ހދ. ނޮޅިވަރަންފަރުގައި ފަތުރުވެރިޔަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދިވެއްސަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ނޮޅިވަރަންފަރުގައި ފަތުރުވެރިންނަށް ހާއްސަ ކުރެވިފައިވާ ބީޗުގައި އިންދާ ފަތުރުވެރިޔަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް އިއްޔެ 14:45 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ 30 އަހަރުގެ ދިވެއްސެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ. އެކަމަކު މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އާންމު ގޮތެއްގައި ދިވެހިން މިގޮތަށް ޖިންސީގޯނާކޮށް، ފުރައްސާރަކުރާ މައްސަލަތަކެއް ފެންމަތި ނުވެ އެވެ.













