ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ފައިސާއަށް ހިޔާނަތްތެރިވެ އެ ފައިސާ ލޯންޑާ ކުރުމުގައި ބައިވެރިވެފައިވާ ކަމަށް ބުނެ އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް މަނީ ލޯންޑާ ކުރަން އެހީތެރިވިކަމުގެ ދައުވާ ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އުފުލައިފި އެވެ.
އެ އޮފީހުން މިއަދު ބުނީ އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ދައުވާ އުފުލަނީ މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން ކަމަށެވެ. އެ ކުންފުންޏަށް ދައުވާ ކުރާ ދެ ސަބަބެއް ޕީޖީން ފާހަގަ ކޮށްފައިވެ އެވެ.
ފުރަތަމަ ސަބަބެއްގެ ގޮތުގައި ޕީޖީން ބުނެފައި ވަނީ އެފްއޭއެމަށް ފީފާއިން ދިން 1.9 މިލިއަން ޑޮލަރުގެ ތެރެއިން 100،000 ޑޮލަރު ނެގޭ ގޮތަށް އެފްއޭއެމްގެ ޗެކެއް އަމީން އެވެނިއުގެ އެޕާޓުމެންޓެއް ގަންނަން އެފްއޭއެމްގެ ކުރީގެ ރައީސް، ބައްސާމް އަލީ ޖަލީލް ދިނުމުން، އެއީ އެފްއޭއެމްގެ ފައިސާކަން އެނގިހުރެ އެ ފައިސާ ބަލައިގަނެފައިވުމެވެ.
ދެވަނަ ސަބަބެއްގެ ގޮތުގައި ބުނެފައި ވަނީ އެ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ ބޭންކް އޮފް ސިލޯނަށް އަމީން އެވެނިއުއިން ސިޓީއެއް ފޮނުވައި، އޭޕްރިލް 14، 2021، ގައި އަމީން އެވެނިއުގެ އެކައުންޓަށް އެ ޑޮލަރުތައް ޖަމާކޮށް، އެ ފައިސާއަށްވާ ދިވެހި ރުފިޔާ އެފްއޭއެމަށް ދެއްކުމުގެ ބަދަލުގައި އެ ފައިސާ އެފްއޭއެމަށް ދީފައިވާކަން ދެއްކުމަށް އަމީން ކޮންސްޓްރަކްޝަންގެ ނަމުގައި ކޭޝް ވައުޗަރުތަކެއް ތައްޔާރުކޮށް މަނީ ލޯންޑާ ކުރުމަށް ބައްސާމަށް އެ ކުންފުނިން އެހީތެރިވެދީފައިވުމެވެ.
އަމީން ކޮންސްޓްރަކްޝަނާ ދެކޮޅަށް ޕީޖީން ދައުވާ ކުރަނީ އެފްއޭއެމަށް ލިބުނު ގެއްލުމުގެ ބަދަލުގައި ޖުމުލަ އެއް މިލިއަން ޑޮލަރު އަމީން ކޮންސްޓްރަކްޝަނުން ނަގައިދިނުމަށާއި އަމީން ކޮންސްޓްރަކްޝަންގެ އެ އަމަލުގެ ސަބަބުން ބައްސާމަށް ހޯދައިގަނެ ބޭނުން ކުރަމުންދިޔަ އަމީން އެވެނިއުގެ ދެ އެޕާޓުމެންޓް ދައުލަތަށް ނަގައިދިނުމަށެވެ.

އަމީން ކޮންސްޓްރަކްޝަންގެ އިތުރުން ވެސް އެފްއޭއެމްގެ މަނީ ލޯންޑާ ކުރުމުގައި ބައްސާމަށް އެހީތެރިވެދިން ކަމުގެ ކުށުގެ ދައުވާ މުހައްމަދު އަގީލް، ފެހިކުރި، ގއ. ގެމެނަފުށި އަށާއި ހަސަން ވަހީދު، މ. ހިރިނައިދޫ ގެ މައްޗަށް ޕީޖީން އުފުލާވައިވެ އެވެ.
އަދި އެ މައްސަލައިގައި ބައްސާމްގެ މައްޗަށް އިތުރު ދައުވާތަކެއް ކުރުމަށް ވެސް ޕީޖީން ވަނީ ކްރިމިނަލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ ދައުވާތައް އެކަނި ބައްސާމްގެ މައްޗަށް ސާބިތުވި ނަމަވެސް އޭނާއަށް 13 އަހަރާއި ނުވަ މަސްދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.










