް ބެލިބެލުމުން، މިއީ މަގުމަތީގައި ނުރައްކާތެރިކޮށް އުޅަނދު ދުއްވާ ފަރާތްތަކާ ދެކޮޅަށް ފުލުހުން މިހާރު ހިންގަމުންގެންދާ ހާއްސަ އޮޕަރޭޝަނަށް ހުރަސްއަޅައި، މިކަމުގައި ހަރަކާތްތެރިވާ ފުލުހުން ނަފްސާނީގޮތުން ބަލިކަށިކޮށްލައި ފަހަތަށް ޖެއްސުމުގެ މަގުސަދުގައި ގަސްތުގައި ހިންގާފައިވާ އަމަލެއް ކަމަށް ބެލެވޭ."

ރަސްމާލޭގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ: ޒަމްޒަމް

ރަސްމާލޭގައި އީގަލް ހިލްސްއަށް ދޭ ސަރަހައްދުގައި ދިވެހި ފުލުހުންނަށް ނުތިބެވޭނެ ކަމަށް ސަރުކާރުގެ ބައެއް ވަޒީރުން ވިދާޅުވި ކަމަށް ޝެއިހް ޒަމްޒަމް ފާރިޝް ހާމަކޮށްފިއެވެ. މި މަޝްރޫއާ ގުޅޭގޮތުން ގިނަ އިލްމުވެރިންތަކެއްގެ ކަންބޮޑުވުން ހުރި އިރު، މިކަމާ ގުޅޭ 100 ސަފުހާގެ ރިޕޯޓެއް ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް ފޮނުވުމަށް ދަނީ ތައްޔާރުވަމުންނެވެ.

Newsletter

Get the latest news delivered straight to your inbox