ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް އަބްދުﷲ ދުރުކުރުމުގެ މަޝްވަރާތަކެއް ވެރިކަން ހިންގާ ޕީއެންސީ ތެރޭގައި ފަށާފައި ވަނިކޮށް މެލޭޝިއާއަށް ކުރެއްވި ދަތުރު ކުރުކޮށްލެއްވުމަށް ފަހު މިރޭ މާލެ ވަޑައިގަތް، ނޫސްވެރިންނާ ބައްދަލުނުކުރައްވާ ގެއަށް ވަޑައިގަންނަވައިފި އެވެ.
އަބްދުއްރަހީމް މަގާމުން ދުރުކުރުމުގެ މަޝްވަރާތައް ފެށުނީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އޮތް ގުޅުން ހީނަރުވުމާ ގުޅިގެންނެވެ. އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް މިއަދު ޓޫރިޒަމް މިނިސްޓަރުކަމުންވެސް ވަނީ ވަކިކޮށްފަ އެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަ ގޮތުން އަބްދުއްރަހީމް ދަތުރުކުރެއްވި ފުލައިޓުން ފައިބައި ވަޑައިގެން އަރާވަޑައިގެންނެވީ އެމަނިކުފާނުގެ ކާރަށެވެ. އާންމުކޮށް ކާރަށް އަރާވަޑައިގަންނަވަނީ ވީއައިޕީ ޓާމިނަލުގެ ބޭރުންނެވެ.
އަބްދުއްރަހީމް އާ ސުވާލު ކުރުމަށް ނޫސްވެރިން އެއްވެ ތިބީ އެ ޓާމިނަލް ބޭރުގަ އެވެ. ރާއްޖޭގެ ބޮޑެތި ގިނަ ނޫސްތަކުގެ ނޫސްވެރިންނާއި ޓީވީ ޗެނަލްތަކުގެ ނޫސްވެރިންވެސް މިރޭ އެއާޕޯޓަށް ގޮސްފައިވެ އެވެ. ނަމަވެސް ކާރުކޮޅުގައި އަބްދުއްރަހީމް މުރައިދޫއަށް ވަޑައިގަތީ "ވަލު ދޮރުއަށިން" ލާފަ އެވެ.
މަޖިލީހުގެ ރައީސްގެ އިތުރުން އަބްދުއްރަހީމް އަކީ ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އެވެ. ޕާޓީގެ ހިންގުމުގެ މަސައްކަތުން ވެސް އަބްދުއްރަހީމް މިހާރު ވަނީ އެކަހެރިކޮށްފަ އެވެ.

ރާއްޖޭގެ މީޑިއާއަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ.
ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ މި ނޫހާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.
އެކަމަކު، މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަބްދުއްރަހީމްއަކީ އެމަނިކުފާނު އެންމެ ފަހުރުވެރިވާ ސިޔާސީ ޝަހުސިއްޔަތު ކަމަށެވެ.













