ރާއްޖޭގައި ބާއްވަން ރާވަމުން ދިޔަ ހިންދޫ ދީނުގެ ފެސްޓިވަލެއް ކަމަށްވާ ޕޮންގަލް ފެސްޓިވަލް ނުބޭއްވޭނެ ކަމަށް އެންގުމުން، އެ ފެސްޓިވަލް ކެންސަލްކޮށްފި އެވެ.
ފުލުހުން ބުނީ އެ ފެސްޓިވަލް އިންތިޒާމުކުރި ފަރާތްތަކަށް އެ ހަރަކާތް ނުބާއްވަން އެންގި ކަމަށާއި އެފަދަ ހަރަކާތްތައް ހިންގާނަމަ އެ އިދާރާއިން ހުއްޓުވާނެ ކަމަށެވެ.
ހުޅުމާލެ ސިންތެޓިކް ޓްރަކްގައި "ތަމިލް ޕޮންގަލް 2025" ގެ ނަމުގައި އެ ފެސްޓިވަލް ބޭއްވުމަށް ރޭވީ އަންނަ ހުކުރު ދުވަހު އެވެ.
އެ ފެސްޓިވަލް ބާއްވަން ރާވައި އެކަން އިސްތިހާރު ކުރަމުން ދިޔުމާ އެކު، އެކަން ހުއްޓުވާފައި މިވަނީ ސޯޝަލް މީޑިއާގައި ބޮޑެތި ފާޑު ކިޔުންތައް ސަރުކާރަށް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ޕޮންގަލް ފެސްޓިވަލް މީގެ ކުރިން ރާއްޖޭގައި ބޭއްވި އެވެ. އެފަހަރު ވެސް ގިނަ ދީނީ އިލްމުވެރިންތަކެއް އެކަމާ މެދު ހިތްހަމަނުޖެހިގެން ސަރުކާރަށް ސިޓީއެއް ފޮނުވައި، އެ މައްސަލަ ތަހުގީގު ކުރަން ވެސް ގޮވައިލި އެވެ.














