އިޒްރޭލުން ރާއްޖެއަށް ނެރެފައި އޮތް ޓްރެވަލް ވާނިންގެ ލެވެލް 2 އިން 3 އަށް މަތިކޮށްފި އެވެ.
އިޒްރޭލުން ނެރުނު ޓްރެވެލް ވާނިންގައި ބުނީ ރާއްޖޭގައި ޓެރެރިސްޓުންނަށް ތާއީދު ކުރާ މީހުން ތިބި ކަމަށާއި އެމީހުންގެ ނުރައްކާ އިޒްރޭލުގެ ރައްޔިތުންނަށް ބޮޑު ކަމަށެވެ. ޒަރޫރީ ބޭނުމަށް ނޫން ގޮތަކަށް ރާއްޖެއަށް އިޒްރޭލުގެ އެއްވެސް ރައްޔިތަކު ދަތުރު ނުކުރުމަށް ވެސް އެ ޓްރެވެލް ވާނިންގައި ވަނީ ބުނެފަ އެވެ.
އިޒްރޭލުން ވަނީ އަރްމީނިއާއަށް ނެރެފައިވާ ޓްރެވެލް ވާނިންގެ ލެވެލް އެކަކުން ދޭކަށް އިތުރު ކޮށް، އިޒްރޭލުގެ ރައްޔިތުންނަށް އަރްމީނިއާގައި ނުރައްކާ އޮތް ކަމަށް ވަނީ ބުނެފަ އެވެ.
ނަމަވެސް ބްރެޒިލްއަށް ނެރެފައި އޮތް ޓްރެވެލް ވާނިންގެ ލެވެލް ދޭކުން އެކަކަށް ވަނީ ދަށް ކޮށްފަ އެވެ.
އިޒްރޭލުން ފަލަސްތީނުގައި ހިންގަމުންދާ ގަތުލްއާންމާ ދެކޮޅަށް ރާއްޖޭގައި ދަނީ ވަރަށް ބޮޑަށް އަޑު އުފުލައި ހަރަކާތްތައް ހިންގަމުންނެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި އެ ގައުމުގެ ރައްޔިތުން ރާއްޖެ އައުން މަނާ ކުރުމަށް ސަރުކާރުން ނިންމާފައި އޮތް ނިންމުން މަޖިލީހުން ފާސް ކުރުމަށް ވެސް ރައްޔިތުން އަންނަނީ ބާރު އަޅަމުންނެވެ. އެ މައްސަލަ މިހާރު އޮތީ ކޮމިޓީ މަރުހަލާގަ އެވެ.












