ދުންފަތް އޮޅާ ކަރުދާހާއި ލައްވާ ފިލްޓަރު ފަދަ ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ ތަކެތި މަނާކުރަން ހެލްތު މިނިސްޓްރީން ކަސްޓަމްސް އަށް އަންގައިފި އެވެ.
މިކަން ފެންމަތިވީ ހެލްތުން ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލް ފާތިމަތު ދިޔާނާ އަށް ފޮނުވި ސިޓީއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުންނެވެ. މިއީ ސައްހަ ސިޓީއެއްކަން މި ނޫހަށް މިހާރު ވަނީ ކަށަވަރުވެފަ އެވެ.
ރާއްޖެއަށް ވޭޕް އެތެރެކުރުމާއި ރާއްޖޭގައި ވޭޕް ބޭނުންކުރުން މަނާކޮށް، މި ފަހުން ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް ގެނައި ބަދަލަށް ރިއާޔަތްކޮށް ފޮނުވި މި ސިޓީގައި ބުނެފައިވަނީ އަލަށް ގެނައި އިސްލާހުގައި ދުންފަތުގެ ބާވަތްތައް ރާއްޖޭގައި އުފެއްދުމަކީ މަނާކަމެއް ބުނެފައިވާ ކަމަށެވެ.
އެހެންކަމުން ސިނގިރެޓް، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ ކަމަށާއި އެފަދަ ތަކެތި އަތުލާ ނައްތާލަން ޖެހޭނެ ކަމަށްވެސް ހެލްތު މިނިސްޓްރީގެ ސިޓީގައި ބުނެފައިވެ އެވެ.
ސިޓީގައި ދުންފަތުގެ ބާވަތްތައް ކަމަށް ބުނެފައިވަނީ ގާނޫނުގެ 42 ވަނަ މާއްދާގެ (ދ) ގައި ބުނެފައިވާ ބާވައްތަކެވެ.

titledesc
މިހެންކަމުން މި ސިޓީއާއެކު މަނާވެގެންދާނީ ދުންފަތް އޮޅަން ބޭނުންކުރާ ކަރުދާހާއި ލައްވާ ފިލްޓަރުގެ އިތުރުން އެފަދަ ކަންކަމަށް ބޭނުންކުރާ އާލާތްތަކެވެ.
މިކަމާ ގުޅިގެން ކަސްޓަމްސްގެ ރަސްމީ ބަހެއް މިހާތަނަށް ބުނެފައެއް ނުވެ އެވެ. އަދި ހެލްތު މިނިސްޓްރީގެ ސިޓީއާ ގުޅިގެން މިތަކެތި އެތެރެކުރުން މަނާކޮށް، އެފަދަ އެއްވެސް އެއްޗެއް މިހާތަނަށް ނައްތާލާފައިވާކަމެއްވެސް ނޭނގެ އެވެ.
މި އަޑުތައް ފެތުރުމާއެކު އެފަދަ ތަކެތި ވިއްކާ ފިހާރަތައް ކައިރީގައި އާންމުން ވަނީ ޖަމާވެފަ އެވެ.
އެގޮތުން ރާއްޖޭގައި އެންމެ ފުޅާކޮށް ދުންފަތުގެ ބާވަތްތައް ވިއްކާ އޯސީސީ އަދި ރޫޓު ގެ ފިހާރަތައް ކައިރި އާންމުން ވަނީ ކިއޫ ހަދާފަ އެވެ. މި ވަގުތު މާލެއަށް މޫސުން ރަނގަޅު ނޫން ނަމަވެސް އާންމުވެފައިވާ ފޮޓޯތަކުގައި ގިނަ ބަޔަކު އެ ފިހާރަތައް ދޮށަށް އެއްވެފައިވާތަން ފެނެ އެވެ.
ގާނޫނު ބަދަލުކޮށް ސިނގިރޭޓުގެ އަގުބޮޑު ކުރުމާއެކު ބާޒާރުގައި ސިނގިރޭޓު ފޮށްޓެއްގެ އަގު ވަނީ 100ރ. އިން 250ރ. އަށް ބޮޑުވެފަ އެވެ.
މިކަމާ ގުޅިގެން ގިނަ ބަޔަކު ދުންފަތުގެ އިސްތިއުމާލުކުރުމަށް މިހާރު ބޭނުންކުރަނީ ރޯލިން ޓޮބޭކޯ އެވެ. މިއާއެކު ދުންފަތް އޮޅުމަށް ބޭނުންކުރާ ކަރުދާހާއި ފިލްޓަރަށް އޮތް ޑިމާންޑު ވެސް ވަނީ މަތިވެފަ އެވެ.












