ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން މި ހަފުތާގައި ރަސްމީ ދަތުރެއްގައި އިންޑިއާ އަށް ޒިޔާރަތް ކުރައްވާނެ ކަމަށް، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓަރުގެ ހައިސިއްޔަތުން ހަލީލު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުގައި ވިއޯން ޓީވީ އަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ ޣައްސާން ވަރަށް އަވަހަށް އިންޑިއާ އަށް ވަޑައިގަންނަވާނެ ކަމަށާއި، އެ ދަތުރުގައި ސަލާމަތާއި ރައްކާތެރިކަމުގެ ދާއިރާއިން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށެވެ.
މިނިސްޓަރު ހަލީލުގެ އިންޓަވިއުއަށް ފަހު، ވިއޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޣައްސާން އިންޑިއާ އަށް ވަޑައިގަންނަވަނީ ޖެނުއަރީ 7-8 އަށެވެ. މިއީ ޑިފެންސް މިނިސްޓަރުގެ ހައިސިއްޔަތުން އޭނާ އިންޑިއާ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ.
ޕީޕީއެމް/ޕީއެންސީ ވެރިކަމަށް އައުމަށް އެންމެ ބޮޑަށް ހިންގި "އިންޑިއާ އައުޓު" ހަރަކާތާއި މި ސަރުކާރާއި މިހާރު ގުޅުމެއް ނެތް ކަމަށާއި، އެ ކެމްޕޭން ހިންގެވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް، ފޮރިން މިނިސްޓަރު ހަލީލު ވިއޯން އަށް ވިދާޅުވި އެވެ.
އިންޑިއާ އައުޓު ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި ޑިފެންސް މިނިސްޓަރު ޣައްސާންގެ އިތުރުން މި ސަރުކާރުގެ ކެބިނެޓުގައި އިސް ވެރިންގެ ތެރެއިން ގިނަ ބަޔަކު އަމަލީ ގޮތުން ބައިވެރިވެވަޑައިގަތެވެ.

ރާއްޖޭގައި ގާއިމުކޮށްފައިވާ އިންޑިއާގެ އަސްކަރިއްޔާ ބޭރުކުރާނެ ކަމަށް ރައީސް މުއިއްޒު ރިޔާސީ އިންތިހާބުގައި ވައުދުވެވަޑައިގެންނެވި ނަމަވެސް، އިންޑިއާގެ އަސްކަރީ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާ ބޯޓު ބޭރު ނުކޮށް، ހަމައެކަނި ބަދަލުކުރީ އެ އުޅަނދުތައް ދުއްވަން ތިބި ޔުނިފޯމު އެޅި އިންޑިއާ ސިފައިންނެވެ. ބަދަލުގައި އިންޑިއާއިން ފޮނުވީ އެ ގައުމުގެ ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ހިންދުސްތާން އޭރޮނެޓިކްސްގެ، ޓެކްނިކަލް މުވައްޒަފުންނެވެ.
މިއީ ރިޔާސީ ވައުދު ފުއްދުން ކަމަށް މި ސަރުކާރުން ދަނީ ބުނަމުންނެވެ.
އިންޑިއާގެ އަސްކަރިއްޔާގެ އުޅަނދުތައް ބޭނުން ކުރަން ނުޖެހޭނެ މޭރުމަކުން، ނޫސްވެރިންގެ ބައްދަލުވުމެއްގައި ޣައްސާން ވިދާޅުވެފައިވެ އެވެ. ނަމަވެސް އިންޑިއާގެ ޑޯނިއާ މަތިންދާ ބޯޓު ވެސް ހެލިކޮޕްޓަރުތައް ވެސް އުދުހެ އެވެ. ބަލި މީހުން އުފުލަން ވެސް ހެލިކޮޕްޓަރު ބޭނުން ކުރެ އެވެ.












