އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސް ހިންގުން މަނާކޮށް، އެކަން ކަސްޓަމްސްގެ ބިންތަކަށް ބަދަލުކޮށްފި

 ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން : އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސް ހިންގުން މަނާކުރިކަން އޭނާ ވަނީ މިއަދު އިއުލާނުކުރައްވާފަ --- ފޮޓޯ: ރައީސް އޮފީސް

ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން : އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސް ހިންގުން މަނާކުރިކަން އޭނާ ވަނީ މިއަދު އިއުލާނުކުރައްވާފަ --- ފޮޓޯ: ރައީސް އޮފީސް

މީގެކުރީގައި އަމިއްލަ ގޭގޭގައި ބޮންޑެޑް ވެއާހައުސްތައް ހިންގޭ ގޮތަށް އޮތް އޮތުން ބަދަލުކޮށް، މީގެ ފަހުން އެފަދަ ގުދަންތައް ހިންގޭނީ ކަސްޓަމްސްގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގައި އެކަނި ކަމުގައި ކަނޑައަޅައިފި އެވެ.

މާލޭގެ ގެއެއްގައި ހުރި ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރޭޓު ގެއްލުނު މައްސަލައަކާ ގުޅިގެން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކުރިން ކަން އޮތްގޮތަކީ ސަލާމަތީ ގޮތުންނާއި ކޮންޓްރޯލް ކުރުމުގެ ގޮތުން ވިސްނިޔަސް އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ.

"ސަރުކާރުން ވަނީ ބޮންޑެޑް ވެއާހައުސް ދެން ހިންގޭނީ ހަމައެކަނި ކަސްޓަމްސްގެ ފުލް ކޮންޓްރޯލް އޮންނަ ސަރަހައްދުތަކުގަ އެކަނި ކަމަށް ކަނޑައަޅާ އެ ސިޔާސަތު ތަންފީޒު ކުރަން ފަށާފަ،" އިހުސާން ލިޔުއްވާފައިވެ އެވެ.

މިކަމާ ގުޅިގެން "އަދަދު" ނޫހާ ވާހަކަދައްކަވަމުން އިހުސާން ވިދާޅުވީ ކުރިން އޮތްގޮތުން ކަސްޓަމްސްގެ އޮފީހެއް ހުންނަ ކޮންމެ ރަށެއްގައި ބޮންޑެޑް ވެއާހައުސް ހިންގޭ ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުގައި ދެން އެކަން ކުރެވޭނީ ހުޅުލެ އަދި ހުޅުމާލޭގައި ހުންނަ ކަސްޓަމްސްގެ ބިންތަކުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން އަމިއްލަ މީހުންގެ ގެތަކުގައި ހުންނަ މިފަދަ ގުދަންތައް ހިންގަނީ ވެރިފަރާތަށް އަދި ކަސްޓަމްސްއަށް ވަކި ދެ ތަޅެއް ހަރުކޮށް، ކަސްޓަމްސްގެ ހުއްދަނެތި ނޫނީ ނުހުޅުވޭ ގޮތަށެވެ. ނަމަވެސް މިގޮތަށް ހިންގި ތަންތަނުން ތަކެތި ގެއްލިފައިވެ އެވެ. އެފަދަ މައްސަލަތަކުގައި ކަސްޓަމްސްގެ އޮފިޝަލުން ބައިވެރިވާ ކަމަށްވެސް ތުހުމަތުކުރެވިފައިވެ އެވެ.

މިގޮތުން، މި ނޫހުން މިއަދު ވާނީ މާލޭގެ ގެއެއްގައި ހުރި މިފަދަ ބޮންޑެޑް ވެއާހައުސް އަކުން ގާތްގަނޑަކަށް 34،500 ސިނގިރޭޓު ކާޓޫނު ގެއްލުނު މައްސަލައެއް ރިޕޯޓުކޮށްފަ އެވެ. މީގެތެރޭގައި ރާއްޖޭގައި އާންމުކޮށް ބޭނުންކުރާ ތިން ބްރޭންޑެއްގެ ސިނގިރޭޓު ހިމެނެ އެވެ.

އިހުސާން އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ މިއީވެސް މިފަދައިން ހިންގި ގުދަނެއް ކަމަށާއި ސިނގިރޭޓު ގެއްލުނު މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ވިދާޅުވެފަ އެވެ. އަދި ގެއްލުނު މުދަލަށް ޑިއުޓީ ދެއްކުމަށް ވެރިފަރާތައް އެންގިފައިވާކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ގެއްލުނު ސިނގިރޭޓުތަކަށް އިމްޕޯޓު ޑިއުޓީ އާއި ރެވެނިއު ސްޓޭމްޕުގެ ގޮތުގައި ދައުލަތަށް ދައްކަން ޖެހޭ ފައިސާގެ އަދަދު މަދުވެގެން 60 މިލިއަން ރުފިޔާއަށް އަރާ ކަމަށްވެ އެވެ. މިތަކެތި ގެއްލުނީ ގާނޫނަށް ބަދަލު ގެނެސް ސިނގިރޭޓާއި ދުންފަތުގެ އުފެއްދުންތަކުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރަން ނިންމި ފަހުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox