މިއުނިކް (ޖެނުއަރީ 25) - ބަޔާން މިއުނިކަށް ކުޅެމުން އަންނަ ޖަރުމަނުގެ މިޑްފީލްޑަރު، ޔޯސުއާ ކިމިކް، ހިލޭ ޓްރާންސްފާއެއްގައި ރެއާލް މެޑްރިޑަށް ސޮއިކުރަން މަޝްވަރާ ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ކިމިކް، 29، ބަޔާނާ އެކު ހަދާފައި އޮތް އެއްބަސްވުން އޮތީ، މި އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ ކޮންޓްރެކްޓްގައިވާ ގޮތުން، ކިމިކް އަށް މި މަހު އެއް ވަނަ ދުވަހުން ފެށިގެން ޖަރުމަނު ނޫން އެހެން ގައުމުތަކުގެ ކްލަބްތަކާ އެކު، މަޝްވަރާ ކުރެވޭނެ އެވެ. އެއީ، ޖުލައި އެއް ވަނަ ދުވަހު އެ ޓީމަކާ ގުޅޭގޮތަށް ޕްރީ އެގްރީމަންޓެއް ހެދުމަށެވެ.
ޖަރުމަނުގެ ނޫހެއް ކަމަށްވާ ބިލްޑުން ރިޕޯޓްކުރާގޮތުގައި، ކިމިކްއާ އެކު، ރެއާލުން ވަނީ ޑީލެއްގެ މަޝްވަރާތައް ފަށައިފަ އެވެ. އަދި ކިމިކް އަށް ރެއާލުން އޮތީ މީގެ ކުރިން އެ ޓީމަށް ކުޅުނު ޓޯނީ ކްރޫސް އަށް ދިން ފަދަ ރޯލެއް ދޭ ގޮތަށެވެ.
ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ކިމިކް އަދި މުސްތަގުބަލާ ގުޅޭގޮތުން ސީދާ ގޮތެއް ނުނިންމި ނަމަވެސް، ބަޔާނުން ދީފައިވާ އާ އެއްބަސްވުމަށް ރުހުން ދިނުމާ ގުޅޭގޮތުން އަދި މަޝްވަރާކޮށްފައިނުވެ އެެވެ. އެކަމަކު، ވަރަށް އަވަހަށް ކިމިކް ނިންމާ ގޮތެއް ބަޔާނާ ހިއްސާކުރާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
ކިމިކްގެ ސޮއި ހޯދަން މެންޗެސްޓާ ސިޓީ އާއި ލިވަޕޫލް އަދި ބާސެލޯނާ އިން ވެސް މަސައްކަތްކުރެ އެވެ.
ޑިފެންސާއި މެދުތެރޭގެ އެކި މަގާމުތަކަށް ކުޅޭ ކިމިކް، ބަޔާނަށް ބަދަލުވީ 2015 ވަނަ އަހަރު އެވެ. އޭރު ބަޔާންގެ ކޯޗަކީ، މި ވަގުތު މެންޗެސްޓާ ސިޓީއާ ހަވާލުވެހުރި، ސްޕެއިނުގެ ޕެޕް ގާޑިއޯލާ އެވެ. ބަޔާންގެ ހިންގާ ބޯޑަށް ކިމިކް ގަންނަން އެންމެ ބޮޑަށް ބާރު އެޅީ ގާޑިއޯލާ އެެވެ. ޖަރުމަނުގެ ކްލަބް، އާރްބީ ލައިޕްޒިގުގައި ކިމިކް ހުއްޓައި، ބަޔާނުން އޭނާގެ ސޮއި ހޯދީ 10 މިލިއަން ޑޮލަރުގެ ފީ އެއް ދައްކައިފަ އެވެ.












