ކަނޑުމަގުން ފުވައްމުލަކަށް މަސްތުވާތަކެތި އަރުވަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އަންހެނަކު ފުލުހުން މިއަދު ހައްޔަރުކޮށްފި އެވެ.
މީޑިއާތަކަށް ފުލުހުން ފޮނުވި މެސެޖެއްގައި ބުނީ އެ މައްސަލައިގައި ހައްޔަރު ކުރީ 40 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެނާ ހައްޔަރު ކުރީ ފުވައްމުލަކަށް މިއަދު ދިޔަ ބޯޓަކުން އޭނާ ގެންދިޔަ ފޮށިގަނޑެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި މައްސަލަގައި މިއަދު ހެނދުނު 10:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
"ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިއަދު ފުވައްމުލަކުގައި ހިންގި އޮޕަރޭޝަނެއްގައި ބޯޓަކުން ފުވައްމުލަކަށް ގެނައި ފޮށިގަނޑެއް ބަލައި ފާސްކޮށް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވޭ،" ފުލުހުންގެ މެސެޖުގައި ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އާންމުކޮށް ފުލުހުން ހައްޔަރު ކުރާ މީހުންގެ ވަނަވަރު ހާމަކުރި ނަމަވެސް، މި މައްސަލައާ ގުޅިގެން ހައްޔަރު ކުރި އަންހެން މީހާގެ މައުލޫމާތު ފުލުހުން މީޑިއާތަކާ އަދި ހިއްސާކޮށްފައެއް ނުވެ އެވެ.














