ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އޮތް ގުޅުން ހީނަރުވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އަބްދުއްރަހީމް އަބްދުﷲ ދުރުކުރުމުގެ މަޝްވަރާތަކެއް ވެރިކަން ހިންގާ ޕީއެންސީ ތެރޭގައި ފަށައިފި އެވެ.
އަބްދުއްރަހީމް މަގާމުން ދުރު ކުރުމުގެ މަސައްކަތް ފެށިއިރު އެމަނިކުފާނުގެ ދަރިކަލުން އިބްރާހިމް ފައިސަލް ވަނީ ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން މިއަދު ވަކިކޮށްފަ އެވެ.
ރާއްޖޭގެ މީޑިއާއަކަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އަބްދުއްރަހީމް ވިދާޅުވީ އެމަނިކުފާނާއި ރައީސް ޑރ. މުހައްމަދު މުއިއްޒުއާ އޮތް ގުޅުން ހީނަރުނުވާ ނަމަ ފައިސަލް މަގާމުން ވަކި ނުކުރީސް ކަމަށެވެ.
މަޖިލީހުގެ ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރުމުގެ މަސައްކަތް ފެށިއިރު، ވެރިކަން ހިންގާ ޕީއެންސީގެ ހުރިހާ މަސައްކަތަކުން އެމަނިކުފާނު ވަނީ އެކަހެރިކޮށްފަ އެވެ.
ޓުއަރިޒަމް މިނިސްޓަރުގެ މަގާމުން ފައިސަލް ވަކި ކުރިއިރު، އަބްދުއްރަހީމް އާއި ރައީސް މުއިއްޒުގެ ގުޅުން އޮތީ ގޯސްވެފަ އެވެ.

ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު މައްސަލަ ޖެހެން ފެށީ އަބްދުއްރަހީމް "އެކަހެރިކޮށްލުމުން" ކަމަށް އޭނާއާ ގާތް ބައެއް މީހުން ވަނީ މި ނޫހާ ވާހަކަ ދައްކަމުން ބުނެފަ އެވެ. ރައީސް މުއިއްޒު، އަބްދުއްރަހީމް ދުރުކޮށްލެއްވީ އޭނާގެ ސިޔާސީ "އެމްބިޝަން" މާ މަތީގައި ހުރުމުން ކަމަށް އަބްދުއްރަހީމްއާ ގާތް ބޭފުޅުން ބުނެ އެވެ.
އެކަމަކު، މީގެ ކުރިން ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ އަބްދުއްރަހީމްއަކީ އެމަނިކުފާނު އެންމެ ފަހުރުވެރިވާ ސިޔާސީ ޝަހުސިއްޔަތު ކަމަށެވެ.
"އަޅުގަނޑުގެ ފުރިހަމަ އިތުބާރު އޮތް، އަޅުގަނޑު އެންމެ ބޮޑަށް އެ ބޭފުޅަކަށްޓަކައި ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް،" އޭޕްރީލް 6، 2024، ގައި ރައީސް ވިދާޅުވި އެވެ.












