ބާސެލޯނާ (ފެބްރުއަރީ 2) - ފަހު ވަގުތު ގޯލު ޖަހައި، އެސްޕަންޔޯލުން 1-0 އިން ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑް ބަލިކޮށްފި އެވެ.
މި މެޗުން ބަލިވުމުން ލީގުގެ އެއް ވަނައިގައި ލީޑުނަަގަން ލިބުނު ފުރުސަތު ރެއާލަށް ވަނީ ގެއްލިފަ އެވެ. ރެއާލް އެއް ވަނައިގައި އޮތީ 22 މެޗުން 49 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް 22 މެޗުން ވަނީ 48 ޕޮއިންޓް ލިބިފަ އެވެ. އެތުލެޓިކޯ އިން ވަނީ ރޭ އަމިއްލަ ދަނޑުގައި 2-0 އިން މަޔޯކާ ބަލިކޮށްފަ އެވެ. ތިން ވަނައިގައި އޮތް ބާސެލޯނާ އަށް 21 މެޗުން ވަނީ 42 ޕޮއިންޓް ލިބިފަ އެވެ.
އެސްޕަންޔޯލް ދަނޑުގައި ފުރަތަމަ ހާފުގައި ވިނީޝިއުސް ޖޫނިއާ ވަނީ ރެއާލަށް ގޯލެއް ޖަހައިދީފަ އެވެ. އެކަމަކު، ރެއާލަށް ލީޑުނަަގައިދޭން ވިނީޝިއުސް ޖެހި މި ގޯލު ބަލައިނުގަތީ، އެ ޓީމުގެ ކީލިއަން އެމްބާޕޭ ފައުލެއް ކޮށްފައިވާތީ އެވެ.
ރެއާލަށް ލީޑުނަގައިދޭން، ރޮޑްރީގޯ ފޮނުވާލި ނުރައްކާތެރި ހަމަލާއެއް ވެސް އަމާޒުވީ ދަނޑިއަށެވެ. މި މެޗުގައި ރެއާލްގެ އެޓޭކްތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދެއްކީ އެސްޕަންޔޯލްގެ ކީޕަރު، ޖޮއާން ގާސިއާ އެވެ. އޭނާ ވަނީ ރެއާލުގެ ހަތް ހަމަލާއެއް ރޭގެ މެޗުގައި ހުއްޓުވައިފަ އެވެ.
މެޗުގައި އެސްޕަންޔޯލް މޮޅުވި ގޯލު ޖެހީ 85 ވަނަ މިިނިޓްގައި ކައުންޓަ އެޓޭކަކުންނެވެ. މި ލަނޑު ޖެހީ، އެސްޕަންޔޯލްގެ ކާލޯސް ރޮމޭރޯ އެވެ. އިތުރު ވަގުތުގައި ވެސް ރެއާލުން ކުރިއަށް ޖެހިގެން ގޯލެއް ޖަހައި، އެއްވަރުކުރެވޭތޯ ވަރަށް މަސައްކަތްކުރި އެވެ. އެކަމަކު، ގޯލެއް ނުޖެހި، މި ފަހަރު ލީގުގައި ތިން ވަަނަ މެޗަކުން ބަލިވީ އެވެ.
މަޔޯކާ ކޮޅަށް އެތުލެޓިކޯގެ ގޯލުތައް ޖެހީ ސެމުއެލް ލީނޯ އާއި އަންޓުއާން ގްރީޒްމަން އެވެ.












