ދިވެހި ޔޫތު ލީގުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް), ހުއްރިއްޔާ ސްޕޯޓްސް ކްލަބް (ހުރާ) އަދި ވިކްޓަރީ ސްޕޯޓްސް ކްލަބުން ކުޅުނު މެޗުތައް ކާމިޔާބު ކޮށްފި އެވެ.
ބޮޑު ބްރޭކަކަށް ފަހު އިއްޔެ އަލުން ދިވެހި ޔޫތު ލީގުގެ މެޗުތައް ފެށިއިރު، 12 އަހަރުން ދަށުގެ ފުރަތަމަ މެޗުގައި ސަސް އިން ވަނީ ކްލަބް ވެލެންސިއާ 2-0 ގެ ނަތީޖާ އަކުން ބަލިކޮށްފަ އެވެ.
މި މެޗުގައި ސަސް އިން ޖެހި ދެ ގޯލު ވެސް ޖެހީ ފުރަތަމަ ހާފުގެ ފުރަތަމަ 10 މިނެޓުގެ ތެރޭގަ އެވެ. އެ ގޮތުން މެޗުގެ ހަތަރުވަނަ މިނެޓުގައި އަހުމަދު ނާއިން ވަނީ ސަސްގެ ފުރަތަމަ ގޯލު ޖަހައިފަ އެވެ. އަދި މެޗުގެ އަށް ވަނަ މިނެޓުގައި އިބްރާހީމް ޝިޔާލް ޝާފިއު ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފަ އެވެ.
ދެވަނަ މެޗުގައި ސަސްގެ 14 އަހަރުން ދަށުގެ ޓީމުން ނުކުތީ ކްލަބް ވެލެންސިއާ ދެކޮޅަށެވެ. މި މެޗު ފަސޭހަކަމާއެކު ސަސް އިން ކާމިޔާބުކުރީ 5-0 ގެ ނަތީޖާ އަކުންނެވެ.
މެޗުގެ ތިންވަނަ މިނެޓުގައި ސަސް އަށް ލީޑު ނަގާދިނީ އަހުމަދު އިލްފް ސާދިމް އެވެ. ސަސްގެ ލީޑު ފުޅާ ކޮށްދިނީ ފުރަތަމަ ހާފު ނިމެން ދަނިކޮށް އައިމަން އަލީ އެވެ. ސަސްގެ ތިންވަނަ ލަނޑު އިލްފް ޖަހާދިން އިރު, ހަތަރުވަނަ ގޯލު އެ ޓީމަށް ޖަހާދިނީ އީހާން ބިން އިބްރާހީމް އެވެ. އަދި ސަސްގެ ފަހު ލަނޑު އެ ޓީމަށް ޖަހާދިނީ ހުސެއިން ރިލާން ގާސިމް އެވެ.
މީގެ އިތުރުން 12 އަހަރުން ދަށުގައި ރޭ ހުއްރިއްޔާއިން ވިކްޓަރީގެ މައްޗަށް ކުރިހޯދީ 1-0 ގެ ނަތީޖާ އަކުންނެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖަހާދިނީ ޔޫސުފް އީތާން އެވެ.
ރޭ ކުޅުނު ފަހު މެޗުގައި 14 އަހަރުން ދަށުގައި ވިކްޓަރީން ހުއްރިއްޔާގެ މައްޗަށް ކުރިހޯދީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި ވިކްޓަރީން ގޯލް ޖަހާ ލީޑު ނެގިއިރު, މި ގޯލު އެ ޓީމަށް ޖަހާދިނީ މުހައްމަދު ޔަޒްދާން އަހުމަދެވެ. އެކަމަކު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ހުއްރިއްޔާގެ އަހުމަދު މާޒް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ވިކްޓަރީ މެޗުން މޮޅު ކޮށްދިން ގޯލު ދެވަނަ ހާފު ނިމެން ދަނިކޮށް ޖަހާދިނީ ޔަޒްދާން އެވެ.













