ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޑިސެމްބަރު 17) - ބްރެޒިލްގެ ފުޓްބޯޅަ ދާ ގޮތާ މެދު އެ ގައުމުގެ މީހުން "ހެޕީއެއް ނޫން" ކަމަށް ބުނެ، މަޝްހޫރު ފޯވާޑް، ރޮނާލްޑޯ ނަޒާރިއޯ، ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަން (ސީބީއެފް)ގެ ރައީސް ކަމަށް ކުރިމަތިލާން ނިންމައިފި އެވެ.
ގްލޯބޯ އަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑޯ ބުނީ، ބްރެޒިލް ފުޓްބޯޅަ ރަނގަޅަށް ނުދާތާ 20 އަހަރުވެފައިވާ ކަމަށާއި އެކަންކަން ބަދަލުކުރަން، 2026 ވަނަ އަހަރު ބާއްވާ ބްރެޒިލް ފުޓްބޯޅައިގެ އިންތިހާބުގައި ރައީސަކަށް ކުރިމަތިލާން ނިންމާފައިވާ ކަމަށެވެ.
"ބްރެޒިލް އޮންނަން ޖެހޭ ހިސާބުގައެއް ނޫން އެ އޮތީ، އެއްވެސް މީހަކު ފުޓްބޯޅައާ މެދު ހެޕީއެއް ނޫން. އެކަން ބަދަލުކުރަން ބޭނުން،" ރޮނާލްޑޯ ބުންޏެވެ.
މީގެ ދެ އަހަރު ކުރިން، ބްރެޒިލްގެ ފުޓްބޯޅަ ރައީސަކަށް އިންތިހާބުވި، އެޑްނާލްޑޯ ރޮޑްރީގޭސްއާ ގުޅޭ މައްސަލަތަކާ ހެދި ކޯޓުން ވަނީ މިދިޔަ އަހަރު އޭނާ މަގާމުން ދުރުކޮށްފަ އެވެ. އެކަމަކު، އަލުން ސުޕްރީމް ކޯޓަށް ހުށަހަޅައިގެން، އެޑްނާލްޑޯ ވަނީ އަލުން މަގާމަށް އަތުވެފަ އެވެ.
ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަންގެ މި ހުރި މައްސަލަތަކާ ހުރެ، އަވަސް އިންތިހާބަކަށްދާނަމަ އަންނަ އަހަރުގެ މާޗް މަހުގެ ފަހުން އެކަން ކުރުމުގެ ފުރުސަތު އޮންނާނެ އެވެ. އެކަމަކު، އަބަސް އިންތިހާބަކަށް ދިއުމުގެ ފުރުސަތު ކުޑަ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ ބްރެޒިލުން އެންމެ ފަހުން ތަށި ހޯދީ 2002 ވަނަ އަހަރު އެވެ. ދެން، 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް އަންނައިރު، ބްރެޒިލަށް ތަށި ނުލިބި 24 އަހަރު ފުރިހަމަވާނެ އެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސަކު ހޮވަން ބާއްވާ އިންތިހާބަށް އެއް ކެންޑިޑޭޓަށް ވުރެ ގިނައިން އެންމެ ފަހުން ވާދަކުރީ 1989 ވަނަ އަހަރު އެވެ. ރޮނާލްޑޯ ދެކޭގޮތުގައި، ދެން ބާއްވާ އިންތިހާބެއްގައި ގިނަ ކެންޑިޑޭޓުން ތަކެއް ފެނުމުގެ ފުރުސަތު އެބައޮތެވެ.
ބްރެޒިލް ފުޓްބޯޅައިގެ ރައީސަކަށް ވުމަށް ފުރިހަމަވާން ޖެހޭ ކަންކަން ކުރުމަށް، ރޮނާލްޑޯ އަށް މުހިންމު ނިންމުމެއް ނިންމަން ޖެހޭނެ އެވެ. އެއީ، ސްޕެއިނުގައި އޭނާ ހިންގަމުން އަންނަ ކްލަބް، ރެއާލް ވަލޮޑޮލިޑްގެ ހިއްސާ ދޫކޮށްލުމެވެ. ރޮނާލްޑޯ ބުނީ އެ ކަމުގެ މަސައްކަތްތައް މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ.








