މޯލްޑިސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އޭޓީއެމްއެއް ކ. ތުލުސްދޫގައި އިއްޔެ ހުޅުވައިފި އެވެ.
އެ އޭޓީއެމް ހުޅުވައިދެއްވީ އެމްއައިބީގެ ހެޑް އޮފް ޑިޖިޓަލް ބޭންކިން އަރެފޫ ރަހްމާންގެ އިތުރުން ތުލުސްދޫ ކައުންސިލްގެ ނައިބުރައީސް ޝަހީމް އެވެ.
އެމްއައިބީން ބުނީ ތުލުސްދޫގައި ހުޅުވި އޭޓީއެމުން 24 ގަޑިއިރު ހިދުމަތް ލިބުމުގެ އިތުރުން، ފައިސާ ޖަމާ ކުރުމުގެ ހިދުމަތް ވެސް ލިބޭނެ ކަމަށެވެ.
މީގެއިތުރުން ވިސާ އަދި މާސްޓާ ކާޑު ވެސް އެ އެޓީއެމަށް ސަޕޯޓު ކުރާނެ ކަމަށް ވެސް އެމްއައިބީން ވަނީ ބުނެފަ އެވެ.
އެމްއައިބީގެ ހިދުމަތް ކ. އަތޮޅުގެ އިތުރުން ހއ، ހދ. ބ، ޅ، ދ، ލ، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ލިބެ އެވެ.
އެމްއައިބީން އަންނަނީ އެ ބޭންކުގެ ހިދުމަތްތައް މުޅި ރާއްޖެއަށް ފުޅާ ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އަންނަ އަހަރު ވެސް އެ ބޭންކުގެ އޭޓީއެމްތަކާއި ސާވިސް ސެންޓަރުތައް އެކި ރަށްރަށުގައި ހުޅުވުމަށް ވަނީ ރާވައި އިއުލާން ކޮށްފަ އެވެ.









