ފުލުސް އޮފިސަރުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި އަބަދު ތިބެން ޖެހޭނީ އެންމެ ހިތް އެދޭ ތަންތަނުގައި ނޫން ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 38 ވަނަ އިނީޝިއަލް ޓްރެއިނިން ކޯހުގެ ދަސްވެނިވުން ފާހަގަކުރަން ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އިހުސާން ވިދާޅުވީ، ފުލުހުންގެ ހިދުމަތަކީ މަސައްކަތް ކުރަން އުނދަގޫ ތަނެއް ކަމަށާއި ގިނަ ރަށްތަކަށް ބެހިގެންވާ ގައުމެއްގައި އެއްތަނުން އަނެއް ތަނަށް ދިޔުމަށް އުނދަގޫ ހާލަތަކަށް ބިނާވެފައިވާ ހިދުމަތެއް ކަމަށެވެ.
"މި ހިދުމަތުގައި އުޅޭއިރުގަ އަޅުގަނޑުމެންނަށް އަބަދު ހިދުމަތްކުރަން ލިބޭނީކީ އެންމެ ހިތް އެދޭ ތަނުގައެއް ނޫން. އެހެންނަމަވެސް އެ މީހާގެ ޑިއުޓީ ކޮންމެ ދިމާލަކަށް ޖެހުނަސް އެންމެ ހިތް އެދޭ ގޮތަށް އެ ހިދުމަތް ދޭން އަޒުމް ކަނޑައަޅައިގެން ހިދުމަތުގެ ފެންވަރު އެންމެ ރަނގަޅަށް ދިނުމަކީ ކޮންމެ ފުލުހެއްގެ އަޒުމަކަށް ވާން ވާނެ،" އިހުސާން ވިދާޅުވި އެވެ.
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ގިނަ ރަށްރަށުގައި ފުލުހުންގެ ހިދުމަތް ގާއިމު ކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ. މި އަމާޒަށް ވާސިލުވުމަށް ގިނަ އަދަދެއްގެ ފުލުހުން ރަށްރަށަށް ފޮނުވާނެކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ފުލުހުންގެ ހިދުމަތުގެ ބެލެނިވެރި ވަޒީރު މިފަދައިން ވިދާޅުވެފައި މިވަނީ ރަށުން ބޭރުގައި ފުލުސް އޮފިސަރެއްގެ ވަޒީފާ އަދާކުރާ ބައްޕައެއްގެ މަތިން ހަނދާންވާ ކަމަށް ބުނެ ކުޑަކުއްޖަކު ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ނޯޓު ކޮޅެއް އެރުވުމުން އެ ފުލުސް މީހާގެ ވަޒީފާ ރަށަށް ބަދަލުކުރިތާ މަދު ދުވަސްކޮޅެއް ފަހުންނެވެ.

މި ހާދިސާ ހިނގީ މި މަހު ކުރީކޮޅު ރައީސް މުއިއްޒު ހުވަދޫ އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގެ ތެރެއިންނެވެ. ކުޑަކުއްޖާ ނޯޓުކޮޅު ރައީސް އަށް ދިނީ ގއ. ކަނޑުހުޅުދޫންނެވެ. ކުއްޖާގެ ބައްޕަ އޭރު ހުރީ ގދ. ފަރެސްމާތޮޑާގަ އެވެ.
ބައެއް ނޫސްތަކުން ރިޕޯޓުކުރި ގޮތުގައި މި މަސް ނިމުމުގެ ކުރިން އެ ފުލުސް އޮފިސަރު ގއ. އަތޮޅަށް ބަދަލުކުރަން ފުލުހުން އޮތީ ނިންމާފަ އެވެ. މިކަމާ ގުޅިގެން އޭރު ފުލުހުންގެ މީޑިއާ އޮފިޝަލުން ބުނީ މި ހާދިސާއާ ގުޅިގެން ތަފާތު ގޮތެއްގައި އަމަލުކޮށްފައިނުވާނެ ކަމަށެވެ.
ނަމަވެސް، ގިނަ ފުލުހުންތަކެއް އާއިލާއާ ދުރުގައި މަސައްކަތް ކުރަމުންދަނިކޮށް ސީދާ ރައީސް މެދުވެރިވެ މިފަދަ ނިންމުމެއް ނިންމުމާ ގުޅިގެން ގިނަ ބަޔަކު އެމަނިކުފާނަށާއި ފުލުހުންގެ ހިދުމަތަށް ވެސް އޭރު ފާޑުކިޔައި، ތަފާތުކުރުން ގެންގުޅުނު ކަމަށް ތުހުމަތުކުރި އެވެ.













